ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓީއެފްޖީ ގުޅިގެން ބާޢްވާ ބީއެމްއެލް ވާއު ކިޑްޒް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް ވާއު ކިޑްޒް ރަން އަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދުވުމެކެވެ. މިމަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި ހަތަރު އުމުރުފުރާއަކުން ކުދިންނަށް ބައިވެރިވެވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން ދުވުމުގައި ބައިވެރިވުމަށް 300 ޖާގަ ވަނީ ހުޅުވާލައިފައެވެ.
ދުވުމުގައި ބައިވެރިވެވޭ އުމުރުފުރާ ތަކަކީ:
- ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާ (މި އިމުރުފުރާގެ ކުދިން ދުވުމުގައި ބައިވެރިވާނީ ބެލެނިވެރިޔަކާ އެކު. ދުވަން ޖެހެނީ ދެ ކިލޯ މީޓަރަށް)
- ހަ އަހަރާއި އަށް އަހަރާ ދެމެދުގެ އުމުރުފުރާ (މި އިމުރުފުރާގެ ކުދިން ދުވުމުގައި ބައިވެރިވާނީ ބެލެނިވެރިޔަކާ އެކު. ދުވަން ޖެހެނީ ދެ ކިލޯ މީޓަރަށް)
- އަށް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ (މި އުމުރުފުރާގެ ކުދިން ދުވުމުގައި ބައިވެރިވާނީ ބެލެނިވެރިޔަކާ އެކު. ދުވަން ޖެހެނީ ތިން ކިލޯ މީޓަރަށް)
- މީގެ އިތުރުން މި އަހަރުގެ ދުވުމަށް 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ ވަނީ އިތުރުކޮށްފަ އެވެ. މި އުމުރުފުރާގެ ކުދިން ދުވަންޖެހޭނީ ހަތަރު ކިލޯ މީޓަރަށެވެ.
ދުވުމުގައި ބައިވެރިވުމުގެ ފީއަކީ 10 އަހަރާއި 13 އަހަރާ ދެމެދުގެ ކެޓަގަރީއަށް 199 ރުފިޔާ އެވެ. އަނެއް ތިން ކެޓަގަރީގައި ބައިވެރިވުމުގެ ފީއަކީ 299 ރުފިޔާ އެވެ. އެއީ ކުއްޖާ އާއި ބެލެނިވެރިޔާގެ ޓީޝާޓް އަދި ދުވުމުގައި ބައިވެރިވުމުންދޭ މެޑަލް އާއެކު އެވެ.
ދުވުމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތާއެކު ބީއެމްއެލް އާއި އާކް ގުޅިގެން ހަނގާ ކުރުމާމެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ "ބީޓް ބުލީން" ޕްރޮގްރާމަށް ފަންޑް ރައިޒްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މިގޮތުން ބީއެމްއެލް އިން ގާއިމް ކޮށްފައިވާ ހާއްސަ ވެބްޕޯޓަލް މެދުވެރިކޮށް ވާއު ކިޑްޒް ރަންގައި ބައިވެރިވާ ކުދިންނަށް މި ޕްރޮގްރާމަށް ފަންޑްރެއިޒް ކުރެވޭނެއެވެ.
ދުވުމަށް ރަޖިސްޓްރީ ކުރާ ކުއްޖާ އާއި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިންއަޕް ފޭޖް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވާލުމުން ކޮންމެ ކުއްޖަކަށްވެސް ޚާއްސަ ޕްރޮފައިލްއެއް ތައްޔާރުކުރެވޭނެއެވެ. އަދި ޕްރޮފައިލް އެކްޓިވް ކުރުމަށްފަހު އެސްއެމްއެސް މެދުވެރިކޮށް މިމައުލޫމާތު ބެލެނިވެރިންނަށް ހިއްސާކުރުމުން ޕްރޮފައިލް ބޭނުން ކޮށްގެން ފަންޑްރެއިޒް ޕޭޖް ގާއިމް ކުރެވޭނެއެވެ. ކޮންމެ ކުއްޖަކަށްވެސް ފަންޑްރެއިޒް ކުރެވޭނެ އެންމެ މަތީ އަދަދަކީ 2000 ރުފިޔާ އެވެ.
އާކްގެ ފަރާތުން ވާހަކަ ދައްކަވަމުން އާކްގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ވިދާޅުވީ ބުލީ ކުރުމާ ދެކޮޅަށް އާކް އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ގިނަ ރަށްރަށުގައި ޓީޗަރުންނަށް ހާއްސަކޮށްގެން ޕްރޮގްރާމުތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދިރާސާތަކުން ދައްކާގޮތުގައި ސްކޫލުގައި ގާތްގަނޑަށް 50 ޕަސެންޓު ކުދިންނަށް ބުލީ ކުރުމުގެ ކަންތައްތަކާ އެބަ ދިމާވޭ ސްކޫލުގައި،" މުރުތަލާ ވިދާޅުވީ ފަންޑް ރައިސިން އިން ލިބޭ ފައިސާ ބްލީގެ ޝިކާރައަކަށްވާ ކުދިން ބާރުވެރިކޮށް ބެލެވިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ހިންގުމަށްވެސް ހޭދަކުރާނެއެވެ.
ބީއެމްއެލް ވާއު ކިޑްޒް ރަންގެ ނަމުގައި ދުވުމެއް ބޭއްވުމުގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ބުނެދީ، ކުދިންނާއި ބެލެނިވެރިން އެފަދަ ކަންތަކަށް އަހުލުވެރިކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިއީ ބީއެމްއެލް ވައު ކިޑްސް ރަން ބާއްވާ ހަތަރުވަނަ އަހަރެވެ. ބީއެމްއެލް އިން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން މިފަދަ ގިނަ ހަރަކާތަކެއްގައި ހިންގަމުންނެވެ. އެގޮތުން މިދިޔަ ފެބްރުވަރީ މަހު "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ބާއްވައި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ވަނީ 80،000 ރުފިޔާ ހަރަދުކޮށްފައެވެ.