ހަޔާތީ ފޯނުގެ ނަމްބަރުތަކަށް ބަލަންފެށިއެވެ. މިކާލްގެ ނަން އަދިވެސް ސޭވްކޮށްފައި އެބައޮތެވެ. މިކާލްއަށް ގުޅާފައި ވާހަކަދެއްކުން ފަސޭހަ ނުވިޔަސް އޭނަދެކެ އެންމެ ލޯބިވާ ހެޔޮއެދޭ ފަރާތަކަށް އަބަދު ހުންނާނީ ހަމަ މިކާލްއެވެ. މާތްﷲއަށްޓަކާ މީހަކު ދެކެ ލޯބިވަންޏާ އެފަދަ ލޯތްބެއް ހައްގު މީހަކަށް މިކާލްވާނެކަމަށް އޭނަ ގަބޫލުކުރިއެވެ.
"މިކާ.ކެން ވީ ޓޯކް....ޕްލީޒް" ހަޔާތީ މެސެޖްކޮށްލުމަށްފަހު ޖަވާބަކަށް އިންތިޒާރުކުރަންފެށިއެވެ. ކުއްލިއަކަށް މޭ ނުބައިކުރާގޮތްވެ އަނބުރައިނުގަތީ ކިރިޔާއެވެ. ނުނިދާ ހުރުމުން ވީގޮތެއް ބާވައެވެ. އޯކަށް ދަމަންފެށުމުން ދުއްވައިގަނެވުނީ ފާޚާނާއާއި ދިމާލަށެވެ. އެވަރުންވެސް ހޮޑަކަށް އެއްޗެއް ނައެވެ. މޭބޮޑުވެގެން ކާކޮޓަރިއަށްގޮސް ކަރަންފުލެއް އަނގަޔަށް ލުމުން ކޮންމެވެސް ވަރަކަށް ލުޔެއް ލިބުނެވެ.
ކާކޮޓަރިއާއި ދިމާލަށް ބޭރަށް ނުކުމެފައި ފޯނާއި ކުޅެން ހުއްޓާ އެލީންވެސް ކޮފީއެއް ހިފައިގެން ނުކުތެވެ. އެލީން ދިން ޚަބަރުން އަދި ހަޔާތީގެ ރުޅިވެރިކަން އިތުރުވިއެވެ. އެލީން ބުނީ ސޯލްޖާސް އޮފް މެހުދީ ބްލޮކްކޮށްފި ކަމަށެވެ. އެތިއެސްޓުންނާއި ދެކޮޅަށް ފާޑުކިޔާހާ ބަޔެއްގެ އެފްބީ ބްލޮކްކުރަމުންދާ ކަމަށެވެ. ހަޔާތީ ޔަގީންކުރީ އަމްރާންގެ އަމަލެއްކަމަށެވެ. އެތައް ރައްޔިތުންނެއްގެ ވެރިމީހާ ހިތްވަރުދޭކަމެއް ވެއްޖެއްޔާ ކުރެވޭނެތާއެވެ. ރުޅީގައި ހުރެ އަމްރާންއާއި ރަގަޅަށް ޒުވާބުކޮށްލާފައި މިގެއިން ދިޔުމަށްވުރެ މޮޅު ގޮތެއް ނޯންނާނެއެވެ. ބާރަށްގޮސް ދޮރު ހުޅުވައިލިއިރު އަމްރާން ފެންވަރާލައިގެން ނުކުތީއެވެ.
"މޯނިން ވައިފް........." އަމްރާން ރޭ ވީ ކަންތައް ހަދާން ހުރިހެނެއް ހިޔެއްނުވެއެވެ. ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެކެވެ. އެދެލޮލުން ބަލަން ހުރީ ދަސްކުރާފަދަ ނަޒަރަކުންނެވެ. ނޫނީ ރަކިކުރާފާޑަށެވެ. ހަޔާތީ ރުޅިގަދަވެގެންގޮސް ކޮންޓްރޯލްކުރަން ދެލޯ މަރާލާފައި ފުންނޭވައެއް ދޫކޮށްލިއެވެ.
"އައި ކާންޓް ޑޫ ދިސް..." ހަޔާތީ އެހެން ބުނެފައި ބާރުބާރަށް ހިގައިގަތުމުން ފަހަތުންގޮސް ކާކޮޓަރިއަށް ވަދެ އަމްރާން ކަޅުކޮފީއެއް ނެގިއެވެ. އަމްރާންއާއި އަނގައިން ނުބުނަން ހަޔާތީ ހުވާކޮށްގެން އިންފަދައެވެ. އަމްރާން ބުނީ ކަންތައް ހައްލުވާނީ ވާހަކަދައްކައިގެން ކަމަށެވެ. އެދޭ ކޮންމެ ކަމެއް ކޮށްދިނުމުގެ ގާބިލުކަން އެބަހުރިކަމަށާއި އޭނައަކީ އެންމެންގެ ވެރިޔާކަމުގައެވެ.
"ވައި ޑޫ ޔޫ ހޭޓް އިސްލާމް ސޯމަޗް. ސޯލްޖާސް އޮފް މަހުދީ ބްލޮކްކުރިޔަސް ދީނަށް ލޯބިކުރާ ޒުވާނުންނެއް ނުހުއްޓުވޭނެ. ތި ސިޔާސީ މީހުންނަށްވުރެ އެމީހުން ހެއްދެވިފަރާތާއި ރަސޫލާއަށް ލޯބިވޭ. ބައެއްމީހުން ދުނިޔެއާއިހެދި ސިޔާސީވެރިންނަށް މޮޔަވިޔަސް. ރިޝްވަތު ކެޔަސް ............" ހަޔާތީ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އަމްރާން ހުރިހާކަމަކަށްވެސް ކެތްކޮށްފާނެއެވެ. ނަމަވެސް އަމްރާންގެ ނަފްރަތުގެ އަލިފާން ހުޅުހިފީ މިކާލްގެ ދިފާއުގައި ހަޔާތީ ރުޅިއައިމަ ހިތަށް ވީ ގޮތަކުންނެވެ. ސޯލްޖާސް އޮފް މެހުދީ އޭ ބުނާއިރަށް ސިކުނޑިއަށް އައީ މިކާލްގެ ނަމެވެ.
"އިނަފް. ޑޯންޓް ގިވް މީ ދެޓް ކްރެޕް.................." އަމްރާން ރީތިވާ މޭޒުމަތީ އަތުން ޖެހުމުން މޭޒުމަތީ ހުރި ސެންޓުފުޅިތަކާއި އެއްޗެހިތަކަށް ދާންދެން ގުޑައިލާފައި މަތަވިއެވެ. އަމްރާންގެ ހަޔާތީގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ.
"ތިމާ ލޯބިވާ މީހާގެ ދިފާއުގައި ނުކުތީދޯ. އެޓެރަރިސްޓް ހަދައިގެން އުޅޭ ޕޭޖަކަށްވީމަ ބްލޮކްކުރީ. ހިތަށް އެރިގޮތަކަށް ރާއްޖޭގައި އޭނަ ބޭނުންގޮތަކަށް ޓެރަރިސްޓުންނެއް ނުއުފެއްދޭނެ. މިގައުމަކު އެމީހުންނަށް އެއްވެސް ޖާގައެއްނެތް. ހުއްޓުވުނުގޮތަކަށް ހުއްޓުވާނަން. ކިތަންމެ ރުޅިއަޔަސް ހެވޭ. އަދި ބުނެފާނަން. ޓެރަރިސްޓުންނަށް ތާއީދުކުރުމަކީ ގާނޫނީ ކުށެއް......." އަމްރާން ހަޔާތީގެ ކޮލުގައި ހިފެހެއްޓީ އަނިޔާވާގޮތަކަށް ނޫނެވެ.
"އައި ރިގްރެޓް މެރީންގް ޔޫ. ހަޔާތުގައި ކުށެއްކުރެވުނިއްޔާ މިކުރެވުނީ އެންމެ ބޮޑު ކުށް. އެންމެ ބޮޑު ފާފަ މިކުރެވުނީ. ދީން ގަބޫލުނުކުރާ މީހަކާއި ކައިވެނިކުރުން ހަރާމްކަމެއް. އެފާފަ މިއޮތީ ކުރެވިފައި. މި ކައިވެނި ހުއްދަނުވާއިރު ދެން ހިދުކޮޅަކަށްވެސް ހުރުމުން އިތުރަށް ފާފައަށް އަރައިގަތުން ނޫންކަމެއް ނުވާނެ. ހަގީގީ ލޯބިވެވޭނީ މާތްﷲއަށްޓަކާ. ހެއްދެވިފަރާތާއި ނަބިއްޔާއަށް ފުރައްސާރަކުރާ އިންސާނަކާއި އެއްކޮށް އުޅޭކަށް ބޭނުމެއްނޫން. ކޯޓަށް ގޮސް ފޯމުލާނަން................" ހަޔާތީ ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް ލޮލަށް ކަރުނަ ގިނަވިއެވެ.
"ހަމަ އެވަރަށް މިކާލްއާއި ހެދި އުޅެނީތަ؟ "
"މިކާލްއަށްވުރެ ބޮޑަށް އަމްރާންއާއިހެދި އުޅުނީމައެއް ނު އަމްރާންގެ މީހެއްގެ ގޮތުގައި ހުރީ. އެކަމަކު އެކަން ބަލައިނުގަތް. އެޓްލީސްޓް މިކާލްއަށް އޭނަ ހެއްދެވި ފަރާތް ނޯޅޭ...." ހަޔާތީ އަނެއްފަރާތަށް އެނބުރިފައި ދާން ހިނގައިގަތެވެ.
"މަޑުކުރޭ.." އަމްރާން އަމުރުކުރިއެވެ.
"އައި ގޮޓް ރިޑް އޮފް މައި ފީލިންގްސް ފޯ ޔޫ. އެތިއެސްޓަކަށް މި ހިތުގައި ޖާގައެއްނެތް. ތި ބޭފުޅާއާއި ގުޅޭފަދަ އަންހެންކުދިން މިފަސްގަނޑުގައި މިހާރު މަދެއްނޫން. ސޯޝަލްމީޑިއާގައި ލޯބިވާކުދިން ގުނާލިޔަސް އެކަން އެނގޭނެ. އައި ކާންޓް ބީ ވިތް ޔޫ. ދީނަށް ކިރިޔާވެސް ލޯތްބެއްހުރި މީހެއް ވެއްޖެއްޔާ ރައީސްމިހާ ކަމުގައިވިޔަސް އެކީ އުޅޭކަށް ބޭނުމެއްނުވާނެ. ފަސްޓްލޭޑީގެ ލަގަބު ހިފައިގެނެއްނޫން ކަށްވަޅަށް ދާނީ. މަހުޝަރު ބިމަށްދާނީ. އެމީހަކު ކުރި ހެޔޮކަންތައް ހިފައިގެން ހެއްދެވިފަރާތުގެ ހަޟުރަތަށްދާނީ. ކިތަންމެވަރަށް މަސައްކަތްކުރެވުނު އެކީގައި އުޅެން. ހުރިހާ އުސޫލްތަކެއް ދޫކޮށްލާފައި ހެޔޮވިސްނޭތޯ ކެތްކުރިން. ނަމަވެސް ރޭ ދެއްކި ވާހަކަތައް ހެކިދިނީ މިދީނަށް ނަފްރަތުކުރާވަރާއި ކީ އެއްޗެހި. އެހުރިހާކަމެއް އެނގިހުރެ އެއްކޮށް އުޅެން ހަދައިގެން ކޮންމެފަދަ ދެރަގޮތެއްވެސް ވެދާނެ. މަންމައަދި ކޮއްކޮ ކަމުގައިވިޔަސް މުރުތައްދުވުމަށްފަހު ހުރިހާ ގުޅުމެއް ކެނޑުނީ.............................ގުޑްބައި" ހަޔާތީ ގެ ލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ވެއްޓެމުން ކޯތާފަތްމަތިން ތިރިއަށް ދެމުނެވެ.
ހިތް ހަރުކޮށްފައި އަލްދަވާއުގެ ސަލާމް ކުރިޔަސް ހިތް ކުދިކުދިވެއްޖެއެވެ. ވަރަށް އަސަރުކޮށްފިއެވެ. އޭނަ މިއުޒިކް ހުއްޓައިލީ ހެއްދެވިފަރާތަށްޓަކައެވެ. ފިލްމު ބެލުން ހުއްޓައިލީވެސް އެހެންވެއެވެ. ވަގުތު ބޭކާރުނުކުރަން ވެގެންނެވެ. މިއަދު މިނެގީ ހުރިހާ ކަމަކަށްވުރެ އުދަގޫ ޑިޒިޝަނެކެވެ. ފަސްޓްލޭޑީގެ މަގާމު ދޫކޮށްލާފައި މުއްސަދި ބިލިއަނަރެއްގެ ގެއިން ނުކުމެގެން ދަނީ ހުރިހާ އެއްޗެއް ގުރުބާންކޮށްފައެވެ. ނުލާހިކު އުފަލުން އަރާމުގައި އުޅެން ލިބިފައި އޮތްވާ އޭނަ މިދަނީ ދީނަށްޓަކައެވެ. އޭނަ ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ބޮޑަށް ލޯބިވަނީ ދީންދެކެއެވެ.
އަމްރާން އޮފީހަށް ދާތަން ބަލަން ބެލްކަނީގައި ހުރެފަ ކޮޓަރިއަށްވަދެ އޭނަ މިކާލްއަށް މެސެޖެއްކުރިއެވެ. އޭނައަށް އޯޓަމްބްލޭޒްގައި އުޅޭނެގޮތެއް ނެތިގެން ދޫކޮށްފައިދަނީ ކަމަށް އޭނަ ބުނެލުމުން މިކާލް އިރުކޮޅެއްކޮށްފައި ފޮނުވި މެސެޖުން ހަޔާތީގެ ހިތް އޮއްސުނެވެ. މިކާލްވެސް ހާދަ ގޯހެވެ. އަމްރާންއެކޭ މިކާލްއެކޭ ތަފާތެއްނެތެވެ. ދެމީހުންނަކީވެސް ހަމަ ފިރިހެނުންނެވެ. ހިތުގެ ބަދަލުގައި ހިލައެވެ.
"އަމްރާން ދޫކޮށްލައިރަށް އަހަރެން ފެނުނީތަ؟ އެއް ގާގަނޑުން އުދުއްސާލުމުގެ ކުރިން އެހެން ގާގަނޑެއް ހޯދަން ޖެހޭވިއްޔަ. ހަޔާތީ ތީ ކޮންކަހަލަ އަންހެންކުއްޖެއްތަ. ތިކަހަލަ އަންހެނަކާއި އަނގައިން ބުނާކަށްވެސް އަހަރެން ބޭނުމެއްނޫން. ސޮރީ ހަޔާތީ. އަހަންނަށް ހެޔޮ ހަޔާތީ ކޮންމެތާކު ކޮންމެ ގޮތަކަށް އުޅުނަސް. ތި ދަލުގައި އަހަރެން ޖައްސަން ކޮންމެހެން އުޅޭނެކަމެއްނެތް. ސީރިޔަސްލީ. ދުވަސްކޮޅަކަށް އިންތިޒާރު ކުރަން ނޭގޭތަ؟ އަމްރާންއަށް ރުޅިއަރާއިރަށް އަހަރެން ހުރިކަން ހަދާންވީ. މިހުރިހާ ދުވަހު އަހަރެން ހުރިތަނެއް ބަލައިލިންތަ؟ ސޮރީ ފަސްޓްލޭޑީ. އަހަންނަށް ތި ޓައިޕް އަންހެނުން ކަމަކުނުދޭ. އަހަރެންގެ އަންހެނުންނަށް ޖިހާދަށް ދާން ކެރެންޖެހޭނެ. ތިވެސްތާޣޫތެއް. ތާޣޫތެއްގެ އަންބެއް.."
ހަޔާތީ ދެލޯ ބޮޑުކޮށްގެން އެތައް ފަހަރު އެމެސެޖްކިޔެވެ. މިކާލް އޭނަދެކެ ރުޅިއައުން ހައްގުކަމުގައި ގަބޫލުކުރެއެވެ. ނަމަވެސް މިހާ ހަޑިކޮށް ހުތުރުބަހުން މުއާމަލާތު ނުކުރިޔަސް ވެދާނެއެވެ. މިކާލްއަށްޓަކާ ހިތުގައި އޮތް ގަދަރާއި ލޯތްބަށް އެ ޖުމްލަތަކުން އުނިކަން އައިސްފިއެވެ. ހިތާމަކޮށް ހިތުން ކަރުނައޮއްސާފައިވެސް ހަޔާތީ ހިތްވަރާއިއެކު ކުރިއަށްދާން އަޒުމް ކަނޑައެޅިއެވެ.
"ތެންކިއު އެންޑް ގުޑްބައި މިކާލް" ހަޔާތީ މެސެޖްކޮށްލުމަށްފަހު ދެލޯ މަރާލައިގެން އިރުކޮޅެއްވާންދެން އިނެވެ. އޭނަގެ ހަޔާތަށްއައި ލޯބިވި ދެ އިންސާނުން އަބަދަށްޓަކާ އަތުން ބީވެގެން ދިޔައީއެވެ. ތަގުދީރުގެ ނިޔާއެވެ. އޭނަގެ ނަސީބުގައި އެފަދަ ފުރިހަމަ ދިރިއުޅުމެއް ލިބުން ލައްވާފައިނެތީއެވެ. އެހެންވާނެތާއެވެ. މިއީ ވަގުތީ ހިޔާވައްސެކެވެ. މާދަމާވެސް ލޯ މަރައިލަން ޖެހިދާނެއެވެ. އަސްލު ދިރިއުޅުން ފެށޭނީ ލޯ މަރައިލީމައެވެ.
އަމްރާން ކޮޓަރިއަށް ވަނުމާއިއެކު ނަޒަރުގައި އަޅައިގަތީ ރީތިވާ މޭޒުމަތީގައި އޮތް ގުރުއާނުގެ ތަރުޖަމާއެވެ. މަތީގައި އޮތް ރަތްކުލައިގެ ފިނިފެންމަލެވެ. ވަށައިގެން ދިއްލާލާފައިވާ ހިތުގެ ބައްޓަމަށްވާ ރަތް އުއްބައްތިތަކެވެ. ތަރުޖަމާގެ ތެރެއަށް އެއްބައި ފެންނާނެހެން ލާފައިވާ ނޯޓްކޮޅުގައި ހަޔާތީގެ ރީތި އަތުލިޔުމުން ގުރުއާންގެ އާޔަތެއް ލިޔެފައި ތަރުޖަމާ ކިޔަން އެދިފައި އޮތެވެ.
"ރޫހާނީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނީ ހިދާޔަތް ލިބުމުން. ޕްލީޒް ރީޑް. ލޯބިފަރާތެއް މަގުފުރެދި ގެއްލިގެންދިޔަ މީހުންގެ ތެރޭ ވާކަށް ހިތެއް ނޭދެން" ތިރީގައި އޮތީ ހަޔާތީގެ ނަން އަރަބިބަހުން ލިޔެފައެވެ. އަމްރާންއަށް އެލިޔުމަށް ބަލަހައްޓައިގެން އެތައް އިރެއްވާންދެން ގުޑިލާން ނޭގި ހުރެފައި ފުންނެވާއެއް ދޫކޮށްލެވުނެވެ. ސިގްރެޓެއް ތުނބުގައި ޖަހާލައިގެންގޮސް ބެލްކަންޏަށް ނުކުތްގޮތަށް ކައުޗްގައި ދެއަތް ވިއްދާލައިގެން އިންއިރު މޫނުމަތިން މާޔޫސްކަމާއި ހިތްދަތިކަން ނޫންކަމެއް ނުފެނެއެވެ.
"ވަރަށް ހަނދާންވާނެ......"
މާލޭގެ އެއްވެސް ތަނެއްގައި އެކަނިމާއެކަނި އަންހެންކުއްޖަކު ހުރުން ރައްކާތެރިކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ހޮޓަލަށް ގެސްޓްހައުސްއަކަށް ދިޔުމުގެ ބަދަލުގައި ވަގުތުން މިސްރާބުޖެހީ ހުޅުލެއަށެވެ. ނަސީބަކުން އުދަގުލެއްނެތި ޓިކެޓްލިބުނެވެ. ބެންގަލޫރަށް ޓިކެޓްނަގާފައި އިޝްކަންއަށް ގުޅާފައި އޭނަބަލާ އެއާޕޯޓަށް އަންނަން ހަޔާތީ އެދުނެވެ.
ބެންގަލޫރުގެ މާހައުލުންވެސް ހަޔާތީގެ ހިތަށް ހަމަޖެހުމެއްނުލިބުނެވެ. މަންމަމެން ކައިރީ އޭނަ ބުނީ ޗުއްޓީއަކަށް ޖައްސައިލީކަމުގައެވެ. ހިތާމަތައް ހިއްސާކުރާނެ އެކުވެރިއެއް އާއިލީ މީހެއް ނެތުމުން ހިތަށް ނުކުޅަދާނަވިޔަސް އޭނަ ނަމާދުތަކުން ހިތްހަމަޖެހުން ހޯދިއެވެ. ކޮންމެފަހަރަކު ފޯނަށް ބަލައިލެވެނީ އަމްރާން ނޫނީ މިކާލް މާފަށް އެދި އޭނައަށް މެސެޖެއްކޮށްލާނެކަމުގެ އުއްމީދާއިއެކުގައެވެ. ނަމަވެސް ހުސް އިންތިޒާރެކެވެ.
ދުވަސްކޮޅެއްނުވަނީސް މަންމަ ވިސާގެ މުއްދަތު ހަމަވެގެން މާލެއަންނާން ޖެހުނެވެ. މާލެއަށް އަލުން ދިޔުމަށްވުރެ ފަޅު ހަނަފަސް ސަހަރާއެއްގައި ހުރުން ހިތަށް ފަސޭހަނަމަވެސް މަންމައާއި އިޝްކަންއާއިއެކު މާލެދާން މަޖުބޫރުވިއެވެ. މަންމައަށް ސިއްރުކުރަން ޖެހޭތީ އޯޓަމްބްލޭޒަށް ނުގޮސް ހުރެވޭކަށްވެސް ނެތެވެ. މަންމަ ހުރި މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ދަނބިދަރިފުޅު ދެކޭހިތުން ކެތްނުލަވާފައެވެ. އެމީހުން ދިރިއުޅޭ އެޕާޓްމެންޓަށް ވަދެފައި އަވަސްވެގަތީ އަމްރާންއާއި ބައްދަލުކުރުމަށެވެ. އަމްރާންއަށް ދޭން ގަތް ހަދިޔާތައްވެސް ހިފައިގެންނެވެ.
އެގެއާއި އަރާހަމަވެފައި ހަޔާތީ ވަންނަން ފަސްޖެހުނެވެ.
"މަންމާ. ވާހަކައެއް ބުނަން ބޭނުން....."
"ހަޔާތީ............." މަންމަ ގޮވައިލީ ރުންކުރުވެފައިވާ ގޮތަކަށެވެ.
"އަމްރާންއާއި.....އޭނަ އަހަރެން ދެކެ ހިތްހަމަނުޖެހިފައި ހުރީ. އަރައިރުންވެފަ. އެހެންވެ އަދި އޭނައާއި ކުރިމަތިލާކަށް ބޭނުމެއްނުވޭ......." ހަޔާތީ ދުރުދުރުންފެށިއެވެ.
"ހަޔާތީ ކީއްވެ ތި ފާޑަށް އުޅެނީ. އަޚުލާގު ރަގަޅު ތައުލީމީ ފިރިޔަކު ލިބިފައި ހުއްޓާ އިރުއިރުކޮޅާ ކޫސަނި ކަންތައްތަކާ އަރައިރުން ހަދާނީއެއް ނޫނޭ. ގޮސް މާފަށް އެދޭ. ފިރިމީހާއަށް ހެޔޮކޮށް ހިތަން ދީނުގައި އަންގަވާފައި އޮތީ." ނަބީލާ އަޅާނުލާ ހަރުކޮށް ހިނގާފައިގޮސް ގޭގެ މައިދޮރާއި އަރާހަމަކޮށްފައި ބެލްޖެހިއެވެ. ހަޔާތީވެސް ކަންބޮޑުވެފައި މަންމަގެ ފަހަތުން ގޮސް އަރާހަމަކުރިތަނާ ދޮރު ހުޅުވައިލީ އަޒިކިއަލްއެވެ. ނަބީލާއާއި ހަޔާތީ ފެނުމުން އެމީހުންނަށް ފުރުސަތުދީފައި އަޒިކިއަލް ކޮރިޑޯއިންގޮސް ނިވާވެލިއެވެ.
އަމްރާން ފެނުމާއެކު ނަބީލާގޮސް ދެއަތުގައި ހިފާ އަތްތިލައިގާ ބޮސްދިނެވެ. މަންމަ ގެނައި ހަލްވާ ފޮށި ކަނޑާލާފައި ފޮނި އެތިކޮޅެއް އަނގައިގާ ލެއްވިއެވެ. ބްރައުނީޒްހެން ހީވާ ކަޅުކަންގަދަ ހަލްވާގެ ރަހަ ބަލައިލާފައި އަމްރާން އަނގަޔަށް ގޮތެއްހަދާލާފައިވެސް ކާލީ މީރުކޮށެވެ. މަންމައަށް ޝުކުރުއަދާކުރިއެވެ. މަންމަ ހަދިޔާއަކަށް ގެނައި އަނގޮޓިދީފައި ސުލޭމާން އެޅުމުން ވަކިން ބޮޑަށް ނުފޫޒްގަދަވެ މުއްސަދިވާނެކަމުގައި ބުނުމުން ހަޔާތީ ދެލޯ ބޮޑުކޮށްގެން ހުރެފައި އަނގަމަތީ އަތްއެޅިއެވެ. މަންމަމެން އަދިވެސް އިހުޒަމާނުގެ ބޯދާ ވާހަކަތައް ގަބޫލުކޮށް ޝިކުރުކުރަނީއެވެ. ވަކި ކަހަލަ ހިލައެއް ނޫނީ ސްޓޯންއެއް އަޅައިގެން މީހާގެ ނަސީބުގަދަވެ މޮޅުވެ މުއްސަދިވާނެކަމަށް ގަބޫލުކުރުމަކީ ޝިކުރެކެކެވެ. އޭނަ ޖެހޭނީ މި މައުޟޫއަށް މަންމައާއި ރަގަޅަށް ވާހަކަދައްކާށެވެ. ރާހިބެލުމާއި އެއްހަމައިގާ މިކަންތައްވެސް ހިމެނެއެވެ.
ހަޔާތީ ގާވެފައި އިން ބުދެއްފަދައިން ސޯފާގައި އުނގުގައި އަތް ބާއްވައިގެން އިންއިރު ކިތަންމެ ފަހަރަކު އަމްރާންގެ ނަޒަރު އޭނައަށް ހުއްޓުނުކަން އިހުސާސްކުރެވުނެވެ. އެލީން ނުކުމެފައި ކުޑަކޮށް ހަޅޭއްލަވައިގަތީ ހަޔާތީ ފެނިފައި އުފަލުންނެވެ. އައިގޮތަށް ކަރަށް އަތް ވައްޓާލާފައި ބައްދައިލިއެވެ. ނަބީލާއަށްވެސް ސަލާމްކޮށްލިއެވެ. އަދި ވަގުތުން މެހުމާންދާރީ އަދާކުރަން އަވަސްވެގަތެވެ. ނަބީލާމެން ގާތު އެދުނީ ކޮފީ ބޯލަން އައުމަށެވެ. ނަބީލާ ހިނގައިގަތީ އެލީންއަށް ލޮލުން އިޝާރާތެއްކޮށްލާފައެވެ. އަމްރާންއާއި ހަޔާތީއަށް ވާހަކަދައްކާނެ ފުރުސަތުދޭން އޭނަ ބޭނުންވިފަދައެވެ. ނަބީލާމެންގެ ފިޔަވަޅު އަޑު ކެނޑުމުން އަމްރާން ތެދުވެގެންގޮސް އިށީނީ ހަޔާތީއާއި ދާދި ގާތުގައެވެ.
"ވެލްކަމް ބެކް...."
"މިއައީކީ އެއް ނޫން. މަންމައަށްޓަކާ......" ހަޔާތީ ދެލޯ މަރައިލިއެވެ.
"މަންމަގެ ބޮލުގައި ހުރިހާކަމެއް އަޅުވާނެކަމެއްނެތް. ޖަސްޓް ސޭ ދަ މެޖިކް ވޯޑް. ލޯބިވާތީ ހަމަ އައީ. އަހަންނާއި ވަކިން އުޅުން ފަސޭހަކަމަކަށް ނުވާނެކަން އެނގޭ...." އަމްރާން ހަޔާތީގެ އުނގުގައި އޮތް ކުޝަންމަތީ އަތް ބޭއްވިއެވެ.
"އެންމެބޮޑަށް ލޯބިވަނީ ހެއްދެވިފަރާތްދެކެ. އަދި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްދެކެ..................." ހަޔާތީ އެއަތްނަގާ ދުރުކޮށްލަން ބޭނުންވިޔަސް އަމްރާން ދެރަކޮށްލާކަށް ނުކެރުނެވެ.
"އަހަރެންވެސް ވަރަށް ވިސްނިން. އަހަރެންގެ އިގޯ ނޫނީ ލޯބިތޯ ޗޫޒްކުރާނީ. އައި މީން ދީން ގަބޫލުނުކުރާނަމޭ ކިޔާފައި އެގޮތުގައި ހިފަހައްޓައިގެން ހުރުމަށްވުރެ ލޯބި ހޯދަން މަސައްކަތްކުރިއްޔާ ދިރިއުޅުން ތަންކޮޅެއް އުފާވެރިވެދާނެ. މަންމައާއި ބައްޕަހެދި މިސްޓޭކް ތަކުރާރުވާކަށް އަހަރެން ނޭދެން. ފިލާވަޅެއް ލިބުމަށްފަހު އެކަމުން އިބުރަތެއް ނުހޯދާނީ މޮޔައެއް. އައި ކޭން ސެކްރިފައިސް އެވްރީތިން ޓު ބީ ވިދް ޔޫ......" އަމްރާންގެ އެ ޖުމްލައާއެކު ހަޔާތީގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހި އުފާވެރި ރާގެއް ހިތުގައި ކުޅުނެވެ. އަމްރާން އޭނައަށް ލޯބި ހުށަހެޅީހެއްޔެވެ؟ ނުސީދާކޮށްވިޔަސް އެބުނަނީ އޭނައަށްޓަކައި ހުރިހާކަމެއް ގުރުބާންކޮށްފާނެކަމުގައެވެ.
"ސްޓޭ ވިތް މީ............."
"ތިބުނި އެއްޗެއް ނޭނގުނު....." ހަޔާތީ ކަރުތެރެ ސާފުކޮށްލިއެވެ.
"އަހަރެން ދީން ދަސްކުރަން ހެލްޕްވާން ހުރެދީ....." އަމްރާން ބުނެލިއެވެ.
ހަޔާތީއަށް އަމްރާންގެ މޫނަށް ބަލައިލެވުނެވެ. އެ ދެލޮލުން ފެނުނީ ތެދުވެރިކަމާއި ލޯބީގެ އަސަރުތަކެވެ.
"ކާފަރަކާއި ކައިވެނިކޮށްގެން އުޅޭކަށް އިސްލާމްދީން ހުއްދައެއް ނުކުރޭ. އެތިއެސްޓަކާއި ކައިވެންޏެއް ނުކުރެވޭނެ. އަމްރާން ދީން ގަބޫލު ނުކުރާތީ މިކައިވެނި އޮތީ ރޫޅިފައި. އިސްލާމްދީން ގަބޫލުކޮށްގެން އަލުން ކައިވެނިކުރުމަށްފަހު ނޫނީ އަމްރާންއާއިއެކު އެއް ކޮޓަރިއެއްގައި އަނބިމީހާގެ ގޮތުގައި އުޅޭކަށް ނުކެރޭނެ. އައިމް ސޮރީ. އައި ކާންޓް. އެކަމަކު މީޑިއާއަށް އާ ޚަބަރެއް އުފަންވެ ހެޑްލައިންތަކަށް އަރާކަށް ބޭނުމެއްނޫން. ޑިވޯސްއެއްގެ ޚަބަރު ވެއްޖެއްޔާ އިޓް ވިލް ފްލަޑް ވިތު އަވާ ނިއުސް............................" ހަޔާތީ އޭނަގެ ނިންމުން އިއްވައިލިއިރު އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ދީނަށްޓަކާ އޭނަ އެގޮތަށް ނިންމިކަމުގައި ވިޔަސް އަމްރާންއަށްޓަކާ އެހިތުގައި ވާ ލޯތްބާއިމެދު ހަޔާތީއަށް ޝައްކެއްނެތެވެ. އޭނަ އަމްރަންދެކެ ލޯބިވެއެވެ. ވަރަށް ބޮޑަށެވެ.
"އައި ވިލް ޕްރިޓެންޑް ޓު ބީ ޔޯ ވައިފް މީޑިއާ ކުރިމަތީ....."
"އެގޮތަށް ފާފައަކަށް ނުވާނެތަ؟ " އަމްރާން ބުމަ ކައިރިކޮށްލީ ހައިރާންވެފައިވާފަދަ ގޮތަކަށެވެ.
"އައިމް ނޯ އެންޖަލް. އެކަމަކު ދީންވެރި ކުއްޖަކަށްވާން ވަރަށް މަސައްކަތް އެބަކުރަން....." ހަޔާތީ ބުނެލިއެވެ.
"އަހަންނަކީ އިންސާނެއްގެ ސިފައިގާ ހުރި އެންޖެލްއެއް....އެހެން ބުނިއްޔާ ގަބޫލުކުރާނަންތަ؟ " އަމްރާން ހޭންފެށިއެވެ. އެތައް ދުވަހެއްގެ ފަހުން ހީ ސަމާސާކުރާހާ ބޮޑަށް އަމްރާންގެ ހިތަށް އުފާވެރިކަން ލިބިއްޖެއެވެ. ދިރިއުޅުން ފުރިހަމަވެދާނެކަމުގެ ފެހި ސިގްނަލްލިބިއްޖެއެވެ.
ކާޒިމްއާއި އަމްރާން ކޮންފެރެންސްރޫމްގައި އެކަނިމާއެކަނި ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ދެމީހުންވެސް ތިބިގޮތުން މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. އެމީހުންގެ މައުޟޫއަކީ މިކާލްއެވެ. މިކާލް ޑަބަލް އެޖެންޓެކޭ ކިޔާތީ މިކާލްދެކެ ބިރުގަންނަ ހިސާބަށް ހިގައްޖެއެވެ. އޭނަ ތެދުވެރިވެ ވަފަތެރިވަނީ ކޮންބަޔަކަށް ހެއްޔެވެ؟ މަސައްކަތްކޮށްދެނީ ކޮން ސަރުކާރަކަށްހެއްޔެވެ. މިކާލް އެފްބީ ސްޓޭޓަސް އަކަށް "ފެނިގެއްލިދާ" ޖެހިފަހުން މިކާލް ރާއްޖެއިން ފިލައިގެން ދިޔުމަށްފަހު އެތައް އަހަރެއްކޮށްލާފައި އައިފަހުން މިފަހަރު ވީގޮތެއް ނޭގި އަނެއްކާ ގެއްލުނީއެވެ. މިފަހަރުވެސް އެރީ ހަވާއަށް ކަމަށް ނޫނީ ބިމަށް ވަނީކަމަށް ނޭގެއެވެ. މިކާލް އެދިޔައީ ކާޒިމްއަށްވެސް ނާންގައެވެ. އެކަމާއިހުރެ ކާޒިމްގެ ބޯ ގޮވާވަރުވިއެވެ.
"ރެން އާ ޔޫ ޝުއާ؟ " ކާޒިމް އެހިއެވެ.
"ކާޒް އަމިއްލައަށް ޝައްކުކުރާތީ ދޯ ތިހެން ބުނާނީ. އަހަންނަށް މިވީހާތަނަށް އަހަރެން މަރައިލަން އުޅެނީ މިކާލްއެކޭ ހިތަކަށް ނާރާ. އެކަމަކު ކާޒް ތިހެން ބުނީމަ އެހެން ވެދާނެއޭ ހިތަށް އަރައިފި. މިކާލްނޫން އެހެންކާކު ދުޝްމަނަކަށްވާނީ ކާޒްއަށް ތިހާވަރުގެ ޔަގީންކަމެއް ލިބުނީ ކިހިނެއްތަ. ތެދަށް ބުނަންޏާ އެންމެ ގާތް އެކުވެރިންނަށްވެސް ޓްރަސްޓްކުރަން ޖެހޭހެއްޔޭ ސުވާލުކުރެވޭ............." އަމްރާން އެއްލޯ ކުޑަކޮށްލިއެވެ.
"ހެހެ........" ކާޒިމް ހިނިގަނޑެއް ޖަހައިލިއެވެ.
"ޔޫ ނޯ ވަޓް....ޔޫ އާ ރިއެލީ އެ ޑޭންޖަރަސް ގައި. ނާއިބު ރައީސް އެންމެ ބޮޑަށް ރައީސްއާއި ޖައްސާލާނީ. އޭނައަށް ރައީސްކަން ލިބުން އޮތް ހުރަހަކީ ރައީސްވިއްޔަ......"
"މްމްމް.....ސީރިޔަސްލީ؟ ޑޯންޓް ޓެމްޕްޓް މީ އިނގޭ..." ކާޒިމް ސަމާސާގޮތަކަށް ބުނެލާފައި އަމްރާންގެ ކޮނޑުގައި އަތްބޭއްވިއެވެ." ހިތަށް އަރާ އަހަންނަށް ރެންދެކެ ލޯބި ނުވެވޭނަމައޭ. އެހާވެސް ލޯބިވޭވިއްޔަ........"
"ތި އަޑު އެއްކަލަ ނޫސްވެރިންނޭ ކިޔާ މީހުންނަށް އިވޭއިރަށް ބުނާނެ ރައީސްއާއި ނައިބްރައީސް އަކީ ގޭއި ކަޕްލްއެކޭވެސް... ބީ ކެއާފުލް ކާޒް. އަހަންނަށް އަޅުވާ ތުހުމަތުތަކާއި ހެދި މުޒާހަރާތައްވެސް އިތުރުވާން ފަށައިފި. އިސްތިއުފާދޭން ޖެހޭވަރުވެސް ކޮށްފާނެ....."
ދެމީހުން މިކާލްގެ ވާހަކަދައްކާފައި އޮފީހުން ނުކުމެގެން އައިއިރު އަމްރާންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ކުއްލިއަކަށް މިކާލް ގެއްލެންވީ ސަބަބަކާއިމެދު ވިސްނުމުން ކޮންމެވެސް ބޮޑުކަންތައްގަނޑެއް އޭނައަށް ނޭގި ހިގަމުންދާކަން ވިސްނައިގަނެވުނެވެ. އޭނަ މަރައިލި މީހަކު ހޯދުން އޭނައަށް މުހިއްމެއްނޫނެވެ. މުހިއްމީ ލާވީގެ ގާތިލު ހޯދުމެވެ. މިހާދުވަސްވީއިރު ފުލުހުންނަށް އެކަމާއި ބެހޭގޮތުން މާބޮޑު ކުރިއެރުމެއް ނުހޯދުނެވެ. އެފަދަ ސިޔާސީ ކޮންމެކަމެއްގައި އަޑިއަޑިން އެފަދަ ކަންތައް ހިންގަން ތިބޭ ބޮޑުން ކޮންމެފަދަ ގޮތެއް ހަދާފައިވެސް ގާތިލުން ފޮރުވާނެއެވެ. ނޫނީ ގާތިލު ޔަގީންވާއިރުވެސް ވަކީލުން އެމީހުން ސަލާމަތްކޮށްދޭނެއެވެ. ހަގީގީ ކުށްވެރިން ތިބޭނީ ފިލާފައެވެ. ގާނޫނުގެ އަތް އެމީހުންނާއި ހަމަޔަށް ނުވެސް ފޯރަނީއެވެ. ފައިސާގެ ނުފޫޒު ބޮޑީއެވެ.
ހަޔާތީ ކިޓު ގަނެގެން ގެނެސް ޓެސްޓްހެދިއިރު ހިތްތެޅޭވަރުން މޭ ފަޅާފައި ބޭރަށް ނުކުމެދާނެފަދައެވެ. އޭނަ ޑަސްބިން ހުޅުވާލާފައި އެކިޓު ވައްޓާލަން އުޅެނިކޮށް އަތުގައި ހިފަހައްޓާފައި އެކަން ހުއްޓުވިއެވެ.
(ނުނިމޭ...)