މާމިގިލީ ދާއިރާގެ ވޯޓު އަލުން ގުނުމުން ގާސިމަށް ވޯޓު އިތުރުވެއްޖެ

މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް: އެ ދާއިރާގެ ވޯޓު އަލުން ގުނުމުން ގާސިމަށް ވަނީ ވޯޓު އިތުރުވެފައި -- ފައިލް ފޮޓޯ/ މަޖިލިސް

އދ. މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނުމުން އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހޮވިވަޑައިގަތް އަދި މިހާރު ވެސް އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ވޯޓު އިތުރުވެއްޖެ އެވެ.

މާމިގިލީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާސިމް އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒްއާ ވާދަކޮށް 80 ވޯޓުގެ ތަފާތުންނެވެ. އަދި ބާތިލު 190 ވޯޓު އޮތެވެ.

އީސީގެ އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީނުގައި މިރޭ އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމަށް ވަނީ 64 ވޯޓު އިތުރުވެފަ އެވެ. އަދި އަމީޒަށް ވަނީ 45 ވޯޓު އިތުރު ވެފަ އެވެ.

އެހެން ކަމުން ގާސިމް އިބްރާހިމަށް މިހާރު ލިބެނީ 1145 ވޯޓެވެ. އަދި އަމީޒަށް ލިބެނީ 1046 ވޯޓެވެ. އަދި ގާސިމް އިންތިހާބު ކާމިޔާބު ކުރެއްވި ފަރަގު މިވަނީ 99 ވޯޓަށް އިތުރުވެފަ އެވެ.

މިރޭ އަލުން ގުނާފައި ވަނީ މާމިގިލީގައި ބެހެއްޓި ތިން ފޮއްޓެވެ.

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން މާމިގިލީ ދާއިރާއާ އެކު ޖުމްލަ ހަ ވޯޓު ފޮއްޓެއްގެ "ސެކިއުރިޓީ އުރަ ކަނޑަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް