ޕާކިސްތާން އެކަހެރިކޮށްލުމުގައި ކާމިޔާބުވެއްޖެ: ސުޝްމާ ސުވަރާޖު

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު ވިދާޅުވި ގޮތުގައި އެގައުމުން ވަނީ ކާމިޔާބުކަމާ އެކު ޕާކިސްތާން އެކަހެރިކޮށްފައި -- ފޮޓޯ: އެންޑީޓީވީ

ދިއްލީ (އޭޕްރިލް 6): ޕާކިސްތާން އެކަހެރިކޮށްލުމުގައި އިންޑިއާއަށް ކާމިޔާބީ ހޯދިއްޖެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު ވިދާޅުވެއްޖެ އެވެ.

ސުވަރާޖު އެފަދައިން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ފަށާ އާއްމު އިންތިހާބުގައި ވާދަ ކުރައްވާ ބީޖޭޕީގެ މެމްބަރަކަށް ތާއިދު ކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

"އިސްލާމީ ގައުމުތަކުގެ މެދުގައި ވެސް ޕާކިސްތާން އެކަހެރި ކުރުން ވަނީ ކާމިޔާބުވެފައި،" ސުވަރާޖު ވިދާޅުވި އެވެ.

ސުވަރާޖު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކަށް ޒިޔާރަތް ކުރައްވާ، އެގައުމުތަކާ ގުޅުން ބަދަހި ކުރައްވާފަ އެވެ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ މަހު ބޭއްވި ބައްދަލުވުމަށް އިންޑިއާ އިން ހާޒިރުވުން ހުއްޓުވުމަށް ޕާކިސްތާނުން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވި ކަމަށް ސުވަރާޖު ވިދާޅުވި އެވެ.

ސުވަރާޖު އެފަދައިން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު އިންޑިއާ އިން ދިން ހަމަލާތަކާ ބެހޭ ގޮތުން ތެދު ހާމަ ކުރުމަށް ޕާކިސްތާނުން ގޮވާލި ފަހުންނެވެ. އިންޑިއާއިން ބުނާ ގޮތުގައި ފެބްރުއަރީ 27ގައި އެގައުމުގެ ފައިޓާ ޖެޓަކުން ވަނީ ޕާކިސްތާނުގެ އެފް-16 ޖެޓަކަށް ހަމަލާދީ އެއުޅަނދު ވައްޓާލައިފަ އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ނޫހަކުން ވެސް ވަނީ އެރިޕޯޓުތައް ދޮގުކޮށްފަ އެވެ.

މީގެ ކުރިން ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާ އިން ދިން އެ ހަމަލާތަކަކީ އެގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

comment ކޮމެންޓް