އެންމެ ފަހުން ރާއްޖެ އައި ކޮމަންވެލްތުގެ ވަފްދުން ފާހަގަކޮށްފައިވާ ނުރަނގަޅު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކުރުން، ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބަށް ތައްޔާރުވަމުން ދިޔަ އިރު ވެސް ފެނިފައިވާ ކަމަށް ކޮމަންވެލްތުގެ ވަފްދުން ބުނެފި އެވެ.
ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބު އޮބްޒާވު ކުރުމަށް، އިލެކްޝަންސް ކޮމިޝަންގެ ދައުވަތަކަށް އައި ކޮމަންވެލްތުގެ ވަފުދުން ނޫސްވެރިންނާ މިއަދު ބައްދަލުކޮށް، އެ ވަފުދުގެ ޗެއާމަން ބްރޫސް ގޯލްޑިންގް ވިދާޅުވީ ވޯޓު ވިއްކުމާއި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރިތަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރެއިން ވެސް ފެނިފައިވާ ކަމަށެވެ.
"ވޯޓު ވިއްކުމާއި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކެމްޕެއިން ހަރަކާތްތަކަށް ފައިސާ ހަރަދުކުރާނެ ގޮތްތައް ހޯދުމާއި ސިވިކް އެޑިއުކޭޝަން ފުޅާކުރުން ހިމެނޭ. އަޅުގަނޑުމެންގެ އޮފިޝަލް ރިޕޯޓުގައި މިކަންތައްތައް އިތުރަށް ތަފްސީލުކޮށް މި ކަންތައްތައް ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރާނަން،" ގޯލްޑިންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަފުދުގެ ބޭފުޅުންގެ ސަމާލުކަމަށް ދެކަމެއް ތަކުރާރުކޮށް އައިސްފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ މުވައްސަސާތައް މިނިވަން ކުރުމާއި ތިން ބާރު ވަކިވެފައިވާ ނިޒާމް އޭގެ އެެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް ޖުޑިޝަރީ އާއި ވެރިކަންކުރާ ބާރު އަދި ގާނޫނު ހަދާ މަޖިލީހުގެ ބާރު އެކަތި އަނެކެއްޗާ އެއްނުވާނެ ގޮތަކަށް ބެހެއްޓުން ކަމަށެވެ.
ގޯލްޑިންގް ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު އަދި ވެސް މަދުކަން ފާހަގަ ކުރައްވައިފަ އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ 386 ކެންޑިޑޭޓުންގެ ތެރެއިން އަންހެން ކެނޑިޑޭޓުންގެ އަދަދަކީ އެންމެ 35 ބޭފުޅުން ކަމަށް ގޯލްޑިންގް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ އަންހެން ބޭފުޅުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެެހެންނަމަވެސް ގޯލްޑިންގް ވަނީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ގިނައިން ހަރަކާތްތެރިވެފައި ވަނީ އަންހެން ބޭފުޅުންކަށް ފާހަގަކޮށް ވޯޓުލާ ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރި ވެފައި ވަނީ ހަމައެކަނި އަންހެނުންކަން ފާހަގަކުރައްވައިފަ އެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުންގެ ޕްރޮފެޝަނަލިޒަމަށް ގޯލްޑިންގް ވަނީ ތައުރީފު ކުރައްވައިފަ އެވެ.
އަމާން އަދި ސުލްހަވެރި އިންތިހާބެއް ކުރިއަށް ގެންދެވުނު ކަމަށް ޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ގޯލްޑިންގް ވަނީ ގަޑިއަށް ވޯޓުލާން ފެށުނުކަށް ފާހަކޮށް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން އަންނަ މީހުންގެ ފުރިހަމަ މައުލޫމާތު ލިބެން ހުރިކަމަށާއި އިނގިލީގައި ފާހަގަ ޖެހުމަށް ފަހު ވޯޓުލާ ފޮއްޓާ ހަމައަށް ދިއުމުގެ ކުރިން ވޯޓު ކަރުދާސް އަތަށް ލިބޭ ކަމަށް ފާހަގަކޮށްކަފެ އެވެ.
އޭނާގެ ވާހަކާގައި އިތުރަށް ވިދާޅުވީ މީޑިއާ ކެންޑިޑޭޓުން، އާންމު ރައްޔިތުން އަދި ޕާޓީތަކުގެ މޮނިޓަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި ކަމުގަ އެވެ.
އަދި އޭނާ ވަނީ ޓެކްނޮލަޖީގެ ބޭނުން ވޯޓުލާ މަރުކަޒުތަކުގަ އާއި ވޯޓު ގުނުމުގައި ބޭނުން ކުރަމުން އަންނާތީވެ، އެކަމަށް ތައުރީފުކޮށްފަ އެވެ.
އިލެކްޝަންސް މެނޭޖްމެންޓް ސެންޓަރަށް ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުނަށް ވަދުމުގެ ހުއްދަ ދީފައި ވާތީ އެކަމަކީ ކުރުން ރަގަނޅު ކަމެއް ކަމުގައި ގޯލްޑިންގް ވިދާޅުވި އެވެ.
ގޯލްޑިންގް ވަނީ ދާއިމީ ނަތީޖާ އަށް ހަމަޖެހިގެން މަޑުކުރަން ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
"އަނެއްކާ ވެސް ރައްޔިތުން މިވަނީ ގައުމުގެ ސިޔާސީ މާހައުލު އިތުރަށް ކުރިއެރުވުމަށް ފިޔަވަޅު އަޅާފައި. ރައްޔިތުންގެ އަޑުއަހާ އެމީހުންގެ އިހްސާސްތައް އެންމެ ފުރިހަމަ ގޮތުގައި ދެނެގަތުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް، ރައްޔިތުން އިންތިހާބު ކޮށްފައިވާ ލީޑަރުންނަށް އަޅުގަނޑުމެން ގޮވާލަން."