ހަނި ގޮތަކަށް ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަނީ

މާވަށު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި ކާމިޔާބް ކުރެއްވި ސައީދު: އެ ދާއިރާގެ ތިން ފޮއްޓެއް އަލުން ގުނުމަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޕީއެންސީގެ ވަގުތީ ނައިބް ރައީސް އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދަށް ހަނި ގޮތަކަށް ކުރި ލިބުނު މާވަށު ދާއިރާގެ ތިން ފޮއްޓެއް އަލުން ގުނުމަށް ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެއް ދާއިރާގެ މައްސަލަ ޖެހި އަލުން ގުނަން ނިންމާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ދާއިރާއެއް ކަމަށް އީސީން ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އީސީން ގުނަށް ނިންމާފައި ވަނީ މާވަށު ދާއިރާގެ ތިން ފޮއްޓެކެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާ އިރު މާވަށު ދާއިރާގެ ގޮނޑި ކާމިޔާބް ކޮށްފައި ވަނީ ހަ ވޯޓުގެ ތަފާތަކުން ސައީދެވެ. އޭނާއާ އެންމެ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހަށް ލިބިފައި ވަނީ 847 ވޯޓެވެ. މިހާރު ވެސް އެ ދާއިރާގެ މެންބަރު އަހްމަދު އަޒްހާން ފަހުމީ އަށް ލިބިފައި ވަނީ 650 ވޯޓެވެ.

އެކަމާ ގުޅިގެން ސައީދު ވިދާޅުވީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް އޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި އަދި އެ ވޯޓު ފޮށިތައް ގުނަން ނިންމި ކަމަށް ރަސްމީ ކޮށް އެނގިފައި ނުވާ ކަމަށެވެ.

މާވަށުގެ އިތުރުން ދެން އެ ދާއިރާގައި ހިމެނެނީ ހިތަދު އާއި ކުނަހަންދު އެވެ. ވޯޓުލުމުގެ ހައްގު 2،789 މީހުންނަށް ލިބިފައިވާ އެ ދާއިރާ އިން ސައީދު ކުރި ހޯއްދެވީ ހަ ވޯޓުގެ ތަފާތުންނެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.

މަޖިލިސް އިންތިހާބްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ވަނީ 65 ގޮނޑި ކާމިޔާބުވެފަ އެވެ. ޖޭޕީ އަށް ފަސް ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ކެންޑިޑޭޓަކު ކާމިޔާބު ހޯދާފައިވާ އިރު ޕީޕީއެމަށް ލިބިފައި ވަނީ ފަސް ގޮނޑި އެވެ. އެމްޑީއޭ އަދި ޕީއެންސީއަށް ލިބިފައި ވަނީ ދެ ގޮނޑި އެވެ.

comment ކޮމެންޓް