އޮމާނުން މިދިޔަ މަހު 2،000އަށް ވުރެ ގިނަ ބޭރު މީހުން ޑީޕޯޓު ކުރި

އޮމާންއިން މިދިޔަ މަސް ތެރޭ 2،000 ބޭރު މީހުން ޑިޕޯޓުކޮށްލާފަ -- ފޮޓޯ: ޓައިމްސް އޮފް އޮމާން

މަސްކަތު (އޭޕްރިލް 10): އޮމާންއިން މިދިޔަ މަހު 2،000 އަށް ވުރެ ގިނަ ބޭރު މީހުން ޑީޕޯޓު ކުރި ކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.

ޓައިމްސް އޮފް އޮމާންގައިވާ ގޮތުން އެގައުމުން އެއް މަސް ތެރޭ 2،969 ބޭރު މީހުން ޑީޕޯޓުކުރީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ހިލާފުވުމުގެ ސަބަބުންނެވެ. އަދި އެކަމަށް ހާއްސަކޮށް މިނިސްޓްރީ އޮފް މޭންޕަވާއާއި ރޯޔަލް އޮމާން ޕޮލިސްއާއި އެހެން އިދާރާތަކާ ގުޅިގެން ހަދާފައިވާ ޓީމަކުން ވަނީ ގާތްގަނޑަކަށް 3،000 މީހުން ހައްޔަރުކޮށްފައެވެ.

އެގޮތުން މާޗް ތިނެކުން 30އަށް ކުރިއަށްގެންދިޔަ އެއޮޕަރޭޝަނުގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރެއިން 1،234 މީހުންނަކީ އެމީހުން އަދާ ކުރަމުން އައި ވަޒީފާ ދޫކޮށްލާފައިވާ މީހުންނެވެ. އަދި 1،404 މީހުންނަކީ ފްރީލޭންސްކޮށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.

އޮމާންގެ ނެޝަނަލް ސެންޓާ ފޯ ސްޓެޓިސްޓިކްސް އެންޑް އިންފޮމޭޝަނުން ބުނާ ގޮތުގައި އެގައުމުގެ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ 88 ޕަސެންޓު މީހުންނަކީ އެހެން ގައުމުތަކުންދާ މީހުންނެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ އެދާއިރާގައި އޮމާންގެ ރައްޔިތުން ގިނަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޮމާންއިން ވަނީ އެގައުމުގެ 87 ވަޒީފާއަކަށް ބޭރު މީހުން އައްޔަން ކުރުން މަނާކޮށްފަ އެވެ. ހަ މަހަށް ފުރަތަމަ ނެރުނު އެއަމުރު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އާއި މިއަހަރުގެ ފެބްރުއަރީ މަހު އަނެއްކާވެސް ހަ މަހަށް އިތުރުކޮށްފައެވެ.

އޮމާންގެ އިތުރުން ސައުދީ އަރަބިއްޔާއާއި ކުވޭތު ފަދަ ގައުމުތަކުންވެސް ވަނީ އެގައުމުތަކުގައި މަސައްކަތްކުރާ ބޭރު މީހުންގެ އަދަދު މަދުކޮށް، އެ ވަޒީފާތަކުގައި އަމިއްލަ ގައުމުގެ ރައްޔިތުން ގިނަކުރުމުގެ މަސައްކަތް ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް