އަޒިކިއަލްއާއިއެކު އަމްރާން އެރީ ކާރުގެ ކުރިއަށެވެ. ކާރު މަޑުމަޑުން ދުއްވާލާފައި ދިޔައިރު ސިކިއުރިޓީ ޓީމް އެކާރުގެ ކުރިންނާއި ފަހަތުގައިވެސް ހަރަކާތްތެރިވަމުން ދިޔައެވެ.
"ރެން. އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނެލަން........"
"ޓެލްމީ....." އަމްރާން ނިތް ކުރި އަރުވައިލިއެވެ. އަޒިކިއަލް ކޮންމެ ކޮންމެ ވާހަކައެއް "ބޮޑު"ވެގެން އެހާ ސީރިޔަސްކަމާއިއެކު އޭނަ ގާތުގައި ބުނާކަށް ނޫޅޭނެއެވެ. ޔަގީނުންވެސް އަޒިކިއަލްގެ އެ ޖުމްލައާއިއެކު އޭނަގެ ސިކުނޑި އެލާޓަށް އައެވެ. އަޒިކިއަލް ހީގެންފާ ބުނީ އޭނަ ސަމާސާކޮށްލީކަމުގައެވެ. އެހާ ސީރިޔަސް ނުވުމަށެވެ. އަޒިކިއަލް މިހާ އެކުވެރިވުމުގެ އިތުރުން އޭނަ މިހާރުވަނީ އެއާއިލާގެ މެމްބަރަކަށްވެފައެވެ. އަބުދުލްއަޒީޒުގެ ކޮއްކޮގެ ދަރިފުޅު އާޔާއާއި ކައިވެނިކުރަން އުޅުމުން ކުރީކޮޅު އާއިލާއިން މައްސަލަ ޖެއްސިއެވެ. ނަމަވެސް ހަޔާތީ ވަނީ ނަމޫނާދެއްކާފައެވެ. މުޅި ގައުމުގައި އެހާ މަޝްހޫރު އަންހެންކުއްޖަކު ނެތެވެ. އެންމެން ލޯބިވާ އެންމެންގެ "ފަސްޓްލޭޑީ"އެވެ. އަމްރާންގެ އާއިލާއަށްވެސް މިހާރު ހަޔާތީވަރެއް ނެތެވެ. އެންމެން އޭނަ ބަލައިގަތީ ރުހުމާއި ލޯތްބާއިއެކުގައެވެ. އެހެންވެ އަޒިކިއަލްއާއި އާޔާ ކައިވެނިކުރަން އާއިލާއިން ހުއްދަދިނީއެވެ.
އޯޓަމް ބްލޭޒަށް އައިތަނާހެން ކާޒިމް އޭނައައި ބައްދަލުކޮށްލަން އައެވެ. ހަޔާތީ ކޮފީ ތައްޔާރުކުރީ ޕޫލްކައިރީގައެވެ. އަޒިކިއަލްއަށާއި އެކުގައެވެ. ތިން މީހުން ކޮފީބޯން ތިބެފައި ކާޒިމް ފެށި ވާހަކައަކުން އަޒިކިއަލް އަށް އަމްރާން ބަލައިލުމުން އަޒިކިއަލް ކުޑަކޮށް ހީލިއެވެ. އެދެމީހުން ދޭތެރޭ ބަދަލުކުރެވުނު ނަޒަރުން ބަސްމޮށުމަކާއި ނުލާ ވާހަކަދެކެވިއްޖެއެވެ. އަޒިކިއަލް އޭރު ބުނަން އުޅުނި އެވާހަކަކަމަށް އެއްބަސްވިއެވެ. ނަމަވެސް އަޒިކިއަލްގެ ލޮލުން އެހެން ކުލައެއްވެސް ފެނުނެވެ. ކޮންމެވެސް ކަމެއް އަދި ސިއްރުކުރަން އުޅޭ ކަހަލައެވެ. ކާޒިމް ރައީސް އަދި ނާއިބު ރައީސަށް އިންޒާރުދީ ވީޑިއޯއެއް ނެރެގެން އުޅޭކަމަށެވެ. އިސްލާކިމް ސްޓޭޓުން ނެރެފައިވާ ވީޑިއޯއެއްކަމުގައެވެ. ޖަލުގައިވާ ސިޔާސީ މީހަކާއި ޑްރަގް ވިޔަފާރި ބޮޑުންގެ މީހަކު ދޫކޮށްލަން އަމުރުކޮށްފައިވެއެވެ. މޫނު ނިވާކޮށްގެން ހަތިޔާރު ހިފައިގެން ތިބެ ވާހަކަދައްކާއިރު ދިވެހި ބަހުން ދައްކާ ވަހަކަ ތަރުޖަމާކުރަން އިނގިރޭސިބަހުން ޓައިޓަލް އަރުވާފައި ވިއެވެ.
"އެކަމަކު އަހަރެމެން ދަންނަގޮތުން ވިއްޔާ އައިއެސް މީހުން އުޅެނީ އިސްލާމީ ޝަރީއަތް ތަންފީޒުކޮށް ޚަލީފާއެއް ނެރެ އެމީހުންގެ ވެރިކަން ދުނިޔޭގައި ގާއިމުކުރުން. ޑިމޮކްރެސީ ނައްތާލުން. ވީއިރު ހަގީގަތުގައި މިއީ އިސްލާމިކް ސްޓޭޓް މީހުންގެ އަމަލެއްކަމެއް ނުބެލެވޭ. އެމީހުންގެ ވީޑިއޯއަކަށް ވިނަމަ އިރުކޮޅެއްގެ ތެރޭ ޑިލީޓްވެސް ކުރާނެ. ޚިލާފަތަށް ތާއީދުކުރާ ބަޔަކު ޑިމޮކްރެސީއަކަށް ތާއީދުކޮށް މިކަހަލަ ވީޑިއޯ އެއް ނުނެރޭނެ. ޑިމޮކްރެސީ ޕްރޮމޯޓެއްވެސް ނުކުރާނެ. އެމީހުން މިފަދަ މީހުންގެ ހިމާޔަތުގައި އިނގިއްޔެއްވެސް ހަލުވާނުލާނެ. ވެދާނެ ދީން ގަބޫލުނުކުރާ މީހުންގެ މިނިވަންކަން ގެއްލި މަރަށް ތެޅެންފެށީމަ އެންމެފަހު ވަގުތު ވަރު އެރީކަމަށް. އެކަމަކު އެޖެންޓުން މި މައްސަލަ ވަރަށް ސީރިޔަސްކަމެއްގެ ގޮތުގައި ބަލަން ފަށައިފި............" ކާޒިމް ބުނެލިއެވެ.
"ލާވީ މަރުވީ މިމީހުންގެ ސަބަބުންކަމަށް ނުވާނެތަ؟ " އަމްރާން ލޯ ހަނިކޮށްލިއެވެ.
ލާވީގެ ގާތިލުން ހޯދުމުގައި އެމީހުންނަށް ނާކާމިޔާބުވެ މިހާ ގިނަ އަހަރުތައް ވޭތުވެގެން ދިޔަ ސަބަބެއް ނޭގުނެވެ. ސިފައިގެން ތެރޭ "ކޮރަޕްޝަން" އުޅެނީ ބާވައެވެ. ޔަގީނުންވެސް އޭނަ ކާޒިމްއާއި އަޒިކިއަލްއާއިމެދު ޝައްކެއް ނުކުރާނެއެވެ.
"މިކާލް ކޮބާ؟ " ކުއްލިއަކަށް އަމްރާންއަށް މާޒީއިން ނުރައްކާތެރި އެޖެންޓެއްގެ ނަން ހަނދާނަށް އައެވެ.
"ގޯޑް އޮންލީ ނޯސް.." އަޒިކިއަލް ކުޑަކޮށް ބޯ ހޫރުވާލާފައި އަވަހަށް ބުނެލިއެވެ.
"އޭނަގެ އަތެއް މިކަމުގައި ނުވާނެ..." ކާޒިމް ޔަގީންކަން ދިނެވެ.
"ކާޒްއަށް މިކާލްވީތަނެއް އެނގޭހެން ހީވާގޮތަކަށް ތިބުނެލީ. އާފްޓާ އޯލް ޔޫ ވާ ބެސްޓްފްރެންޑްސް....." އަމްރާން ނިތްކުރި އަރުވައިލަމުން ކާޒިމްއަށް ބަލައިލީ ދަސްކުރާފަދަ ނަޒަރަކުންނެވެ. ކާޒިމް ބޮޑަށް ވަފާތެރިވަނީ މިކާލްއަށް ތޯ ނޫނީ އޭނައަށް ތޯ ސުވާލު އުފެދުނެވެ.
"ނޮޕް...." ކާޒިމް ކުރު ޖަވާބެއް ދިނެވެ.
"މިކާލް ޖިހާދަށޭ ކިޔާފައި ސީރިޔާއަށް ދިޔައީ އަސަލު އެތާ ކުރަނީ ޖިހާދެއްތަ؟ އެއީ ހަމަ ކަޅުދިދައިގެ ލަޝްކަރުތަ. އަހަރެން ދީން ދަސްކުރަންފެށީ ވައިފްގެ ސަބަބުން. ޝީ އިންސްޕަޔާޑް މީ. އެކަމަކު އޭނަވެސް ސީރިޔާގައި ކުރާ ޖިހާދާއި ދެކޮޅު. މާ ވައިލެންޓް ބަޔެއްކަމަށް ދެކެނީ. ބްރެއިންވޮޝްކޮށްގެން ދާޚިލީ ހަގުރާމައަކަށް ވައްދަނީކަމަށް ބުނީ. މިކާލްއަކީ އިސްލާމިކް އެކްޓްރީމިސްޓެއް..އެކަން ކާޒް ގަބޫލުކުރަންތަ............." އަމްރާން އެކިގޮތްގޮތަށް ކާޒިމްގެ ވިސްނުން ދެނެގަންނަން މަސައްކަތްކުރާއިރު ކާޒިމްއަކީވެސް ނުހުޅުވޭ ފޮތެކެވެ. މިކާލްފަދައިން ހަޔާތުގެ ގިނަ ސަފުހާތައް އޭނަވަނީ ފޮރުވާފައެވެ.
"މިކާ ކުރިއްޔާ އެކަމެއް ރަގަޅުވާނެ..." ކާޒިމް އާދައިގެ މަތިން މިކާލްއަށް ތައުރީފުކުރިއިރު ލޯތްބަކީ ކަނު އެއްޗެކޭ ބުނާފަދައިން މިކާލްގެ ކުށެއް ކާޒިމްއަކަށް ފެނުން ނާދިރެވެ.
"ދުނިޔެއިން އެމީހުން ޓެރަރިސްޓުންކަމުގައި ކަނޑައަޅާފައި އޮތީ. ސާދަވަނަ ގަރުނަށް ގޮސްގެން ވާނެކަމަކަށް މިހާރު އުޅޭ ގިނަ މުސްލިމުންވެސް ގަބޫލުކުރޭ. ވަޓްސް ޔޯ އޮޕީނިއަން..." އަމްރާން އިތުރަށް ސުވާލުކުރިއެވެ.
"ޖިހާދަކީ މުސްލިމުންނަށް ވާޖިބުކަމެއްކަން ގުރުއާނުގައިވާތީ އެކަން ނުދަންނަ މުސްލިމެއް މިދުނިޔެއަކު ނުވާނެ. އަހަރެމެންނަށް އޮޅުން ނުފިލައިގެން މިއުޅެނީ ޖިހާދު ކުރަންވީ ހާލަތްތަކާއި ޖިހާދަށް ދިވެހިން މިދާގޮތަށް ދެވޭނެހެއްޔޭ. ސީރިޔާ އަދި އިރާގުގައި އޮތީ ޖިހާދަށް ނުވެފައި ފަލަސްތީނާއި އަފްގާނިސްތާނުގައި ޖިހާދު އޮތްކަމަށް ބުނަންޏާ ދީނީ އިލްމުވެރިން އެކަންތައް އޮޅުން ފިލުވައިދޭން ޖެހޭކަމަށް އަހަރެން ދެކެނީ. އައިއެސްއަކީ ކަޅުދިދައިގެ ލަޝްކަރު ކަމަކަށް އަހަރެން ގަބޫލެއްނުކުރަން. ސަބަބަކީ އެ ލަޝްކަރަށް ވިނަމަ. އެމެރިކާކަހަލަ ނިއުކްލިއާ ބާރަކަށްވެސް އެމީހުން ހިފަހައްޓައެއް ނުލެވޭނެ. އެބުނާ ކަޅުދިދައިގެ ލަޝްކަރު އަދި އަންނާނެ. ދޭ ވިލް ވިން ރެން......ދުނިޔޭގައި އަހަރެމެން ތިބިއްޔާ އެދުވަސް ފެންނާނެ...."
"ސޯލްޖާސް އޮފް މެހެދީ؟ " އަމްރާން އަހައިލިއެވެ.
ކާޒިމް ބޯ ޖަހައިލިއެވެ.
ކާޒިމް ދެކޭގޮތުން އަމްރާން ހަޔާތީއައި ރައްޔިތުންގެ ރުހުން ހޯދަންވެގެން އިސްލާމީ ޝަރީއަތް ހިންގިޔަސް އަޑީގައިވަނީ މަޑުމަޑުންގޮސް ޔަހޫދީ އެޖެންޑާއެއް ގެނައުމެވެ. ސަބަބަކީ ދުވަހަކު އަމްރާން މިސްކިތަކުން ނުފެނުމެވެ. އެހާ މުއްސަދިއިރު ހައްޖަށް ގޮސްފައެއް ނުވެއެވެ. ރޯދަ ހިފާކަމަށް ހެދިގެން ހުރެވިދާނެތާއެވެ. އަމްރާންގެ ސިއްރުވެރި ދިރިއުޅުމާއިމެދު އޭނަ ޝައްކެވެ. ހަގީގަތުގައި އިސްލާމިކް ޝަރީއަތް ހިންގާ ޕާލަމެންޓަށް ނުފޫޒު ހިންގީ ޚުދު ކާޒްގެ މުއްސަދިކަމެވެ. އޭނަ ފަންޑުކޮށްގެން އެފަދަ ކިތަންމެކަމެއް ހިންގައިރު އެކަން ރޭކާލާ މީހުންވެސް ކާޒިމްވަނީ މުށުތެރޭ ލާފައެވެ. ފައިސާހުރިއްޔާ ނުވާނީ ކޮންކަމެއްހެއްޔެވެ؟
ހަވީރު ސައި ތައްޔާރުކުރަން އަލްޔާނާ އެންގީ ގޭގެ ފަހަތުބައިގާ ޕޫލް ކައިރީގައެވެ. ފިނިފެންމާގަސްތަކުގެ މީރުވަހުން ފަޒާ ހުވަދުލެވިފައިވާއިރު ފިނިވައިރޯޅިތަކާއިއެކު ގަސްތަކުގެ ފަތްތައް ހެލިލާއިރު ހިތްގައިމެވެ. ފިނިއަތްވެއް ދީފައިވާއިރު މެއިޑުންތައް ސައި ތައްޔާރުކުރުވަން އިރުޝާދުދޭން އަލްޔާނާ ހުއްޓެވެ. މިއަދު ސައި ތައްޔާރުކުރީ ވިނަގަނޑުމަތީ ކުއިލްޓްތައް އަޅާފައެވެ. ޕިކްނިކެއްފަދައެވެ. ކުލަ ކުލައިގެ ކުއިލްޓްތައް ފަތުރާލުމަށްފަހު ތަށިތައް އަތުރާ ނިމިގެން ވަށައިގެން އިށީދެވޭނެހެން އިންތިޒާމްކުރިއެވެ.
އަބުދުލްއަޒީޒުއާއި އަލްޔާނާ އަލުން ކައިވެނިކުރުމަށްފަހު އަލްޔާނާ އޯޓަމް ބްލޭޒުގެ ހުރިހާ ކަމަކާއި ޒިންމާވެ ގެ ހިންގުމާއި ހަވާލުވިއެވެ. މަސައްކަތްކުރާނެ އަންހެންކުދިން ކޮޅެއްގެނައެވެ. އެކުދިން ޔުނިފޯމް ލައްވާ އެކަށީގެންވާ ބޮޑު މުސާރައެއް ދޭން ނިންމިއެވެ. ބައެއް ގަވާއިދުތައް ހެދިއެވެ. ހުރިހާ ގަޑިއެއްގައި އާއިލާގެ މެންބަރުން ކާންޖެހޭނީ އެކީގައެވެ. އެކުވެރިކަން އާލާވެ ގުޅުން ބަދަހިވާނީ އޭރުންނެވެ. އަދި ހުކުރުދުވަހު އާއިލާގެ މީހުންނަށް ދައުވަތުދީގެން ގެނެސް އެންމެން އެކީ ކައިބޮއި ހަދާ އަނގަތަޅާލަން ތިބެއެވެ. އަބުދުލްއަޒީޒުއާއި އަލްޔާނާ ދެވަނަފަހަރަށް ކައިވެނިކުރީ ދަރިފުޅު އަމްރާންގެ ހައްގުގައެވެ. އެހެންނޫންނަމަ ބޭވަފާތެރިވި އަބުދުލްއަޒީޒުއަށް މާފުކުރުމަށް އަލްޔާނާގެ ހިތް ފަހަރެއްގައިވެސް އެއްބަހެއްނުވީހެވެ.
ސުފުރާ ތައްޔާރުކޮށްފައިވާ ގޮތާއިމެދު މާމައާއި ސަޔަށް އައި އެހެންމީހުން ހިތްހަމަޖެހުނެވެ. އެއުމުރުގައިވެސް މާމައަށް ވިނަގަނޑުމަތީ އިށީންނާކަށް އުދަގުލެއްނުވިއެވެ. އިޝްކަންއާއި އެލީން ދަރިފުޅު ލާނާ އުރާލައިގެން އައިއިރު ނަބީލާވެސް އެކުދިންނާއިއެކު އައެވެ. އެންމެން އެންމެނަށް ސަލާމްކޮށް ބައްދާލާފައި ކުއިލްޓްމަތީގައި ޖައްސައިލިއެވެ. ލާނާއާއި ލާވީ ދުވެދުވެފައި މާތައް ބިންނަމުން އުޅުނީ ހިތްތައް އުފާވާފަދަގޮތަކަށެވެ.
މާމަގެ ނަޒަރު ހުއްޓުނީ ހަޔާތީގެ މޫނަށެވެ.
"ހަޔާތީ ދަރިފުޅާ. ކޮބާ އަމްރާން. ހާދަ ލަހެއް އެބަވެއޭ. އަމްރާން އައީމަ ނޫނީ މާމަ ބޭނުމެއްނޫން ފަށަން............"
"ނަމާދަށް މިސްކިތަށް. އަދިވެސް ފޯނު ނިވާލާފައި. އަޅުގަނޑަށް ހީވަނީ އެކުވެރިއަކާއި ދިމާވީހެން........." ހަޔާތީ އިނީ ފިޔާތޮށިކުލައިގެ ބުރުގާއަކާއި ކަޅުހެދުމެއްގައެވެ. އުފާވެރިކަމުގެ ސަބަބުން އެމޫނުގެ ރީތިކަން ދުވަހުން ދުވަހަށް އިތުރުވާފަދައެވެ. އަމްރާން އައިކަން އެންމެނަށް އެނގުނީ ލާވީ ކުޅުން ހުއްޓާލާފައި ޖޯޝާއި ހަޅޭކާއިއެކު "ޑެޑީ" ކިޔާފައި އަމްރާންއާއި ދިމާލަށް ދުއްވައިގަތުމުންނެވެ. ލާވީ އަމްރާންއާއި ހެދި ވާވަރު އެވަރުގެ ކުޑަކުއްޖަކު ބައްޕައަކާއިހެދި ވާނެކަމެއް ނޭގެއެވެ. އަބުދުލްއަޒީޒުއާއި އަލްޔާނާއަށް އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު މާޒީގެ އެތައް ވަގުތުކޮޅެއް ލޯމައްޗަށް ސިފަވާގޮތްވެއެވެ. އަބުދުލްއަޒީޒުއާއިހެދި އަމްރާން އުޅުނުވަރަށްވުރެ ލާވީ މާވަރުހުރެއެވެ. އަމްރާން ކުޑައިރު ހަމަ އެމޭރުމުން އަބުދުލްއަޒީޒު އޮފީހަށްދާއިރު ރޮއިހެދިއެވެ. ލާވީއަށް އަމްރާން އެހާ ވަގުތު ދެއެވެ. އެކިކުޅިވަރުތައް ކުޅެ މޫދުތަންތަނަށް ގެންގޮސް ދުއްވާލަން ގެންދެއެވެ. އުރާލައިގެން ނޫނީ ނުގެންގުޅޭނެއެވެ. ފެންވަރުވާ ހެދުން ލައްވާ ކާންދޭންޖެހޭނީވެސް އަމްރާންއެވެ. ކާންދިނުން ވަކަރެއް ފެޅުންހާ ބޮޑުކަމަކަށް ނޫނީ ނުވެއެވެ. އެހާވަރުން ނޫނީ ލާވީއަށް ކާންދެވޭކަމަކަށް ނުވެއެވެ. އަމްރާން ނެތިއްޔާ "ޑެޑީ ދުރުވާނީ ދަރިފުޅު ބަސްއަހައިގެން ކެއީމައޭ "ހަޔާތީ ބުނެފިއްޔާ ދެތިން ސުވާ ލައްވާފާނެއެވެ. އެކަމަކު މިހާރު އަމްރާންއަށްޓަކާ ލާވީ ކެއުމުގެ މައްސަލަވެސް ގުރުބާންކޮށްފިއެވެ. ބައްޕައަށްޓަކާ ލާވީ ކެއުމުގެ ފޯރި ހިފައިފިއެވެ. އަމްރާން ކާތަށިން ކާންދިނީމަ ލާވީ ކާހިތުން ކާނެއެވެ. އަމްރާންގެ އުނގަށް އަރާ ލާވީ ހަމަޖެހިލުމުން ހަޔާތީއަށް ބަލައިލެވުނީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ދެބަފައިން ވައްތަރުކަމުން ހައިރާންވާހާވެއެވެ. އަމްރާން އަވީގައި އުޅޭތީ ތަންކޮޅެއް ޓޭންވެފައި ހުރުމުން ފިރިހެންވަންތަކަމުގެ އިންތިހާވިޔަސް ކުޑައިރު ލާވީހާ ދޮނެވެ. އިރުގެ ދޯދިތައް ބޮސްދީ ހަމުގެ ކުލަ ރަންކުލައަކަށް ބަދަލުކޮށްލާފައެވެ. އަދި ލޮލުގެ އެސްފިޔަތައް ބޯވެ އެކިގޮތްގޮތަށް އެތުރިފައިވާއިރު "ސެކްސީ" ކަމުން އެވާހަކަ އެތައްފަހަރު ހަޔާތީވަނީ އަމްރާން ގާތު ބުނެފައެވެ. ލާނާވެސް ހަޔާތީއާއި އަމްރާންގެ ދޭތެރޭ އޮތް ކުޑަތަންކޮޅުގައި އިށީދެލިއެވެ. ހަޔާތީ ލޯތްބާއިއެކު ލާނާގެ ކޮލުގައި ބޮސްދިނެވެ.
"ކޯންޗެއް ޕަމްޕްކިން ޕައި ކާނީ؟ "
ކުޑަކުދިންނަށް އެންމެންގެ ސަމާލުކަން އިރުކޮޅަކަށް ހުއްޓުމަށްފަހު މާމަ އަމްރާންގެ ހާލު އަހުވާލު އޮޅުންފިލުވިއެވެ. އިންތިޚާބުގެ ކަންތައް ދާގޮތާއި ކެމްޕޭނާއި ބެހޭގޮތުން ސުވާލުކުރިއެވެ. ދެވަނަ ދައުރެއް ލިބުމަށް މާމަ ދުޢާކުރިއެވެ.
"މާމަގެ އެންމެ ފެވެރިޓް ދަރިފުޅު ދީންވެރިވިކަމަށްޓަކާ ހަމްދުކުރަން. އެންމެކުރިން ދަރިފުޅު މިގޭގެ ޅީދަރިއެއްގެ ގޮތުގައި އައުމުން އާއިލާގައި ޖެހުނު ލައްގަނޑެއްކަމަށް ދެކުނިން. މީހަކާއި ހަތަރުކަޅިހަމަކޮށްލުން އަންދާނަކަށްވި. ސުންޕާކުއްޖެއްކަމަށް ހީކުރެވުނަސް މިދަރިފުޅު ވެގެން މިދިޔައީ ލެއްވި ރަހުމަތަކަށް. އެންމެން ބަދަލުވާން ފުރުސަތު ލިބިއްޖެ. މުޅި އާއިލާ އެކުވެރިވެ އުފާވެރިކަން ގެނެސްދީފި. އަޒީޒުއާއި އަލްޔާން ގުޅިއްޖެ. އެލީން ކަހަލަ ކުދިން އިސްލާހުވެ ދީނަށް ލޯބި ޖައްސާދީފި. ދީނާއިމެދު ޣާފިލުވެ ދުނިޔޭގެ އަރާމާއި ރާހަތަށްގޮސް އަނދިރިކަމުގެ ތެރެއަށް ގެނބެނިކޮށް ސަލާމަތުގެ އައްސޭރިއަށް ގެނެސް އެކުވެރިކަމާއި ގުޅުންތައް އެހެން ފަތްތަރަކަށް ގެންގޮސްދިން. ނަބީލާއަށް ލިބިފައި ތިހިރީ ހަމަ ޖަވާހިރެއް..............."
ހަޔާތީއަށްވުރެ ބޮޑަށް ނަބީލާ އުފާވެ މާމަގެ އަތްތިލައިގާ ބޮސްދިނެވެ. އުފާވެރިކަމުގެ ކަރުނަ ލޮލުން އޮހުނެވެ.
މާމަގެ ވާހަކަތަކުން ހަޔާތީގެ މޫނު ރަތްވަމުންގޮސް ރަތްކުލަވެރިވެއްޖެއެވެ.
"މާމާ. އަޅުގަނޑު އެހާ ރަގަޅެއްނޫން ޓްރައިން ހަމަ......"
"މިއީ ތައުރީފެއްނޫން ދަރިފުޅާ. ހަގީގަތް..ހީނުކުރާ ފަރާތްތަކުން ބައެއްފަހަރު ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނުވަފާނެ. ދަރިފުޅު އައިފަހުން އަމްރާން ދަރިފުޅުގެ މައިންބަފައިން އަލުން ގުޅުނުއިރު މަންމައަށް އެކަންވެސް އޮތީ މާޒީގެ ނުހުޅުވާ ނުކިޔާ އޮތް ސަފުހާއެއްގެ ގޮތުގައި. އެންމެން އެކީ މިގޮތަށް ސައި ބޮއި އެކުވެރިކަން ބަދަހިކުރުމުން އާއިލީ ގުޅުން ވަރުގަދަވާނެ....."
"ވަރަށް އުފާވޭ. ހަމަ ވަރަށްބޮޑަށް އުފާވޭ. މި އާއިލާގައި ކަންތައް ހިނގާގޮތުން ވާޖިނިއާ އެންޑްރޫސްގެ ވާހަކަތައް މަތިން ހަދާންވެއްޖެ. ހިތަށް އަރާ މި ބޮޑު އާއިލާވެސް މިސްޓީރިޔަސްވަނީ ހަމަ އެގޮތަށޭ. އޯލްޑް ރޯޔަލް ފެމެލީގައި ގިނަ ސިކްރެޓްސްތައް ހުންނާނެ. މާމަމެން ގޭގެ ކޮންމެ ކަނެއް ކޮންމެ ކޮޓަރިއެއް އަދި ކޮންމެ މީހެއްގެ އެފަދަ ސިއްރުތައްވޭ. އަދި މިގޭތެރޭވެސް. އަލްޔާނާގެ ކޮޓަރި މިހުރިހާ ދުވަހު ނުހުޅުވާ ހުރީމަވެސް އެންމެން އެކަމަށް ޝައުގުވެރިވެ ސުވާލުތައް ކުރޭ. މި ފެމެލީ ކޮންމެ މީހަކީ ސިއްރުން ފުރިފައިވާ މީހެއްކަމަށް ވަނީ. މަންމަގެ ދުޢާ އިޖާބަވެއްޖެ. އަލްޔާނާފަދަ ޅީދަރިއެއް ގެއްލިގެންދާކަށް މަންމަ ނެދެނެ.މިހާރު މިގޭގައި ދިރުން އެބަހުރި. ރަގަޅު އަންބެއް ލިބިއްޖެއްޔާ ގެ އާބާދުވާނީ. ކުރިން މިއީ ފަޅު ސަހަރާއެކޭ ތަފާތެއްނުހުރޭ.................." މާމަގެ ވާހަކަތައް އަހަން އެންމެން ހިމޭނުނުން އަދަބުވެރިކަމާއިއެކު ތިއްބެވެ.
އަބުދުލްއަޒީޒުވެސް މަންމައާއި ބައިވެގެން އަނބިމީހާއާއި ޅީދަރިފުޅަށް ތައުރީފު އޮއްސިއެވެ.
"ހުރިހާ ކުދިން ބިސްމި ކިޔާފައި މާތް ﷲއަށް ހަމްދުކޮށްފައި ކާންފަށައްޗޭ. މިހުރިހާ މުއްސަދި ކާނާތައް އިސްރާފުކުރާވަރަށް ތައްޔާރުކޮށްގެން ބަނޑު ފުރާލިޔަސް ބަނޑަށް މަރުވެގެންދާ އެތައް މިލިއަން ކުދިންގެ މަތިން ހަދާންކޮށް މިދެއްވި ރިޒުގާއި ނިއުމަތަށްޓަކާ ޝުކުރުކުރަންވާނެ....."
ވާޖިނިއާ އެންޑްރޭސްގެ ވާހަކަތައް މާމަ ކިޔާކަން އެނގުމުން ހަޔާތީއަށް މަޖާވިއެވެ. ޒުވާންއިރު މާމަގެ ހޮބީސްތައްވެސް ތަފާތުވާނެއެވެ. ޒަމާނައިއެކު އެންމެނަށް ބަދަލު އަންނާނެއެވެ. އެލީންއާއި އޭނައަކީވެސް އޭގެ މިސާލެކެވެ. މާމައާއި އޭނަގެ އޮތް ގުޅުން ހީނުކުރާހާ ކުރިއަށް ގޮސްފައިވެއެވެ. ހަޔާތީއަށް ދަރިފުޅު ލިބުމަށްފަހު ވަޒީފާއަށް ނުގޮސް އޭނަ ގޭގައި މަޑުކޮށްލީ ދަރިފުޅަށްޓަކައެވެ. އަމްރާންވެސް އެގޮތް ބޭނުންވާތިއެވެ. ފަސްޓްލޭޑީގެ ގޮތުގައި ރަސްމިއްޔާތާއި އެހެންކަންތައްތަކުގައި ބައިވެރިހެދިޔަސް އޭނަގެ ގިނަވަގުތުތައް އޮތީ އޯޓަމްބްލެޒްގެ ހަތަރު ފާރު އެތެރޭގައެވެ. އެހެންވުމުގެ ސަބަބުން ގޭގައި ލިބޭ ހުސްވަގުތުތައް ގިނަވިއެވެ. މާމަ އޭނައާއި އަނގަތަޅާލަން އެގެއަށް ހަވީރު އައުމުން ކޮންމެ ދުވަހަކުހެން ދީނީ ވާހަކަތައް ދައްކާނެއެވެ. އަދި މާމަ އަޑުއަހާހިތުން އުޅޭ ވާހަކައެއް ކޮންމެ ދުވަހަކު ހަޔާތީ ކިޔާދޭއިރު މާމަގެ ދުވާލު އެންމެ އުފާވާ ވަގުތަކީ ހަޔާތީ އާއިއެކު "ސްޓޯރީ ޓައިމް"ކަމުގައި މާމަ ބުނެފައިވެއެވެ. ދޭތެރެއަކުން މާމަގެ މާޒީއާއި ލޯބީގެ ރަންޒަމާނުގެ ވާހަކަތައް ކިޔައިދިނުމުން ހަޔާތީ ނިކަން ގަޔާވެ އަޑުއެހިއެވެ.
"ޖަސްޓް ރިލެކްސް. އައި ވޯންޓް ހާޓް ޔޫ. އެހާވެސް ބަލައިގެން ލޯބިންނޭ މިއުޅެނީ....." އަމްރާން ހަޔަތީގެ ފައި އުނގަށް ލައިގެން އިނދެ ނިޔަފަތިތައް ކަނޑާލަދިންއިރު ހަޔާތީ ބައެއްފަހަރު ހީލިކަރުވާގޮތްވެއެވެ. "އަދި އެނގޭތަ؟ ހާދަ މަޑޭ................." އަމްރާން ހަޔާތީގެ ފައިތިލައިގާ ކުޑަކޮށް ދަތްއަޅާލުމުން ހަޔާތީ ސިހޭގޮތްވިއެވެ. ދެން ހެމުން ތެދުވެ އަމްރާންގެ ގައިގާ ހިފައިގަތެވެ.
"އައި ވިލް ކިލް ޔޫ......."
"ޔޫ އޯން މައި ހާޓް. ދެން މަރާލިޔަސް އަހަރެންގެ ހިތް ބަލައިގެން ގެންގުޅެއްޗޭ.." އަމްރާން ގެ ރީތި ދެލޮލުން ބޮޑާކަމުގެ އެއްވެސް ކުލައެއްނެތެވެ. އެލޮލުން ފެންނަނީ ހަމައެކަނި އޯގާތެރިކަމެވެ. ލޯބިން ފުރިފައިވާ މަޑު ހިތެކެވެ. އޭނަ ގެންގުޅެނީ އެހާވެސް ލޯބިންނެވެ. އަމްރާންގެ ރާނީފަދައިންނެވެ. ނާޒުކް މަލެއްވެސް ގެންގުޅޭނެހާ ލޯބިން ހަޔާތީގެ ހިތުގައި ކޫރުމެއް ނާޅުވާ ގެންގުޅޭއިރު އަމްރާން އެތައް ފަހަރު މާފަށް އެދުނެވެ. ކުރިން ދެރަކޮށްލެވުނީތީއެވެ. ފެށުނީއްސުރެ އެހިތް ހަޔާތީއަށް ހިބަކޮށް ދެވުނަސް އޭނަ އެކަން ހަޔާތީއަށް އަންގައިގެން ދެރަވާން އޭރު ބޭނުންނުވީއެވެ.
މިހާރު އެދޭތެރޭގައި އޮތީ ލޯތްބާއި އޯގާތެރިކަމުގެ އިންތިހާއެވެ. އެދުވަސްތައް ފެށުނުގޮތް އަދިވެސް ހަޔާތީގެ ހިތުގައި ލިޔެވިފަވީ އެންމެ ތަންކޮޅެއްވެސް ދޫކޮށް ނުލައެވެ. ފުރަތަމަ އިސްވެ ފެށީ އަމްރާންއެވެ. ސްޓިކީ ނޯޓް ތަތްކުރަންފެށީއެވެ. "ތެންކިއު" "ރުޅިއައިމަ ވަކިން ލޯބި" ނޫނީ "މިއަދު ގެނެސްދިން ޖޫސް ވަރަށް މީރު" ރަތްކުލައިގެ ޓޮޕްކޮޅުގައި ހުރުމުން ނޭވާ ހިފަހައްޓައިލަން ޖެހުނުފަދަ ކުދި ކުރި ނޯޓްތައް ލިޔަން ފެށުމުން ހަޔާތީވެސް މަޑުމަޑުން އެކަމާއި ގަޔާވެ އެގޮތަށް ޖަވާބުދޭންފެށީއެވެ. އެދޭތެރޭގައި އޮތް ނުތަނަވަސްކަން ދުރުވެ ދެމީހުން އެކުވެރިންނަށްވާކަށް މާ ގިނަދުވަސްތަކެއް ނުވިއެވެ. ހުރިހާ ގަނޑުފެންތަކެއްވިރި ނިމުނުއިރު ލޯބިވާކަން އަމްރާން ކިތަންމެ ފަހަރު އޭނަގެ އަމަލުން ދައްކައިދިނެވެ. ކޮންމެ ދުވަހަކު ގެނެސްދޭ ފިނިފެންމާ ބުކޭތަކުން ފެށިގެން އަގުބޮޑު ހެދުންތަކާއި އަނގޮޓީ އަދި ގަހަނާއާއި ސެންޓުފަދަ ތަކެތިން ހަޔާތީގެ ކްލޯޒެޓް ފުރުނެވެ.
ދެވަނަފަހަރަށް ކައިވެނި ކުރުމަށްފަހު ދެމީހުން ހަނީމޫނަށް ޔޫރަޕަށް ދަތުރުކުރިއެވެ. ފްރާންސްގެ ޕެރިހުގެ ރޮމެންޓިކް މާހައުލުގައި ދެމީހުން އަތު ގުޅުވާލައިގެން ހިނގާލަން ދާ ރޭތަކާއި އައިފުލް ޓަވަރު ތަރިތަކެއްފަދައިން ދިއްލޭތަން ބަލަން ހޮޓެލްގެ ބެލްކަނީގައި އެއް ހިޔަންޏެއްފަދައިން ތިބޭއިރުގެ ހަދާންތައް ހިތުން ފޮހެވޭނެހެއްޔެވެ؟ މަޑުމަޑުންގޮސް ހަޔާތީގެ ހިތުން މިކާލް އެއްކޮށް ފޮހެވިގެން ހިގައްޖެއެވެ.
ހަޔާތީގެ ދިރިއުޅުން މިއަށްވުރެ ވަކިން ފުރިހަމައެއް ނުވާނެއެވެ. އޭނައަކީ އެންމެ ލޯބިވާ އަމްރާންގެ ހިތުގެ ވެރިޔާއެވެ. އަމްރާންއަދި އޭނަގެ އާއިލާއާއި އެކުވެރިންނާއިއެކު ހަޔާތީއަށް މިއަށްވުރެ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެއެވެ. ހުރިހާ އުފާތަކެއް ލިބި މާގިނައިން އެންމެނާއިއެކު އުޅެންފެށުމުން ފަސް ނަމާދުކުރިޔަސް ހެއްދެވިފަރާތާއި އޮތް ގުޅުން ދުރުވަމުންދާކަމުގެ އިހުސާސްކުރެވުނެވެ. އެއީ ހަމަ އޭނަ ދެކެފައިވާ ވީޑިއޯއެއްގައި ވާ ފަދައިންނެވެ.
"އެކަނިވެރިކަމަކީ ވަރަށް ވޭންދެނިވި ކަމެކެވެ. ޖަލުތަކުގައި އެންމެ ބޮޑު އަދަބަކަށް ވަކި ގޮޅިއަކަށްލާފައި ބައިންދާ ސަބަބަކީ އެއިއެވެ. ނަމަވެސް ހުރިހާވަގުތަކު މީހުންނާއިއެކު ހޭދަކުރުމަކީ ނުރައްކާތެރިކަމެކެވެ. ފަސް ވަގުތު ނަމާދުކުރިޔަސް ހެއްދެވިފަރާތާއި އޮތް ގުޅުން ހީނަރުވެގެން ހިގައިދާނެއެވެ. ހުރިހާ ވަރުގަދަ ގުޅުންތަކެއް ބިނާވެގެން ދަނީ އެކީގައި ހޭދަކުރާ ކޮލިޓީ ވަގުތުތަކަށެވެ. ވީއިރު ކޮންމެ ދުވަހެއްގެވެސް ވަކި ވަގުތުތަކަށް ހެއްދެވިފަރާތަށް ޚާއްސަކުރާށެވެ. ބޭނުންވާ ކަންތައްތަކަށް އެދި ދަންނަވާށެވެ. ބިރުތަކާއި ހިތާމަތައް ހިއްސާކުރާށެވެ. ވޭނާއިހިތާމަތަކާއި ބެހޭގޮތުން ޝަކުވާ ކުރާށެވެ. ހުރިހާކަމަކަށް ހުރިހާ ނިއުމަތަކަށް އެ ފަރާތަށް ޝުކުރު ދަންނަވާށެވެ. އަދި ހުރިހާ ކަމަކަށް ހަމައެކަނި މާތް ﷲއަށް ބަރޯސާވާށެވެ. ދުވަހަކުވެސް ތިބާ އެކަނިކޮށްލާފައި ނުދާނެ ހަމައެކަނި ފަރާތަކީ އެއީއެވެ."
އެވީޑިއޯގެ މަތިން ހަދާންވެފައި ހަޔާތީ ކޮންމެ ރެއަކު ނަމާދުކޮށްލުމަށްފަހު ނިދުމުގެ ކުރިން ނަމާދުގޭގައި އިނދެ ގުރުއާން ކިޔަވާފައި އެކަނި ވަގުތުކޮޅެއް ހޭދަކޮށްލައެވެ. މަތިވެރި ނިއުމަތްތަކަށް ޝުކުރުގެ ސަޖިދަ ނުޖަހާ އެންމެ ދުވަހެއްވެސް ހަޔާތުގައި އަންނާކަށް ހަޔާތީ ބޭނުމެއްނުވިއެވެ.
އަމްރާންއާއި ހަޔާތީ ނަމާދުކުރިއިރު ލާވީވެސް މުސައްލަމަތީ ނަމާދުކުރަން ހުރެ ކުރާ ތުއްތު ހަރަކާތްތައް ލޯބިން ފުރޭނެއެވެ. ސަޖިދައަށް ދިޔަގޮތަށް އެތައް އިރެއްވާންދެން އޮތެވެ. އަމްރާން ކުރާ ކޮންމެ ކަމެއް ކޮޕީކުރާހިތުން އުޅޭ ކުއްޖާ އަމްރާންގެ އަވިއައިނު ނަގައިގެން ލޮލުގައި އެޅިއެވެ.
"ހޭ ސްވީޓްހާޓް......ވަޓްސް އަޕް..." އަމްރާން ލާވީ ކޮނޑަށް ނަގައިލަމުން ވަރަށް ލޯބިން އަހައިލިއެވެ." ބުނެބަލަ. ކޮންތާކަށް ޑެޑީގެ ޕްރިންސް ގެންދަންވީ؟ ބީޗަށް؟ "
"ހަނީ. އަޒިކިއަލް އެބަ ގުޅާ..." އެނދުމަތީ އޮތް ފޯނަށް ކޯލެއް އަންނަތަން ފެނިފާ ހަޔަތީ ފޯނު ނަގާފައި ދިއްކޮށްލިއެވެ. އަމްރާން ފޯނު ކަންފަތުގައި ޖެހިއެވެ.
"ރެން އެނގޭތަ މިކާލް މާލޭގައި ހުރިކަން؟ "
"ވަޓް؟" އަމްރާން ކޮންމެވެސް ވަރަކަށް ސިހިފައި ބާރަށް އަހައިލިއެވެ.
"ކާޒްއައި މިކާލް އެއްކޮށް ގޮސް ލޯންޗަށް އެރިތަން ފެނުނީ. ޖިބްރީލްއަށް ގުޅިމަ ފޯނެއް ނުވެސް ނެގި....." އަޒިކިއަލް ބުނެލިއެވެ. އަމްރާން ކިތަންމެ ވަރަކަށް އެކަން ސިކުނޑިން އެއްފަރާތްކޮށްލަން އުޅުނަސް މިކާލްގެ އެނބުރި އައުމާއި ކާޒިމްއާއި އެއޮތް ގޮތްނޭގޭ ގުޅުމާއިމެދު ކަންބޮޑުވާ ހިސާބަށް ހިގައްޖެއެވެ. މިހާ ގިނަދުވަސްކޮށްލާފައި މިކާލް އައީ ކޮން ކުޅިގަނޑެއްކުޅެން ހެއްޔެވެ؟ "ހޫ އިޒް ހީ މިކާލް ސިއްރުކުރަނީ ކޮންކަމެއް؟ވައި ޑަޒް ހީ ކީޕް ޝޯވިން އަޕް؟އިޒް ހީ އެ ތްރެޓް..........."
(ނުނިމޭ...)