އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޓިވެޓާއެކު އެއްބަސްވެއްޖެ

އެޗްޑީސީ އާއޮ ޓިވެޓާއެކު އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ޓިވެޓް އޮތޯރިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. ޓިވެޓް އޮތޯރިޓީ ގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް އާއި ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރު އާމިނަތު އަސްރާ އެވެ.

ފާއިތުވި ދެއަހަރުވެސް އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާއިރު، މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވާ ބައިވެރިންގެ ފަންނީ ގާބިލްކަން އިތުރުކޮށް ތިއަރީ ބަޔާއެކު ޕްރޮގްރާމް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އެގޮތުން މިއަހަރުގެ ޕްރޮގްރާމުގައި ވެލްޑިން، އޮޓޯމޮޓިވް މެއިންޓެނެންސް، ކާޕެންޓްރީ، އިލެކްޓްރިޝަން، ގާޑްނިން، ހެވީ ވެހިކަލް އޮޕަރޭޝަން، ބިލްޑިން ކޮންސްޓްރަކްޝަން އަދި ބިލްޑިން މެއިންޓަނަންސްގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރާނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާޝިމް ވަނީ ސްކިލް ޝޯޓޭޖު އޭރިއާ ތަކުން ޒުވާނުން ތަމްރީނު ކުރުމަށް އެޗްޑީސީ އިން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައިފައެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގައުމީ ފެންވަރުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަޔާ އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށާއި މި ޕްރޮގްރާމުގެ ދަށުން ސެޓްފިކެޓް ލެވެލް ތިނެއް ފެންވަރުގެ ކޯސްތައް ހިންގާނެ ކަމަށެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ފާއިތުވި ދެ އަހަރުވެސް ބޮޑު ތަރުހީބެއް ލިބުނުއިރު މިއީ މަސައްކަތުގެ މާހައުލުގައި ބޭނުންވާނެ ތަމްރީނު، ކިޔެވުމާއެކީ ދަސްކުރުމަށް ލިބޭ ފުރުސަތެކެވެ.

comment ކޮމެންޓް