ސައުތު އެފްރިކާގައި ރާއްޖެ އިޝްތިހާރު ކުރަނީ

ސައުތުއެފްރިކާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތް -- ފޮޓޯ :އެމްއެމްޕީއާރުސީ

ސައުތު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އިން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

އެގޮތުން "ޖާނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި ރޯޑް ޝޯއެއް މިހާރު ވަނީ ފަށައިފައެވެ. މި ރޯޑްޝޯގެ ފުރަތަމަބައި ސައުތު އެފްރިކާގެ ޖޮހަނަސްބާގް އަދި ކޭޕް ޓައުން ގައި މިހާރު ކުރިއަށްދާއިރު، މި ރޯޑްޝޯއަށް ފަހު ޑަބްލިއު ޓީއެމް އެފްރިކާގައި ރާއްޖެ އިޝްތިހާރު ކުރާނެއެވެ.

މި ފެއާގައި އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެއެވެ.

ސައުތުއެފްރިކާގެ ދެ ސިޓީއެއްގައި ކުރިއަށްދާ ރޯޑްޝޯގައި ރާއްޖޭގެ ކެއުންތައް ތަޖުރިބާ ކުރުމުގެ އިތުރުން ވާޗުއަލް ޓީވީ މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ބަލަައިލުމާއި ސޯޝަލް މީޑިއާ ކެމްޕެއިންތައް ކުރިއަށް ގެންދާއިރު ފަސް ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ވެސް ދޭން ވަނީ ނިންމައިފައެވެ. މި ދަތުރުތަކަކީ ރޮބިންސަން ކްލަބް މޯލްޑިވްސް އާއި ވިލާ ހޮޓެލްސް އަދި ކްރައުން އެންޑް ޗަމްޕާ ހޮޓެލްސް އިން ސްޕޮންސާ ކޮށްފައިވާ ދަތުރުތަކެކެވެ.

ސައުތު އެފްރިކާ މާކެޓަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 9.9 ޕަސެންޓަކީ ސައުތު އެފްރިކާ އިން ޒިޔާރަތްކުރި ފަތުުރުވެރިންނެވެ. އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތުއެފްރިކާ އިން ސީދާ ދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ މާކެޓު ދަނީ ފުޅާވަމުންނެވެ.

comment ކޮމެންޓް