ހަޔާތީ ކިޓު ގަނެގެން ގެނެސް ޓެސްޓްހެދިއިރު ހިތްތެޅޭވަރުން މޭ ފަޅާފައި ބޭރަށް ނުކުމެދާނެފަދައެވެ. އޭނަ ޑަސްބިން ހުޅުވާލާފައި އެކިޓު ވައްޓާލަން އުޅެނިކޮށް އަތުގައި ހިފަހައްޓާފައި އެކަން ހުއްޓުވިއެވެ. އަދި ކިޓް އަތުލާފައި ބަލައިލުމުން އަމްރާންއަށް ނޭގޭނެކަމަށް ހީކޮށް ހަޔާތީ ބުނެދިނެވެ.

"ނެގެޓިވް. ޕޮޒިޓިވްވިނަމަ ދެ ރޮގު ހުންނާނީ ކުލަގަދަކޮށް.....އައިމް ސޯ ރިލީވްޑް." ހަޔާތީގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމުން އޭނައަށް ހަގީގަތުގައި އުފާވެރިކަން ލިބުނުކަން ސާބިތުކޮށްދިނެވެ. ނަމަވެސް އަމްރާންގެ މޫނުގެ ކުލަ ފަނޑުވުމާއިއެކު މާޔޫސީކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެއްޗެކޭ ބުނާވަރަށްވުރެ އެހިތަށް ވީ އުދަގޫ ބޮޑުވީނޫންކަމެއް ނޭގެއެވެ. ކިޓު އަތުތެރެއިން ދޫވެގެން ޑަސްބިނަށް ސޮއްސައިލިތަން ބަލަން ހުރެފައި އަމްރާން ދުރަށް ދާން ހިނގައިގަތެވެ. ހަޔާތީއަށް އަމްރާންގެ ހާލަތު ވަޒަންކުރެވުނެވެ. އެލޮލުން ފެނުނު ރިހުމުން އޭނައަށް ލިބުނު އުފާތައް ވަގުތީ އެއްޗަކަށްވެ މޮޅިވެރިކަން ވަށާލަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.

އެދުވަހުން ފެށިގެން އަމްރާންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައީ ހަޔާތީ ހާސިލުކުރުމުގެ އުއްމީދުގައެވެ. އޭނަގެ ފިކުރަށްވުރެ ހަޔާތީ މާ މުހިއްމުވިއެވެ. އޭނަ ގަބޫލުކުރާހާ އުސޫލުތަކާއި ފިކުރެއް އެއްފަރާތްކޮށްފައި ހަޔާތީ ބޭނުންވާގޮތަށް ދީލައިލަން ޖެހުނީ ހިތުގެ ފުންމިނުގައި ޚަޒާނާ ކުރެވިފައިވާ ހަޔާތީގެ ލޯތްބެވެ. އެލޯތްބަށް އޭނަ އެދޭވަރެވެ. ހަޔާތީ އާ ފެށުމަކުން ފަށަން ބޭނުމިއްޔާ އެކަމަށް އޭނަ ތައްޔާރެވެ. ދީން ގަބޫލުނުކުރާ މީހަކާއި މުސްލިމަކަށް ކައިވެނި ނުކުރެވެންޏާ އޭނަ މިހިރީ ދީނަށްވަދެ އަލުން ކައިވެނިކޮށް ހަޔާތީ ބޭނުންވާފަދަ ހަލާލު ކައިވެންޏަކަށް ހަދާދޭށެވެ.

ރައީސްކަމާއި ގޮނޑިއަށްވުރެ ހަޔާތީއާއިއެކު އުފާވެރި ދިރިއުޅުމެއް ހޯދުމަށް އަމްރާންގެ ޟަމީރު އޭނައަށް ވިސްނައިދިނެވެ.

ނަމަވެސް ދުވަސްކޮޅެއް ނަގާފާނެއެވެ. ދީނާއި ބެހޭގޮތުން ގިނަ ކަންތައްތައް ދަސްކުރަން އޭނަ ފެށީ އެހެން މީހެއްގެ ގާތުގައި ނުބުނެ އެކަނިމާ އެކަނިއެވެ.

ޝެފް ހެދުނު ނާސްތާ ތައްޔާރުކުރަން ހުރިއިރު ޕޭންކޭކުގެ މީރުވަހުން ހަޔާތީގެ ބަނޑުފުރޭހާވިއެވެ. އޭނަ ނުކުތުމާއިއެކު އަވަހަށް ކާކޮޓަރިއަށްވަދެ ހޫނު ޕޭންކޭކަކަށް މޭޕްލްސިރަޕް އަޅައިގެން ކާންފަށަމުން ދެލޯ މަރައިލިއެވެ. ލޯ ހުޅުވައިލީ ފިޔަވަޅުތަކެއްގެ އަޑުއިވި އަމްރާންކަން ޔަގީންވެފައެވެ. ހާސްފަހަރު އަމްރާން ފެނިފައިވިޔަސް އެއިން ކޮންމެ ފަހަރަކު އޭނަގެ ހިތް ހަމަ އަވަސްވެ ހައްދުން ބޭރުވާންޖެހޭހެއްޔެވެ؟ މިވަރުންދަންޏާ ހިތް ބަލިކަށިވެ ހިތް ހުއްޓޭދުވަހެއް އައިސްދާނެއެވެ. އަލަށް ލޯބިވެގެން އުޅޭއިރެކޭ އަދިވެސް ތަފާތެއްނެތެވެ. އަމްރާން ހުރީ ދުވާ ހެދުމާއި ޓެނިހުގައެވެ. ޓީޝާޓާއި އިސްތަށިގަނޑުގައި ދަލުގެ އަސަރު ހުރިއިރު މޫނުވެސް ދާތިކިތަކުން ފެންވެރިފައެވެ.

"މޯނިން....."

"ކޮފީ ހަދަންތަ؟ " ހަޔާތީ އަހައިލިއެވެ.

"ނޫން. ނާސްތާ ކުރާނީ އިރުކޮޅަކުން. ވިދް ޑޭޑް......." އަމްރާން ފްރިޖުން ޖޫސްތަށްޓެއް ބިއްލޫރިތަށްޓަކަށް އަޅައިގެން ބޯންފެށިއެވެ. ހަޔާތީއަށް ސިއްރު ނަޒަރަކުން ބަލައިލެވުނުއިރު އަމްރާންވެސް ހުރީ ބަލަހައްޓައިގެންނެވެ. ރަކިވީވަރުން މޫނަށް ހޫނުވިއެވެ. ރަތްވާނެވަރު ހަޔާތީއަށް އެނގުނެވެ.

"ހަޔާތީގެ މާނަ ބުނެބަލަ....." އަމްރާން ކުއްލިއަކަށް ބުނެލީ ހިތަށް ނާރާ އެއްޗެކެވެ.

"މައި............ލައިފް" ހަޔާތީ ލަދުގަތެވެ.

"އެދުވަހު ފޮނުވި ނޯޓްގައި އަރަބިން އިނީމަ ފުރަތަމަ ނޭގުނު. ފަހުން އެނގުނީ އަރަބިން އަޅާފައި އިނީ ހަޔާތީކަން. މާނަ ގޯހެއްނޫން.. އެންމެން ހަޔާތީއަށް އެނަމުން ކީމަ އުދަގުލެއްނުވޭތަ؟ "

"އެންމެން މާނަކޮށްފައެއް ނޫން ނަމުން ގޮވާނީ...." ހަޔާތީ އެސްފިޔަތިރިކޮށްލިއެވެ.

"އާހް...އޯކޭ " އަމްރާން މޭޒުގައި އަތް ވިއްދައިލަމުން ބަލަން ހުރީ ލަދުގަންނަވާފަދަ ނަޒަރަކުންނެވެ. އެތޫނު ދެލޮލުން އޭނަގެ މޫނަށް ބަލަންފެށުމުން ރަކިވެގެންގޮސް ވިރިގެން ހުރިތަނަށް ފައިބާފާނެހެން ހީވިއެވެ.

"އަބަދުވެސް ތިގޮތަށްތަ އަންހެންކުދިންނަށް ބަލަނީ؟" ހަޔާތީ ދެރަނުވާންވެގެން ހީގަނެފައި މޫނަށް އަތް ހުރަސްކުރަމުން އެކަން މަނާކުރުމުން އަމްރާން އެއަތުގައި ހިފެހެއްޓީ އަމިއްލަ ހައްގެއް ފަދައިންނެވެ.

"އަހަރެންގެ އަންހެނުންނަށް އެކަނި ދޯ މިހެން ބަލާނީ....."

"އެކަމަކު އެހެން އަންހެންކުދިން އަމްރާންއަށް ބަލައެއްނު........"

"އެކަމާ ޖޭވީތަ " އަމްރާން އެއް ބުމަ އަރުވާލަމުން ލޮލަށް ގޮތެއް ހަދައިލީ ހަގީގަތުގައިވެސް ހަޔާތީ އެކަމާއި ހަސަދަވާކަން ޔަގީންވެ ހުރެ ކޮށްލި ހަރަކާތެއްފަދައިންނެވެ.

"ކޮންމެ އިހުސާސްތައް އޮތަސް އެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަން ދަސްނުކުރަންޏާ ގޯސްތައް ހެދޭނީ. އެކަމުން އަރައިނުގަނެވޭނެވަރުގެ ގޯހެއް ވެދާނެތީ ބިރުގަނޭ. އެހެންވެ ވަރަށް ވިސްނާފައި ކޮންމެ ފިޔަވަޅެއް އަޅާނީ. ދީނީ ނަޒަރަކުން ބަލަންޏާ އައި ކާންޓް ބީ ވިތް ޔޫ...." ހަޔާތީ ތުންފިތައިލިއެވެ. އަމްރާންއާއި ވަކިވެދާނެއޭ ހިތަށް އަރާ ކޮންމެ ފަހަރެއްގައި ހިތުގައި ރިއްސާގޮތްވެ ދެލޯ ފެންކަޅިވެދެއެވެ. މިއީ އަބަދުގެ ހާލަތެވެ. އޭނަ ކިތަންމެ ވަރަކަށް ގަބޫލުނުކުރާން ބޭނުންވިޔަސް ހިތުގައިވަނީ އަމްރާންގެ ލޯތްބެވެ. އެއީ އޭނަގެ މަންޒިލެވެ. ނަމަވެސް އެދެމީހުން ދޭތެރޭ މިއޮތް ހުރަހަކީ ފަސޭހައިން ނައްތައިލެވޭނެ ކަހަލަ ކަމެއްނޫނެވެ. ދީން ހުރަހަކަށްވެ އެދެމީހުންގެ ލޯބީގެ ހަޔާތް ފުނޑުފުނޑުކޮށްލަނީއެވެ.

ހަޔާތީއާއި އެލީން ގޮސް އިށީދެލީ ރެސްޓޯރެންޓުންގެ އެންމެ ކަނުގައި ހުރި މޭޒުގައެވެ. ދެކުދިންވެސް ތިބީ މޫނު ބުރުގާއިން ފޮރުވިގެންނެވެ. އެކުދިން މިތަނަށް އައުމުގެ މަގުސަދަކީ ސޯލްޖާސް އޮފް މެހުދީ ޕޭޖު ހިންގާ ފަރާތުގެ ދައުވަތެކެވެ. އެލީންގެ ހިތް ފިނިވެ މޭތެޅޭއިރު ހަޔާތީގެ ހިތަށްވެސް ނޭގޭ ބިރުވެރިކަމެއް ވަދެ އަންގީގެ އެތެރެއިން އަތްތިލައިން ދާހިއްލާކަން އިހުސާސްކުރެވުނެވެ. އެޒުވާނާ މިކާލްއަށް ވެދާނެކަމުގެ ޝައްކު ބޮޑުކަމުން ހިތް އޮބެހެއްޓޭވަރެއް ނޫނެވެ. މިކާލް ނޫނިއްޔާ ދެން އެ ޒުވާނާ ވާނީ ކާކަށްބާވައެވެ. ސްމޫތީސްއަށް އޯޑަރު ދިނުމަށްފަހު ދެކުދިން ހަމަޖެހެން މަސައްކަތްކުރިއެވެ.

"އޭނަ ބުނީ އޭނަ ހުންނާނީ ކަޅު ޖިންސަކާއި ޑާކް ގްރީން ގަމީހެއް ލައިގެންނޯ އެހެންވީމަ......"

"އޯ މައިގޯޑް..." ކުއްލިއަކަށް އެލީންގެ ޖުމްލަ މެދުކަނޑާލާފައި ބޭއިޚުތިޔާރުގައި ކިޔައިލެވުނެވެ. އަދި ހަޔާތީގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

"އޭނަ އައީތަ؟ " ހަޔާތީ އިނީ ދޮރަށް ފުރަގަސްދީގެންކަމުން އެނބުރި ބަލައިލާކަށްވެސް ނުކެރުނެވެ.

"ހޫމް....އެކަމަކު..."

"މިކާލްތަ...." ހަޔާތީއަށް އެހެން އެހުނު ކަމެއް ނުވަތަ ނޫންކަމެއްވެސް ނޭގުނެވެ. އެލީން ޖަވާބެއް ނުދީ އިންއިރު އެކުއްޖާއަށް ޝޮކެއްލިބި ފުރާނަ އުދުހިގެން ދިޔައީބާވައޭ ހިތަށް އަރާފައި ނުހުރެވިގެން ހަޔާތީއަށް ފަހަތަށް ބަލައިލެވުނެވެ. އެއާއިއެކު އޭނައަށްވެސް ލިބުނު ސިހުމާއެކު ދެލޯ ތަންމިނަށް ބޮޑުކޮށްލާފައި ތެދުވެގެން ހިނގައިގަނެވުނެވެ.

ކަޅުކުލައިގެ ޖިންސަކާއި ފެހިއަދި ކަޅުކުލައިގެ ރޮގުތަކެއްދެމި ގަމީހެއްގައި ހުރި އޭނަގެ ކޮއްކޮ އިޝްކަން ފެނުމުން ހަޔާތީއަށް ގޮސް އެއަތުގައި ހިފައިލެވުނެވެ.

"ކީއްކުރަނީ މިތާ......"

"ދޮންތަ މިތާ އިނީމަ...." އިޝްކަން ލާނެތްކޮށް ހީލަމުން ހަޔާތީގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"އިޝްކަން............." ހަޔާތީ ރާގެއްލާފައި ކިޔައިލިއެވެ.

"މްމމް. އަސްލު މިއައީ އަހަރެންގެ ވާން އުޅޭ ވައިފްއާއި އެކު ވާހަކަދައްކާލަން. ދޮންތަ އިނީމަ ބޮޑަށް ރަގަޅީ. ވަރަށް އުފާވެއްޖެ ދޮންތައާއިއެކު އޭނަ އައީމަ. އަހަންނަށް ރަގަޅަށް އެނގިގެންނެ ވާހަކަދެއްކީ. އެކަމަކު އޭނައަށް ވާހަކަދެއްކުނީ ކާކާކަން އެނގޭނީ މިހާރު....މިވަގުތު. ދޮންތާ އަހަރެންގެ ޗޮއިސް ދޮންތަށް ކަމުދޭތަ............." އިޝްކަން ބުމަ އަރުވައިލިއެވެ.

"އޮފްކޯޒް. ނުވާންވީ ކީއްވެތަ. އައިމް މެލްޓިން............" އެލީން ވާހަކަ ދައްކަމުން އައި ފިރިހެނަކީ އިޝްކަން ކަން އެނގުމުން ބޮލުން ޓަނެއްގެ ލުއިވެގެން ދިޔުމާއިއެކު ހިތަށް ލިބުނީ ތަފާތު އުފަލެކެވެ. އެލީންއާއި ދެމީހުން އެއްއިރެއްގަ ދުޝްމަނުންކަމުގައިވެ އެކަކު އަނެކަކު ފެނިލިޔަސް ހުޅުހިފާނެހެން ހީވިއެވެ. ނަމަވެސް އެލީން އެމީހަކަށްޓަކާ ބަދަލުވި ޒުވާނާއަކީ އޭނަގެ ކޮއްކޮ ފިޔަވާ ދެވަނަމީހެއް ނޫނެވެ. އެލީންއަށް ހިދާޔަތް ލިބުމުގެ މެދުވެރިއަކަށްވީ އެ ކޮއްކޮއެވެ. މިކާލްއަށް ނުވިކަމަށްޓަކާ ހިތާހިތުން ހަމްދުކުރެވުނު އަދަދެއްވެސް ނޭގެއެވެ. އުފަލުންގޮސް ފެންކަޅިވިއެވެ. ނަމަވެސް މިކާލްއަށް ވިނަމަ އޭނަ ދުނިޔޭގައި ހުރިކަން އެނގި ކުޑަކޮށް އުފާނުވާނެ ބާވައެވެ.

އެލީން އިސްޖަހައިގެން އިނދެ ދެލޯ ފޮރުވަން މަސައްކަތްކުރިއިރު އެމޫނަށް ރަތްވާނެވަރު ބުރުގާތެރެއިންވެސް ހަޔާތީއަށް އަންދާޒާކުރެވި ހިނިއަންނަގޮތްވިއެވެ. އެލީންމިހާ ލަދުރަކި އަންހެންކުއްޖަކަށްވީ ކޮންއިރަކުހެއްޔެވެ.

އިޝްކަން ޖެހިލުމެއްނެތި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައީ އޭނަގެ މަންޒިލައި ދިމާލަށެވެ. އެލީން ދަސްކުރަން އޭނަ އެތައް ދުވަހެއް ހޭދަކުރުމަށްފަހު ޔަގީންކަމެއް ލިބުނެވެ. ހަޔާތުގެ ބައިވެރިޔަކަށް އެންމެ ހިތްއެދޭ އަންހެންކުއްޖާ މިއިނީ އޭނައަށްޓަކާ ހުރިހާ އެއްޗެއް ގުރުބާންކޮށްފައެވެ. ސަމާގެ ބޮޑުދެލޮލުގެ ޖާދުލުން ސަލާމަތްވެވުނީ އެލީންގެ އުފާވެރިކަމާއި ހިނިތުންވުންތަކުގެ އަސީރަކަށްވެވިއެވެ.

އިޝްކަން އެލީންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

"އާ ޔޫ ދެޓް ޝޮކްޑް؟ ފެއިންޓް ނުވާތި. ޑްރިންކް ދިސް.............." އިޝްކަން ސްމޫތީސް ތަށި ނަގާފައި އެލީންއާއި ކައިރިކޮށްލަދިނެވެ.

"އިޓްސް ޔޫ........." އެލީން ބުނެލީ ގަބޫލުކުރަން ދަތިވެފައެވެ.

"ހޫމް. ބިރުންތަ؟ " އިޝްކަން ބުމަ އަރުވައިލިއެވެ.

"ކޮންކަމަކާ" އެލީން ހީލިއެވެ.

"ޓެރަރިސްޓަކަށްވީމަ. ރާއްޖޭ ކުދިން އެޕޭޖްވެސް ބްލޮކްކުރުވީނު........"

"އެ ސަރުކާރުގެ ކަޑަކަން. ލާދީނީކަން......." އެލީން ބުނެލިއެވެ.

"މިސްޓަރ އަމްރާންގެ ސަރުކާރު. އަދި އެއީ މަގޭ ޅިޔަނު ހެހެ......" އިޝްކަން ބުނެލިއެވެ.

"ޑޫ ޔޫ ލައިކް މީ........މިގޮތަށް ޑްރެސްކުރީމަ.." އެލީން އަހައިލިއެވެ.

"ތިވެސް ދެން ކުރާ ކަހަލަ ސުވާލެއްތަ އެލީން. ރަގަޅަށް އެނގޭނެއްނު މި މާލޭތެރޭ ހިގަން ޖެހެނީ ދެލޯ މަރާލައިގެންކަން. މުޅިންވެސް ފެންނަނީ ހެދުންނުލާ އުޅޭމީހުން. މަށަށް ރަގަޅީ މީހަކަށް އެލީންގެ ދެލޯވެސް ނުފެނުނިއްޔާ އެލީންގެ އެންމެ ރީތި ސިފައަކީ ދެލޯ. ހިޖާބުގައި ތިއްބަސް ތި ލޮލާއި އަޅައިގަންނާނެ. ލޯވެސް ފޮރުވީމަ ހިތްހަމަޖެހޭނީ............" އިޝްކަން ދެވަނަފަހަރަށް އެލީންއާއި ދިމާލަށް ބަލާކަށް މަސައްކަތެއް ނުކުރެއެވެ. ވެއިޓަރަށް ގޮވާ ގެނެސް އޭނަ އޯޑަރުކުރީ އެނާޖީ ޑްރިންކަކަށެވެ. އެއަށް ގަނޑުފެން އަޅައިގެން ބޯންފެށުމުން ކަރުހިއްކުމުން ސަލާމަތްވިއެވެ. އިޝްކަން ފުރަތަމަ ފަހަރަށްވެސް ލޯބިވީ ހިޖާބީ އަންހެންކުއްޖެއް ދެކެއެވެ. އޭނަ އަޅައިގަތީ އެ ބޮޑު ދެލޮލުގައެވެ. އޭނަގެ އަންހެންކުއްޖާ އެހެން މީހުންނަށް އިޝްތިހާރުކުރާކަށް އިޝްކަން ނޭދެއެވެ. އޭނަގެ އަންހެނުންގެ ރީތިކަން އޭނައަށް ފެނުނީމަ އެވީއެވެ. ހަލާލު ލޯތްބަކީ ކައިވެންޏެއް ބާއްޖަވެރިވުމުގެ ބިންގަލެވެ. ނަހަލާލު ގުޅުމަކުން ކައިވެނި ފަށާކަށް ނުވާނެއެވެ.

"ހެލޯ ފަހަރި. ނުބުނެ ސިއްރުކޮށްގެން." ހަޔާތީ މިފަހަރު އިށީނީ އެލީންގާތުގައެވެ. އެފަޅީގައެވެ. އެލީންއާއި ދިމާކޮށްލަންވެގެން ހަޔާތީ އެއްޗެކޭ ބުނެލިއެވެ.

"އައި ސްވިއާ. ކުރިއަކުން ނޭގޭ ކާކާއި ކަމެއް ވާހަކަދެއްކުނީ....."

"ހެހެ... އަޅެ އައިމް ސޯ ހެޕީ....." ހަޔާތީ އެލީންގެ އަންގި ލައްވާފައި ހުރި އަތްތިލައިގާ ފިރުމާލުމަށްފަހު ނަޒަރު ބަދަލުކޮށްލިއިރު އޭނަ ހީލިކަން އެ ލޮލުން އެނގުނެވެ. ހަޔާތީ ސްމޫތީސްގައި ހޮޅިކޮޅު ޖައްސައިގެން ބޯންފެށިއެވެ.

"އެލިން ބުނީމެއްނު ނުދަންނަ މީހަކާއި އޭ ވާހަކަދެއްކީ. ތިހެން ނުދަންނަ މީހުންނާއި ވާހަކަދައްކަން ހަދައިގެން ސައިކޯޕާތަކާއި ވާހަކަދެއްކިދާނެ އިނގޭ. އަދި އެންމެ މުހިއްމުވާހަކަ އޮތީ. ވަރަށް ދުވަސްވެއްޖެ ދެމީހުން ދީނުގައި ހުއްދަނޫންގޮތަށް ސޯޝަލްމީޑިއާގައި ވާހަކަދައްކާތާ. ދީނީ ބަހުސްވިޔަސް ފިރިހެނަކާއި އަންހެނަކު ވާހަކަދައްކަންޏާ ޝައިތާނާ ކްލެޕްކުރަން ގާތުގައި ހުންނާނެ. އިތުރަށް ފާފަކޮށް ޑެވިލް އުފާކޮށް ނުދެމާ. އެލީން. ވިލް ޔޫ މެރީ މީ............" އިޝްކަން ކައިވެންޏަށް މިގޮތަށް އެންމެ ފުރަތަމަ ބައްދަލުވުމުގައި އަހާފާނެކަމަކަށް އެލީން ހިޔެއްނުކުރެއެވެ. ދެއަތް ގެނެސް އަނގަމަތީ އެޅުނުއިރު ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. ބަލަބަލާ އިންދާ އެރީތި ދެލޮލުގައި ވިދަންފެށީ އުފާވެރިކަމުގެ ކަރުނައެވެ.

**** ހަތަރު އަހަރު ފަހުން...

އަމްރާންއާއި ހަޔާތީ ރިޒޯޓުގެ ގޮނޑުދޮށުގައި ކުއިލްޓް ފަތުރާލައިގެން ލަންޗްނެގިއެވެ. ދަރިފުޅު ލާވީއަށް ކާންދޭން ޖެހުނީ ގަދަކަމުންނެވެ. ސޭންޑްކާސަލްއެއް ހަދަމުން ފުޅިއަކަށް ކުލަކުލައިގެ ރީތި ބޮލިތައް އެޅުމުގައި އަވަދިނެތި އޮތް ލާވީއަށް ކެއުމަކީ އެހާ ފޯރި ހުރިކަމަކަށް ނުވިއެވެ. އެއްޗެކޭ ކިޔާ ހައްލާލާފައި އަނގަޔަށް ލައްވާ އެތިކޮޅު ހަފާލަން އެތައް އިރެއް ނަގާފާނެއެވެ. ލާވީގެ ކޮނޑާއި ހަމަޔަށް ދިގުކޮށްފައިވާ އިސްތަށިގަނޑުގެ ސަބަބުން އަންހެންކުއްޖެއްކަމަށް ދެކޭ މީހުން ހީކުރެއެވެ. އެނަން ދަރިފުޅަށް ދިނީ އަމްރާންއެވެ. އޭނައަށްޓަކާ ދުނިޔެދޫކޮށްފައިވާ އެންމެ ގާތް އެކަކުކަމަށްވާ ލާވީގެ ހަނދާނުގައެވެ. ލާވީއާއި އެންމެ ގާތްކޮށް އުޅޭ ކުއްޖަކީ ލާވީގެ ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ލާނާއެވެ.ކުދި ކުދި އިސްޕިރީނުތައްހެން ހީވާ ބުޅިކޮޅުތައް ލާފައި ހުންނަ ލާނާއަށް އޭނަގެ މަންމަ އެލީންއާއި އިޝްކަންގެ ރީތިކަން އެއްވެ ނާދިރު ރީތިކަމެއް ލިބިފައިވިއެވެ. މިއަދު ލާނާ ނެތި ދަތުރު އައުމުން ލާވީ އެތައްފަހަރު ލާނާ ނުފެނިގެން ސުވާލުކޮށްފިއެވެ.

ލާވީގެ ނަސީބު އެދެމަފިރިންނަށް ލިބުނީ ދެވަނަފަހަރަށް ކައިވެނިކޮށްގެންނެވެ. ފުރަތަމަ ކައިވެނި ސައްހަވާނެކަމަކަށް ހަޔާތީއަށް ގަބޫލެއްނުކުރެވުނީއެވެ. ދީން ގަބޫލުނުކުރާ މީހަކާއި ކައިވެނިކުރުން ހުއްދަވާނެ އެއްވެސް ގޮތެއްނެތެވެ. ޝަރުތުތައް ކޮށްގެން ކުރާ ކައިވެނިވެސްމެއެވެ. އޭނަ ކުރީކޮޅު ނުވިސްނާ ހުރުމުންނާއި ލޯބިން ހަފުސްވެފައިވާ ސިކުނޑިއަށް ވިސްނާނެ ބަޔެއްނެތީއެވެ. ފުރަތަމަފަހަރަށް ޕީރިއެޑް މިސްވުމުން ޓެސްޓްހެދިތަނާ އަމްރާން އައިސް އެއަތުލިދުވަހު އެމޫނަށް އެރި ކުލަވަރުތައް ހަޔާތީ ދިރިހުރިހާ ހިދަކު ހިތުން ނުފިލާނެއެވެ. ހިތުގައި އެ މޫނު ފެވުނީ ޑާވިންސީގެ ހިތާމަވެރި ތަސްވީރެއް ފަދައިންނެވެ. އެއަށްފަހު ނަސީބަކުން އަމްރާންގެ ފިކުރު ބަދަލުވިއެވެ. އެހެން މީހުންނަށް އޭނަ ބަދަލުވިކަން އަންގާކަށް އަމްރާން ބޭނުމެއްނުވިއެވެ. އެކަން އެނގުން މުހިއްމުވަނީ ހަމައެކަނި ހަޔާތީއަށް ކަމުގައި އަމްރާން ބުނެލިއެވެ. ދެމީހުން އަލުން ކައިވެނި ކުރިއެވެ. އެއަށްފަހު އަމްރާންގެ ހުރިހާވެސް އުފަލަކަށްވީ އާއިލާއެއް ބިނާކުރުމެވެ.

ކެއުމަށްފަހު އަމްރާންއާއި ހަޔާތީ ދަރިފުޅާއިގެން މޫދަށް އެރުނެވެ. ލާވީގެ ތުއްތު ހުނުމާއި އުފާވެރިކަން މުޅި މާހައުލުގައި ހިފާލާފައިވީ އެންމެ ރީތި އަޑުކަމުގައި ހަޔާތީއަށްވިއެވެ. މޫދުގައި އުޅެ އުޅެ ހީކަރުވައިގެން މޫދުން އެރިއެވެ. ކުޑަ ބޮކްސާކޮޅެއްގައި ހުރިއިރު ކުޑަ ހަށިގަނޑު ޓޭންވެލާފައި ހުރިއިރު އޮމާންކަމުން ވިދައެވެ. އަމްރާން ދޮންވެލިގަނޑުމަތީ ދެއަތް ވިއްދާލައިގެން އިންއިރު އޭނަވެސް އިނީ ހަމައެކަނި ދިގު ސޯޓެއް ލައިގެންނެވެ. ކަސްރަތީ ހަށިގަނޑު ހާމައަށެވެ. ލާވީގޮސް އަމްރާންގެ ކޮނޑަށް އަތް ވައްޓާލައިގެން ބައްދައިލީ ހީކަރުވައިގެންނެވެ. ލާވީ އަމްރާންގެ ތުންފަތަށް ބޮސްދިނެވެ. ދެބަފައިންގެ އެ ހިތްގައިމު ވަގުތުކޮޅު ލޯބިން ފުރޭހާވިއެވެ. ހަޔާތީ ކައިރިއަށް ޖެހިފައި ސެލްފީއެއް ނެގިއެވެ. އަދި ދުރަށްގޮސްފައިވެސް އެ އުފާވެރި ރީތި މަންޒަރުތައް ފޯނުގައި ރައްކާކުރަން ފެށިއެވެ. ހަޔާތީ ފޮޓޯގްރާފައަކަށްވެ އެދޭފަދަ އެކި ޕޯސްތަކުގައި ތިބެ ދެބަފައިންގެ ފޮޓޯ ނެގީ ފޯރިއާއެކުގައެވެ.

"އިނަފް ބޭބީ މިވަގުތަށް ވާވަރަށް ނެގިއްޖެ. ފެންވަރާލައިގެން ސަންސެޓް ބަލާފައި ނަމާދަށް ދެވޭނީ އޭރުން......." އަމްރާން ލާވީ ކޮނޑަށް ނެގިގޮތަށް އަނެއް އަތުން ހަޔާތީ ގަޔާއި ކައިރިކޮށްލަމުން ނިތްކުރިއަށް ބޮސްދިނުމުން ހަޔާތީގެ ހިތް އުފަލުން އުދުއްސައިގަތެވެ.

ލާވީ ދެތިން ކިނބިހި ފުލުފުލުގައި އެޅީ މާ ބޮޑަށް ފިނިވެގެންނެވެ. "އަލްހަމްދުލިﷲ" ލާވީ އޭނަގެ ޅައަޑުން ބުނެލިގޮތަކުން ހަޔާތީގެ ހިތްފުރިގެން އައެވެ. އަމްރާންއާއި ހަޔާތީއަށް އެއްފަހަރާ ޖަވާބުދެވުނެވެ.

"ވީކެންޑް އަބަދަށް އޮންނާނެނަމަ......"

"ހޫމް ރައީސްކަމުގެ މަގާމުގައި ހުރުމަކީ ބޮޑު ޒިންމާއެއް. ފެމިލީއަށް ދެވޭ ވަގުތު މާ މަދުކަމަށް ފެނޭ. މިއޮތީ ރިޔާސީ އިންތިޚާބު ކައިރިވެފައި. މީހުންގެ ސަޕޯޓްލިބޭވަރުން ކާޒް ބޭނުންވާތީ އަހަންނާއި ކާޒް މިފަހަރުވެސް ވާދަމިކުރަނީ. އެކަމަކު ނޮޓް އިންޓެރެސްޓެޑް އިން ބީން ދަ ޕްރެޒިޑެންޓް އެނީ މޯ. ހުވާކޮށްފައި ދުވަސްކޮޅަކުން އިރާދަކުރެއްވިއްޔާ ކާޒްއަށް ވެރިކަން ދީފައި ދުރަށްދާނީ. ވެރިކަމާއި ފަޚުރާއި އިއްޒަތަށްޓަކާ އަބަދާއަބަދު އުޅެން ހެޔޮނުވާނެ. ވަރަށް ގިނަ ފިލާވަޅުތައް ދަސްވެއްޖެ. ސިޔާސީ ކަންތައްތަކާއި އުޅެންޏާ އެނޫންކަމެއް ބޮލަކަށް ނުވަންނާނެ. ރޭ ދުވާ އެކަމުގެ ތެރޭއުޅެ ހެއްދެވިފަރާތްމަތިން ޣާފިލުވެ ދުނިޔެއައިހެދި މާ ބޮޑަށް އުޅެވޭކަމަށް ފެނޭ. އައި ވިލް ލީވް........." އަމްރާން ބުނެލިއެވެ.

"ކޮންތާކަށް؟ " ހަޔާތީ އަހައިލިއެވެ.

"ރާއްޖެ ނޫން ކޮންމެވެސް އެހެން ތާކު އުޅޭނީ......."

"ބޭބީ އަދިވެސް ފަސްޓްލޭޑީގެ މަގާމުގައި ހުންނަން ބޭނުންވަނީތަ؟ " އަމްރާންގެ ލުއި ހުނުމުގައިވި މަސްތީގޮތަކުން ހަޔާތީގެ އަތުން ހީބިހިނެގިއެވެ.

"އެހާ ދަހި މީހެއްނޫނޭ. ސީރިޔަސްލީ. ފައިވް ޔިއާސް އިޒް މޯ ދޭން އިނަފް. މިއަށްވުރެ މާ އުފާވާނެ ފަޅުރަށެއްގައި ތިންމީހުން ކުޑަ ގެއެއް އަޅައިގެން ވަކިން ދިރިއުޅުނިއްޔާ. ކިހާ އަރާމް. ކިހާ ޕީސްފުލް..އެއީ އުފަލަކީ.." ހަޔާތީ ޖަޒުބާތުގައި ބުނެލިއިރު އަމްރާންއާއެކު ވޭތުކުރާ ކޮންމެ ވަގުތެއް އޭނައަށް ގެނެސްދޭ ހިތްހަމަޖެހުން ލަފުޒުތަކަކުން ބަޔާންކޮށެއް ނުދެވޭނެއެވެ.

"ބްލޫ ލެގޫން ކުޅޭނީ...." އަމްރާން އެއް ލޯ މަރައިލިއެވެ.

ސަމާސާ ވާހަކަތަކެއް ދައްކަމުންގޮސް މޫދު ކޮޓަރިއަށް ވަންނާން ދިޔައިރު އަޒިކިއަލްއާއި ސިކިއުރިޓީ ޓީމްގެ މީހުން ތަންކޮޅެއް ދުރުގައި އެމީހުންގެ ހަރަކާތްތައް ދެކެން ތިއްބެއެވެ. ހަޔާތީ ހިތްހަމަނުޖެހެނީ އެހެންވެއެވެ. އެއްވެސް ޕްރައިވެސީއެއް އަމިއްލަ ދިރިއުޅުމެއް އެމީހުންނަށް ހައްގުނޫންފަދައެވެ. އެމީހުންގެ ކޮންމެ ހަރަކާތަކަށް ފާރަލައިގެން ދުރުމީއަޅައިގެން ކޮންމެވެސް އެއްބަޔަކު ތައްޔާރުގައެވެ. ހަމަލާއެއް އަތުވެދާނެކަމުގެ ބިރަށެވެ. އެފަދަ ދިރިއުޅުމަކަށްވުރެ އާދައިގެ މީހުންގެ ގޮތުގައި ދިރިއުޅެން މާ ފަސޭހައެވެ. ދާހާ ތަނަކުން ކެމެރާތަކާއި ޕަޕަރާޒީއެވެ.

"އަހަރެން ހިތަށް އަރާ މިހާ ނަސީބު ރަގަޅުވީ ކޮންކަމެއް ރަގަޅަށް ކުރެވިގެންބާވައޭ. ފެއަރީޓޭލްއެއްގައި އުޅޭހެން ހީވާފަހަރު އާދޭ. މިހާ ރަގަޅު ހަޒްބެންޑެއް އެންމެ ލޯބިވާ ދަރިފުޅު......."ހަޔާތީ ހިތާހިތުން އެތައްފަހަރު ހަމްދުކުރިއެވެ. ދުނިޔެއަކީ ކުޑަދުވަސްކޮޅެއްގެ އުފަލެއްކަމާއި މިދުނިޔެއާއި އުފާތަކަށް މާ ބޮޑަށް ބަރޯސާ ނުވާން އެވަގުތުވެސް ހަދާންވެ ދުޢާކުރެވުނެވެ. އޭނަގެ ހުރިހާވެސް އަޒުމަކީ ދަރިފުޅު ސާލިހު ފިރިހެންދަރިއެއްގެ ގޮތުގައި ބޮޑުކުރުމެވެ. އިސްލާމީ ފުރިހަމަ ތަރުބިއްޔަތަކުން ދަރިފުޅު ތަރުބިއްޔަތު ކުރުމެވެ.

ނިންދަވާން އަރުވާފައި ލާވީއަށް ހަޔާތީ ދުޢާކިޔަން ދަސްކޮށްދެއެވެ. އެއުމުރުގެ ކުއްޖަކަށް ދޭހަވާނެހެން ނަބިއްޔުންގެ ރީތި ވާހަކަތަކާއި އިބުރަތްތެރި ވާހަކަތައް ކިޔައިދެއެވެ. ކޮންމެ ކަމެއް ފަށާއިރު ބިސްމީގެ ބަރަކާތުން ފަށަން ހަދާންކޮށްދެއެވެ. މާތް ﷲ ގެ ރަހުމަތްފުޅާއިއެކު އެދަރިފުޅުވެގެން ދިޔައީ ބަސްއަހާ ގެންގުޅެން ނިކަން ފަސޭހަކުއްޖަކަށެވެ. ހަމައެކަނި އުދަގޫ ވަނީ ކާންދިނުމެވެ.

މާލެތެރޭގައި އިންތިޚާބީ ފޯރިނިކަން ގަދައެވެ. އެކި ޕާޓީތަކުން ކެމްޕެއިން ހަރަކާތްތައް ހިންގާއިރު މާލެތެރެ އިތުރަށް ހަލަބޮލިވެފައިވިއެވެ. އެލްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ޕޯޑިއަމްއަށް އަރާހުރިއިރު އެތައް ޒުވާނުންނެއް އެހިސާބު ވަށާލާފައިވިއެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް އަމްރާން އަބުދުލްއަޒީޒުއަކީ މާތް ﷲ ދިވެހި ގައުމަށް އިސްލާމީ އިންގިލާބެއް ގެނެސްދެއްވި ބަތަލެއް. ޒުވާނުންގެ ހިތުގެ ވިންދު. އެމަނިކުފާނުގެ ސަބަބުން މި ވޭތުވެދިޔަ ފަސްއަހަރުތެރޭ މި ގައުމު ހީވެސް ނުކުރާހާ ކުރިއަށް ހިގައްޖެ. ތަރައްގީގެ ދުވެލި އިންތިހާ. އިގުތިސާދީގޮތުން ދުވަހަކު ނުދާ ހަލުވި ސްޕީޑެއްގައި ކުރިއަށްގޮސް ފުދުންތެރިކަންވަނީ އިތުރުވެފައި. ދީނީ ތައުލީމީ ސިއްހީ އަދި ދަތުރުކުރުންފަދަ ހުރިހާ ކަމަކުން ރައްޔިތުން ހިތް އުފާވާފަދަ ކުރިއެރުމެއް ލިބިއްޖެ. އިންފްލޭޝަން ރޭޓް ކޮންޓްރޯލް ކުރެވި ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އަހަރާއި ބަލައިރު ހަތްދިހަ ޕަސެންޓް ބޮޑުވެއްޖެ. ދީނީގޮތުން ދުވަހަކު ރާއްޖެ ނުދެކޭ އުސްމިންތަކަކަށް ގެންގޮސްދެއްވައިފި. ހުރިހާ ބޭންކުތައްވަނީ އިސްލާމިކް ބޭންކަށް ހައްދަވާދެއްފާވައި. ރިބާ އެއްކޮށް ނައްތާލެއްވީ. ޒަކާތް ނަންގަވަން ފެއްޓެވީ. ބަލައިލާ ކޮންމެ ދިމާލަކުން އިސްލާމީ ރިޒޯޓުތައް ފެންނަނީ. ޑްރަގްގެ ވަބާ ނައްތާލައްވައިފި. ޒުވާނުން މަސައްކަތަށް ހޭލުންތެރިކުރުވާ ހުރިހާ އެންމެނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދެއްވައިފި. ކޮންމެ ދެމަފިރިއަކަށް ވަންނާނެ އަމިއްލަ ގެދޮރު އެބަހުރި. އިސްލާމިކް ޕޮލިސް އުފެއްދެވި. އެތިއެސްޓުންގެ ފިކުރު މި ގައުމުން ނައްތާލައްވައިފި. އިސްލާމިކް ޝަރީއާ އިމްޕްލެމެންޓްކުރައްވަން ފެއްޓެވި ފުރަތަމަ ރައީސްއަކީ އަޅުގަޑުމެން ފަޚުރުވެރިވުން ހައްގު އަޅުގަނޑމެންގެ ޒުވާން އިއްޒަތްތެރި ރައީސް. ހުޅަގާއި އެމެރިކާވެސް އެތިބީ ރާއްޖޭ ކުރިމަތީ ކުޑަކަކޫ ޖަހަން މަޖުބޫރުވެފައި. ޔޫއެންއާއި ކޮމެންވެލްތުން ނުކުރާށޭ ކިޔަކިޔާ އާދޭސްކުރަން ތިއްބާ އެ ޖަމްއިއްޔާތަކަށް ގޮން ޖަހާ އަޅުގަނޑުމެން މަރަށް މަރު ހިފަންފެށީ. ވަގުން އަތްކަނޑަންފެށީ. މިހާރު ރާއްޖޭގެ ކްރައިމް ރޭޓު މިއޮތީ ކިހާދަށަށް ގޮސްފައި. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ އަމަން އަމާން ގައުމަކީ. މިއީ އަޅުގަނޑުމެން ދިވެހިން ބޭނުންވާ ރައީސްއަކީ. ފުރަތަމަ ދީން އޭގެ ފަހުން ގައުމު. ދެވަނަ ފަހަރަށް ވެރިކަން ލިބިއްޖެއްޔާ އިސްލާމިކް ރިޕަބްލިކް އޮފް މޯލްޑިވްސްއަށް މި ގައުމުގެ ނަން ބަދަލުވާނެ.. މިފަހަރުވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޮވާނީ އަޅުގަނޑުމެންގެ ހިތްވަރުގަދަ ލީޑަރު އަމްރާން އަބްދުލްއަޒީޒު. ﷲ އަކްބަރު................" ސޫފިޔާން ގެ އަޑުގައި ވި ޖޯޝާއި ފޯރިއަކުން އެހެން ޒުވާނުންގެ ފޯރިގަދަވިއެވެ.

ﷲ އަކްބަރުގެ އަޑުން މުޅި މާހައުލު ގުގުމައިލިއެވެ.

އަމްރާންއާއި ކާޒިމްވެސް އަތްތިލަ ޖެހިއެވެ. އެކަކު އަނެކަކަށް ބަލާފައި ހިނިތުންވެލިއެވެ.

އަޒިކިއަލްއާއިއެކު އަމްރާން އެރީ ކާރުގެ ކުރިއަށެވެ. ކާރު މަޑުމަޑުން ދުއްވާލާފައި ދިޔައިރު ސިކިއުރިޓީ ޓީމް އެކާރުގެ ކުރިންނާއި ފަހަތުގައިވެސް ހަރަކާތްތެރިވަމުން ދިޔައެވެ.

"ރެން. އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނެލަން........"

"ޓެލްމީ....." އަމްރާން ނިތް ކުރި އަރުވައިލިއެވެ. އަޒިކިއަލް ކޮންމެ ކޮންމެ ވާހަކައެއް "ބޮޑު"ވެގެން އެހާ ސީރިޔަސްކަމާއިއެކު އޭނަ ގާތުގައި ބުނާކަށް ނޫޅޭނެއެވެ. ޔަގީނުންވެސް އަޒިކިއަލްގެ އެ ޖުމްލައާއިއެކު އޭނަގެ ސިކުނޑި އެލާޓަށް އައެވެ.

(ނުނިމޭ...)

https://sun.mv/117471

comment ކޮމެންޓް