ނިއު ޕޯޓް ހުސްކުރަން މިތިބީ ތައްޔާރަށް: މޭޔަރު ޝިފާ

ސްޓްރާޑާ އިން ހިންގާ ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ: ސްޓްރާޑާ

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން ހުސްނުކުރި ކަމުގައި ވިޔަސް، އެތަން ހުސްކުރަން ތައްޔާރަށް ތިއްބެވި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެއް މަސް ދުވަސް ދުވަހުގެ ތެރޭގައި ނިއުޕޯޓާއި ޕްލެޓްފޯމް ހުރި ބިން ހުސްކުރުމަށް ނޯޓިސް ދީނީ މިދިޔަ މަހު 11 ވަނަ ދުވަހު އެވެ. އަދި އެ މުއްދަތު މިދިޔަ ބުރާސްފަތު ދުވަހު ހަމަވި ނަމަވެސް މިހާތަނަށް ވެސް އެ ރެސްޓޯރެންޓް ބަންދުކޮށް ހުސްކޮށްފައެއް ނުވެ އެވެ.

މޭޔަރު ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނިއުޕޯޓް ހުސްކުރަން ސިޓީ ކައުންސިލްއަށް އެންގިހާ އަވަހަކަށް އެތަން ހުސްކުރަން ތައްޔާރަށް ތިބި ކަމަށެވެ.

ނިއުޕޯޓު ހިންގާ ސަރަހައްދު ސްޓްރާޑާއަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ދާދި ފަހުން ޒާހިދު ވަނީ އެ މަގާމުން ވަކިވެފަ އެވެ. މިހާރު ސްޓްރާޑާގެ މެނޭޖިންގް ޑިރެކްޓަރަކީ އޭނާގެ އަނބިކަނބަލުން މަލަކާ އަބްދުލްއަޒީޒެވެ.

އޭގެ އިތުރުން، ރިންގްރޯޑު ހެދުމަށް ސްޓްރާޑާއިން ބްރިޖް ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ޗާޓައިމް ތަޅާލުމުގެ ބަދަލު އެ ކުންފުންޏަށް ދައުލަތުން ދީފައި ނުވާ މައްސަލާގައި ވެސް ކޯޓަށް ދާން ނިންމާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.

ޗާޓައިމް ތަޅާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދޭން އުޅުނީ 14.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އެ ފައިސާ ނުދީ މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގުމާ ގުޅިގެން އަދި ވެސް އެ ފައިސާ އެ ކުންފުންޏަށް ދީފައެއް ނުވެ އެވެ.

ނިއުޕޯޓު ވިއު ހުސްކުރަން އެންގި މައްސަލައާއި ރިންގްރޯޑު ހެދުމަށްޓަކައި، ބްރިޖު ވިއުއިންގް ޕްލެޓްފޯމްގައި ކުރިން ހިންގި ޗާޓައިމް ތަޅާލި މައްސަލައިގައި ދައުވާކުރަން ނިންމައިފައިވާ ކަމަށް ވެސް ސްޓްރާޑާއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް