ދިވެހީންގެ މަސްބުރި ރިހަ، ބަދަލު ނުވި މީރު ރަހައެއް!

މަސްބުރި ރިހަ، މިއީ ވަރަށްކުރީއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު ކެއުމެއް

ދިވެހި ކެއުމާއި، ދިވެހި ރަހަތަކަކީ އަބަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ހާއްސަ ޖާގައެއް ހޯދާފައިވާ ތަކެއްޗެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އަޅުގަނޑުގެ މަންމަ ވަރަށް އަވަދިނެތި އުޅުނީ މަސްބުރި ރިހަ ތައްޔާރުކުރުމުގައެވެ. މަންމަގެ މި މަސައްކަތުގެ ތެރެއިން ކުޑަ މަންޒަރެއް ވީޑިއޯ ކޮށްފައި ޓްވިޓާގައި ހިއްސާކޮށްލީ ކޮންމެވެސް ބަޔަކަށް މި މަސައްކަތް ދައްކާލަދިނުމުގެ އުންމީދުގައެވެ.

އެހެނަސް ހީކުރި ގޮތާއި ހިލާފަށް މި ވީޑިއޯ ފެނުނީ މަދު ބަޔަކަށެއް ނޫނެވެ. އެންމެ ހާހެއްހާ މީހުން ފޮލޯކުރަމުންދިޔަ އަޅުގަނޑުގެ މި ޓްވީޓް މިވަނީ މިވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި އަށްހާހަށްވުރެ ގިނަ މީހުންނަށް ފެނިފައެވެ. އެހެންކަމުން މިކަމާއި ބެހޭގޮތުން ދެތިންބަހެއް ލިޔެ ނުލާ ދޫކޮށްލެވޭކަށެއް ގައިމުވެސް ނެތެވެ.

މާމަމެންގެ ޒަމާނުއްސުރެވެސް ހާއްސަ ކެއުމެއް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހުރުވައިގެ ތަފާތުތަކެއް އަދި އާދަކާދައިގެ ތަފާތުތަކެއްވެސް ހުރެއެވެ. މިގޮތުން މަސްބުރި ރިހައަށްވެސް ތަފާތު ނަންތަކެއް އެކި ސަރަހައްދުތަކުގައި ކިޔާއުޅެއެވެ. ގައްދޫބަހުން ކިޔަނީ މަހަބުރި ރެހެ (މަސްބުރި ރިހައެވެ) އެވެ. ނަމަވެސް މި ޓްވީޓަށް އެކި މީހުން ކުރި ކޮމެންޓްތަކުން އެނގުނުގޮތުގައި، ކަނޑު ކުކުޅު، މުސަންމާ، ބޮޑި ރިހަ އަދި މަހާޑޮ ވެސް ކިޔާއުޅެއެވެ. އެހެންކަމުން މި ރިހަތައްޔާރުކުރުމުގައިވެސް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް އެކި ރަށްރަށުގައި ހުރުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.

މަސްބުރި ރިހަ ރެސިޕީ، އަވަހަށް ތައްޔާރުކޮށްލާ

މި ޓްވީޓްފެނި ކުޅު ދިޔާވި އެންމެންނަށާއި، އަދި ތަފާތު ހަނދާންތަކެއް އާވި އެންމެންނަށް މިއޮތީ ހަދިޔާއެކެވެ. އަވަހަށް މަސްބުރި ރިހަ ތައްޔާރު ކުރަން އުޅޭށެވެ.

މަސްބުރި ރިހަ ހެދުމަށް ބޭނުންވާ އެންމެ މުހިންމު އެއްޗަކީ ތާޒާ ކަނޑުމަހެވެ. ބޭނުންނަމަ ފަރުމަސްވެސް ބޭނުންކުރެވިދާނެއެވެ. ތުނިކޮށް އަދި އޮޅާލަން ފަސޭހަވާނެ ގޮތަށް މަސް ކޮށާލުމަށްފަހު ޅިޔަ އަޅާލާސެވެ. އަދި ދިވެހި ހުނި ހަވާދު ނުވަތަ ހަނާކުރި ހަވާދުކޮޅެއްގެ ތެރެއަށް ފިޔަ،ލޮނުމެދު، އިނގުރު އަދި ގިތެޔޮ މިރުސް ކޮޅެއް އަޅާލުމަށްފަހު ފުނޑާލާށެވެ. އެއަށްފަހު ވީޑިއޯ އިން ފެންނަ ފަދައިން ރަނގަޅަށް މަހުގައި ހާކާލާށެވެ. އެއަށްފަހު ރާނބާފަތްކޮޅެއް އަލިފާނަށްލައި ވިލުވާލުމަށްފަހު ރޮދި ކޮޅެއް ވަރުގެ ސައިޒަކަށް ކުޑަކުރުމަށްފަހު މަހުގައި އޮޅާ އައްސާލާށެވެ.

އެއަށްފަހު ބޯކިރުކޮޅަކާއި ފެންފޮދެއް އަދި ކުޑަ ހަވާދުކޮޅެއްގެ ތެރެއަށްލައި ރޯފިލަންދެން މަސްތައް ކައްކާލާށެވެ. އިހުގައި މަސްބުރި ރިހަކައްކަނީ އެކެއުމުގެ ކުރީ ރެއެވެ. އަދި ރިހައިގެ ދިޔަގަޑު ހަދަނީ އެދުވަހެއްގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ނަންނަމުން އެކި ގޮތަށްމި ރިހަ ހެދިއަސް، އަދިއަދާހަމައަށްވެސް ބަދަލުނުވެ އޮތް އެއް ކަމަކީ މަސްބުރި ރިހައިގެ މީރު ކަމެވެ. އެ ރަހައަކަށް ބަދަލެއް ނާންނަ ފަދައެވެ.

comment ކޮމެންޓް