އިލްމުގެ ބޭނުންހިފައި، އާ ޝަހުސިއްޔަތެއް ބިނާކުރުމަށް ރައީސް ގޮވާލައްވައިފި

އެމްއެންޔޫގެ ގްރެޖުއޭޝަންގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީހާގެ ކިބައިގައި ޙިކްމަތްތެރިކަން އުފަންވެގެން އަންނަނީ، އޭނާގެ ބުއްދިއާއި ވިސްނުން ތަރައްޤީ ކުރި މިންވަރަކުންކަން ކަމަށާއި، އިލްމުގެ ބޭނުންހިފައި، މީހާގެ ކިބާގައި އާ ޝަހުސިއްޔަތެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންސާނާގެ ޝަހުސިއްޔަތު ބިނާވެގެން އަންނަނީ، މީހާއަށް ލިބިފައިވާ އިލްމުގެ ބޭނުން ހިފާ ގޮތަކުން ކަމަށެވެ.

"ތިޔައިގެ ތެރެއިން ކޮންމެ ދަރިވަރަކު ވެސް، މިރެއިން ފެށިގެން ޢަޒުމް ކަނޑައަޅަންވީ، ތިމާ އުނގެނުނު ޢިލްމުގެ އެހީގައި، ތިމާގެ ކިބައިގައި މުޅިން އައު ޝަޚްޞިއްޔަތެއް އުފަން ކުރުވަން" ރައީސް ވިދާޅުވީ ޔުނިވަރސިޓީން ޢިލްމާއި ހުނަރު ދެވިދާނެ ކަމަށާއި، ނަމަވެސް ބުއްދި ތަރައްގީ ކުރުމަކީ، އެ ދަރިވަރެއްގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.

އެމްއެންޔޫގެ ގްރެޖުއޭޝަންގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސްސ ވިދާޅުވީ ދިވެހިންގެ ތެރޭގައި ކިޔަވައިގެން ސެޓްފިކެޓް ހާސިލް ކޮށްގެންތިބި މީހުން ވަރަށް ގިނަ ކަމަށެވެ. އެކަމަކު ލިބިފައިވާ އިލްމާއި އެއްވަރަށް ހިކްމަތްތެރިކަމާ އެކު ކަންކަން ކުރާނެ މީހުން ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

"އިންސާނާގެ ޝަހުސިއްޔަތު ބިނާވެގެން އަންނަނީ، ލިބިހުރި އިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިލްމުގެ ބޭނުންކޮށްގެން އުފަންކުރާ އާ ޝަހުސިއްޔަތަކީ އަނެކާއަށް އޯގާތެރިވެ ކަމޭހިތާ، އަނެކާގެ އިހުސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގާ ޝަހުސިއްޔަތަކަށް ވާންޖެހޭނެ ކަމަށެވެ.

"އެއީ އަނެކުންނަށް އޯގާތެރިވެ ކަމޭހިތާ، އަދި އަނެކުންގެ އިހުސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގާ ޝަހުސިއްޔަތެއް. ހައްގު ގޮތަކީ، އެންމެ އަދުލުވެރި ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރާ ކޮރަޕްޝަނާ ހިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ ޝަހުސިއްޔަތެއް،"

ރައީސް ވަނީ ގައުމުގެ ހާލަތާމެދު ވިސްނައި ގައުމަށްޓަކާ ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުމަށް ދަސްވެނިންނަށް ގޮވާލައްވައިފައެވެ. ރައީސް ވިދާޅުވީ ގައުމީ ތަރައްގީގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ގައުމީ ޔުނިވާސިޓީ އަކީ މުހިއްމު ބައިވެރިއެއް ކަމަށެވެ. ގައުމީ ޔުނިވާސިޓީ އިން މިރޭ ދަސްވެނިވި ދަރިވަރުންގެ ތެރެއިން 78 ޕަސެންޓު ދަރިވަރުންނަކީ އަންހެން ދަރިވަރުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"ނިމިދިޔަ އިންތިހާބުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީވެސް އެންމެ ހަތަރު އަންހެން ބޭފުޅުން. އެއީ، މުޅި މަޖިލީހުގެ އެންމެ 4.5 އިންސައްތަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރާއްޖޭގެ ހޭލުންތެރިކަމާއި ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ މިއަށްވުރެ އިތުރުވާންޖެހޭނެ. އެކަމަށް ފައްކާވެފައި ތިބި ދިވެހި އަންހެނުން ވަރަށް ގިނަ،" ރައީސް ވިދާޅުވިއެވެ.

އެމްއެންޔޫގެ ގްރެޖުއޭޝަންގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ތަޢުލީމީ މައިދާނުގައި ކުރިއަރައިގެން ތިޔަ ދާ ހަލުވިމިނުގައި، ހަޔާތުގެ އެހެން މައިދާންތަކުގައި ވެސް ކުރިއަރައި ދިޔުމަށް، ތިޔަ ޒުވާން އަންހެނުންނަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. މިރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ގައުމުގެ މަތީ މަގާމުތަކަށް، ތިޔަ ފަދަ ދިވެހި އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު." ރައީސް ވިދާޅުވިއެވެ.

ގައުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ގައުމީ ޔުނިވާސިޓީ އިން ކުރާ މަސައްކަތް ރައީސް ފާހަގަ ކުރެއްވިއެވެ. އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށާފައިވާއިރު މިހާރު ދިވެހިންގެ އުއްމީދަކީ އެމްއެންޔޫގެ މެޑިކަލް ކޮލެޖުން ސްޕެޝަލިސްޓުން ތަމްރީނު ކުރަން ފެށުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔުނިވާސިޓީ ތައުލީމުގެ ބޭނުމަކީ، ހަމައެކަނި ދަރިވަރުންތަކެއް އުފެއްދުން ނޫން ކަމަށެވެ.

"ޔުނިވާސިޓީއަކީ ތަފާތު ދާއިރާތަކުގެ މުދައްރިސުން، އިންޖިނޭރުން، އާކިޓެކްޓުން، ނަރުހުންނާއި ޑޮކްޓަރުން، އަދި ޤާރީންނާއި، އިމާމުންނާއި، ނޫސްވެރިން ފަދަ ތަފާތު ފަންނުވެރިން އުފަންކުރުވާ ތަނެއް،"

އެމަނިކުފާނު ވިދާޅުވީ މީހުން ބިނާކުރުމުގައި އެމްއެންޔޫއިން ކުރަނީ އުއްމީދީ މަސައްކަތެއް ކަމަށާއި މުޅި ރާއްޖެއަށް މަތީ ތަޢުލީމް ފުޅާކުރުމަށް ގައުމީ ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް