މަޖިލިސް 2019 ވަގުތީ ނަތީޖާ: އެމްޑީޕީ 65، އެހެނިހެން ޕާޓީތަކަށް 15 ގޮނޑި

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ "ސަން" އިން ގެނެސްދިން ވަގުތީ ނަތީޖާ އިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް 65 ގޮނޑި ލިބުނު ކަމަށް ދައްކާ އިރު، އެހެނިހެން ޕާޓީތަކަށް ލިބުނީ 15 ގޮނޑި އެވެ.

އެމްޑީޕީއަށް ލިބުނު 65 ގޮނޑިއާ އެކު އެޕާޓީއަށް ވަނީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފަ އެވެ. މިއީ ގާނޫނު އަސާސީ ބަދަލުކޮށްލެވޭ ވަރުގެ ބޮޑު އަޣުލަބިއްޔަތެކެވެ. އަދި މިއީ މިހާރު އަމަލު ކުރަމުން ދާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި މަޖިލިސް އިންތިހާބުތަކުގައި އެއް ޕާޓީއަކަށް މިހާ ގިނަ ގޮނޑި ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

މަޖިލިސް އިންތިހާބު 2019: 65 ގޮނޑިއާ އެކު އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް -- ފޮޓޯ/ ސަން އިންތިހާބު ކަވަރޭޖް ޕޭޖް

މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެ ކޯލިޝަނާ އެކު މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީ އަށް ޖުމްލަ ލިބުނީ، 13 ގޮނޑި އެވެ. އެއީ ޕީޕީއެމްއަށް ލިބުނު ފަސް ގޮނޑި އާއި ޖުމްހޫރީ ޕާޓީއަށް ލިބުނު ފަސް ގޮނޑި އާއި ކޮންގްރެސް ޕާޓީއަށް ލިބުނު ތިން ގޮނޑި އެވެ.

ކޯލިޝަނެއް ނަހަދައި ވަކީން ވާދަ ކުރި އެމްޑީއޭ އަށް ވަނީ ދެ ގޮނޑި ލިބިފަ އެވެ.

އަދާލަތު ޕާޓީ އާއި ޑީއާރުޕީ އާއި އެމްޓީޑީ އާއި ލޭބާ ޕާޓީއަށް އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެ އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތަށް ލިބުނު ހަމައެކަނި ދާއިރާ ކަމަށްވާ މަކުނުދޫ ދާއިރާ ވެސް މި ފަހަރު އަދާލަތަށް ކާމިޔާބެއް ނުކުރެވުނެވެ.

ރައީސް މައުމޫނުގެ އެމްއާރްއެމް އަދި ރަޖިސްޓަރީ ކުރެވިފައި ނުވާތީ ރައީސް މައުމޫނުގެ ތާއީދާ އެކު ކުރިމަތި ލެއްވި ކެންޑިޑޭޓުން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކޮށްފައިވާ އިރު، އޭގެ ތެރޭގައި ރައީސް މައުމޫނު ތާއީދު ކުރެއްވި އެއް ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.

"ސަން" އިން ގެނެސް ދިން ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންނަށް ގޮނޑި ލިބިފައިވާ އަދަދު:

  • އެމްޑީޕީ: 65
  • ޕީޕީއެމް: 5
  • ޖުމްހޫރީ ޕާޓީ: 5
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް: 3
  • އެމްޑީއޭ: 2
  • އަމިއްލަ: 7

"ސަން" ގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިހާތަނަށް ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންނަށް ގޮނޑިތައް ކާމިޔާބުވެފައިވާ އަދަދު -- ފޮޓޯ/ ސަން އިންތިހާބު ކަވަރޭޖް ޕޭޖް

މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓުންގެ އަދަދު:

  • އެމްޑީޕީ: 85 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ: 41 ކެންޑިޑޭޓުން
  • ޕީޕީއެމް-ޕީއެންސީ: 46 ކެންޑިޑޭޓުން
  • ލޭބަ ޕާޓީ: 10 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ: 9 ކެންޑިޑޭޓުން
  • އެމްޑީއޭ: 8 ކެންޑިޑޭޓުން
  • އެމްޓީޑީ: 8 ކެންޑިޑޭޓުން
  • ޑީއާރުޕީ: 5 ކެންޑިޑޭޓުން
  • އަމިއްލަ ގޮތުން: 174 ކެންޑިޑޭޓުން

87 ދާއިރާއަށް ޖުމްލަ ކުރިމަތިލާފައި ވަނީ 386 ކެންޑިޑޭޓުންނެވެ.

ނަވާރަވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން 50 ޕަސަންޓަށް ވުރެ ގިނަ މެމްބަރުންނަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނުހިމެނޭ މެމްބަރުންނެވެ. އެގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންނަށް މި އިންތިހާބުގައި ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ.

https://sun.mv/117809

ނަވާރަ ވަނަ މަޖިލިސް އިންތިހާބަކީ އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލި މަޖިލިސް އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން، އިއްޔެ އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 80 ޕަސެންޓް ރައްޔިތުން މި އިންތިހާބުގައި ވޯޓު ލާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވޯޓުލީ އަންހެނުންގެ އަދަދަކީ 105،077 އަދި ފިރިހެނުންގެ އަދަދކީ 107،002 އެވެ. ޖުމްލަ 212،079 ރައްޔިތުން މަޖިލިސް އިންތިހާބުގައި ވަނީ ވޯޓު ލައިފަ އެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 264،442 މީހުންނެވެ.

comment ކޮމެންޓް