ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރަން ރާއްޖެއިން ބޮޑެތި މަސައްކަތްތަކެއް ކުރޭ: ނައިބު ރައީސް

ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިން (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހެޔޮވެރިކަމެއް ކުރިއެރުވުމަށާއި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިން (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ސުލްހަމަސަލަސްކަމާއި، ތަފާތު ފިކުރުތަކަށް އިހުތިރާމްކުރުމަކީ، މުޖުތަމައުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައްކަން ފާހަގަކުރެއްވިއެވެ. އެ އަސާސްތަކުގެ ސަބަބުން ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާ އެކު ރާއްޖޭގައި ބޭއްވިފައިވާކަމީ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ދަލީލުކޮށްދޭ ކަމެއްކަމަށެވެ.

މީގެ އިތުރުން، އެ އިންތިޚާބުތައް އޮބްޒާވްކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކުރައްވާފައިވާ މުހިންމު ދައުރަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއެކު ކޮމަންވެލްތުގެ އިންތިޚާބީ އެހީތެރިކަން އިތުރަށް ހަރުދަނާކުރެއްވުމަށާއި، އިންތިޚާބާ ބެހޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނުކުރެއްވުމާއި، މުޅި އިންތިޚާބާ ބެހޭ ނިޒާމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލެއްވުމާއި، އިންތިޚާބާބެހޭ އޮބްޒަވޭޝަން ރިޕޯޓްތަކުގެ ދުވެލި ހަލުވިކުރެއްވުމާއި، ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް އޮބްޒަވޭޝަން ގުރޫޕުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ލަފާދެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރެއްވުމަށް، ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ސަމޯއާގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އިސް ލީޑަރެއްގެ ގޮތުގައި، މިފަހަރު ވަޑައިގެންނެވީ ނައިބު ރައީސެވެ.

comment ކޮމެންޓް