ހިމަންދޫ ބަނދަރުގެ އަމަލީ މަސައްކަތް އަސްލަމް ފައްޓަވައިދެއްވައިފި

ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް މިއަދު މިނިސްޓަރު އަސްލަމް ފައްޓަވައި ދެއްވަނީ ----

މީގެ ދެ ދުވަސް ކުރިން އެމްޓީސީސީއާ ހަވާލުކުރި އއ. ހިމަންދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ހިމަންދޫ ބަނދަރުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު އެ ރަށުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓްރީން ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.

"މީގެ ކުރިން މި ޒާތުގެ މަސައްކަތް ކުރާއިރު ކަން ކުރާ ގޮތާ ހިލާފަށް ރަށުގެ ކައުންސިލްގެ ބައިވެރިވުން މި ޕްރޮޖެކްޓް މެނޭޖް ކުރުމުގައި އަޅުގަނޑު ގެންނާނަން،" މިނިސްޓްރު ވިދާޅުވި އެވެ.

ހިމަންދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ----

ބަނދަރު މަސައްކަތް މެނޭޖް ކުރުމުގައި ކައުންސިލަށް ރަސްމީ ބާރުވެރިކަން ދޭނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ރިޕޯޓް ކުރަން އޮންނަ މަގުން ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

"އަޅުގަނޑު އެދެން ރައްޔިތުންނަށް ކަމެއް ގޯސްކޮށް ދާކަމަށް ފާހަގަކުރެވިގެން އަމިއްލަ އަށް އިންޖިނިއަރިން ހައްލު ހޯއްދަވަން މަސައްކަތް ނުކުރައްވައި މައްސަލަ އަޅުގަނޑާ ހަމައަށް ސާފުކޮށެއްދެއްވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބް ގާތްވެފައި ވަނިކޮށް ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށް ބައެއް ސާމާނު ވެސް އެ ރަށަށް ފޮނުވާފަ އެވެ.

ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----

އެމްޓީސީސީން ބުނީ 700 ފޫޓް 300 ފޫޓްގެ އެ ބަނދަރުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 350 ދުވަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން 497 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 372 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ އިތުރުން 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ މަޝްރޫއުގެ ތެރެއިން ނެރު ބައްތި ޖެހުމާއި އެއްގަމު ތޮއްޓާ ޖެހިގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ފުން ކުރުމާއި ލައިޓް ޖެހުން އަދި ރޭމްޕެއް ހެދުން ވެސް އެ މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއަށް 43.6 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ނިމިގެން ދިޔަ ސަރުކާރުން ހިމަންދޫގެ ބަނދަރު ހެދުމަށް އެ ރަށަށް ބައެއް ސާމާނުތައް ގެންދިޔަ ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައިރު ވެސް ވަނީ އަމަލީ މަސައްކަތް ފެށޭ ގޮތް ނުވެފަ އެވެ.

ހިމަންދޫ ފިޔަވައި އއ. އަތޮޅުގެ އެހެން ހުރިހާ ރަށެއްގައި މިހާރު ވަނީ ބަނދަރު ހަނދާ ނިމިފަ އެވެ.

comment ކޮމެންޓް