ގައުމީ ތާރީޚީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢިލްމީ ދަންފަޅިއެއް ބާއްވައިފި

ގައުމީ ތާރީޚީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީއާ ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ގުޅިގެން ބޭއްވި ޢިލްމީ ދަންފަޅި — ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގައުމީ ތާރީޚީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީއާ ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ގުޅިގެން ޢިލްމީ ދަންފަޅިއެއް ބާއްވައިފިއެވެ.

މި ދަންފަޅިއަކީ، ރާއްޖޭގެ ތާރީޚާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ދަންފަޅިއެކެވެ. މި ދަންފަޅީގައި ދުވަހާ ގުޅޭގޮތުން އައްޝައިޙް އިބްރާހީމް އަހްމަދު ވަނީ، ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމުގައި ރާއްޖޭގެ ތާރީޚުގެ ތެރެއިން ދަތުރުފަތުރުކޮށް އުޅުނު ގޮތާއި، އަމިއްލަ ބަހަކާއި އަކުރެއް އޮތުމުގެ މައްޗަށް އަދި ދިވެހި ފައިސާގެ މައްޗަށް ވަރަށް ތަފުސީލީ ގޮތެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން އެއްޗެއް ތާރީޚަކަށް ވާނީ އަދި ތާރީޚުގެ ގޮތުގައި ލިޔެވޭނީ 50 އަހަރު ފަހުންކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހި ތާރީޚު އެންމެ ފުރަތަމަ ލިޔެވެން ފެށިގޮތަށް ވެސް އައްޝައިޙް އިބްރާހީމް އަހްމަދު ވަނީ އަލި އަޅުއްވައިލައްވާފައެވެ.

ރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވި ބޭފުޅަކީ އަލްގާޟީ ހަސަން ތާޖުއްދީނެވެ. އެ މަނިކުފާނު މި މަސައްކަތްޕުޅު ކުރެއްވީ އައްސުލްތާން މުޡައްފަރު މުހައްމަދު އިމާދުއްދީން (ދެވަނަ)އިގެ އަމުރުފުޅަށެވެ.

މީގެ އިތުރުން، އައްޝައިޙް އިބްރާހީމް އަހްމަދާ އެކު ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމާއި ވޮރެންޓް އޮފިސާ 3 ރިޓަޔާޑް ޖައުފަރް އަބްދުއްރަހްމާން ހިމެނިވަޑައިގެންނަވާ ޕެނަލްއަކުން ވަނީ ރާއްޖޭގެ ތާރީޚާ ގުޅިގެން މަޝްވަރާކޮށް ވާހަކަ ދައްކަވާފައެވެ.

މި ދަންފަޅީގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ، އަޝްރަފް އަބްދުއްރަހީމް ވިދަޅުވީ، ދިވެހިރާއްޖޭގެ ރައްޔިތަކަށް ވީތީ ފަޚުރުވެރިވާންވީ ސަބަބުތައް މި ދަންފަޅިން ވަރަށް ސާފުކޮށް ކިޔައިދެއްވައިފި ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ގައުމުގެ ދިގު ތާރީޚުގެ ތެރޭގައި އަޅުގަނޑުމެންނަކީ ކޮން ބައެއް ކަމާއި، އަޅުގަނޑުމެން އަޅުގަނޑުމެންގެ ގޮތުގައި މިހާހިސާބަށް ދެމެހެއްޓިފައިމިވަނީ އަޅުގަނޑުމެންގެ ހުރި ގާބިލް ސިފަތަކެއްގެ ސަބަބުންކަން ވެސް އަޅުގަނޑުމެންނަށް އެނގިއްޖެ،" އަޝްރަފް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚީ ދުވަހަކީ ފެބްރުއަރީ 27 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތް ވަނީ އަލްގާޟީ ހަސަން ތާޖުއްދީން ދުނިޔެ ދޫކުރެއްވި ދުވަހަށެވެ. މީލާދީ ގޮތުން އެ ދުވަސް ދިމާވަނީ 1727ވަނަ އަހަރުގެ ފެންރުއަރީ 27ވަނަ ދުވަހާއެވެ.

އެންމެ ފުރަތަމަ ގައުމީ ތާރީޚީ ދުވަހެއް ފާހަގަކުރީ 2018ވަނަ އަހަރުއެވެ.

comment ކޮމެންޓް