އެމްއައިޓީޑީސީގެ ދަރަނި 25 މިލިއަނުގައި!

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު -- ސަން ފޮޓޯ: ފަޔާޒު މޫސަ

މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީ ސަރުކާރުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ނަމުގައި ކުންފުންޏެއް އުފެއްދީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކުންފުނިން ތިން ޕްރޮޖެކްޓެއް އިއުލާނު ކުރިއެވެ.

ބަރެސްދޫ ޕްރޮޖެކްޓް

އެމްއައިޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އިއުލާނު ކުރި ޕްރޮޖެކްޓަކީ ބަރެސްދޫ ޕްރޮޖެކްޓެވެ. 3000 އެނދަށް އަމާޒުކޮށްގެން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓްގެ ދަށުން އެރަށާ އިންވެގެން އޮންނަ މަހަކަންފުށި ބަރެސްދޫ އާ ގުޅާލަން ނިންމިއެވެ. އެ ރަށް ތަރައްގީ ކުރަން ނިންމީ ސާވިސް ރަށެއްގެ ގޮތުގައެވެ.

ބީޗް ހޮޓާ އަދި ރެސްޓޯރެންޓާއެކު އިންޓަގްރޭޓެޑް ޓޫރިޒަމްގައި ހުންނާނެ ހުރިހާ ވަސީލަތްތަކަކާއެކު ތަރައްގީ ކުރި މި ޕްރޮޖެކްޓަކީ ކުރިން އެމްއެމްއޕީއާރުސީ އިން ތުނބުރީގައި ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓެކެވެ. ބަރެސްދޫ އިން ތަންތަން ވިއްކަން އެންމެ ފުރަތަމަ ފަށާފައިވަނީ އެމްއައިޓީޑީސީ އުފެއްދުމުގެ ކުރިން އެމްއެމްޕީއާރުސީ އިންނެވެ.

އެމްއެމްޕީއާރުސީ އިން ބަރެސްދޫ އިން 19 ފަރާތަކަށް ބިން ވިއްކާފައިވާއިރު އެ ބިން ވިއްކުމަށްފަހު 34 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީ އިން ވަނީ ނަގައިފައެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީ އިން ބަރެސްދޫގެ ބިން ވިއްކާފައިވަނީ ލޭންޑް އިކުއިޒިޝަން ކޮސްޓު ނެގުމަށްފަހު، ބިން މިލްކު ކުރެވޭ މޮޑެލް އަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ގާނޫނާ ހިލާފަށް ވިއްކާފައިވާ މޮޑެލްއެއްކަން އަޅުގަނޑުމެން ފާހަގަ ކުރަން. އެއީ ރާއްޖެގެ އެއްވެސް ގާނޫނެއް ގަވައިދެއް ހުއްދައެއް ނުކުރޭ މިގޮތަށް ފަޅުރަށްތަކުގައި ގެސްޓު ހައުސް ހެދުމަށް ބިން ވިއްކުމަށް،"

ރާއިދު ވިދާޅުވީ އެމްއެމްޕީއާރުސީ އިން ކުރިއަށް ގެންދަން އުޅުނު މި ޕްރޮޖެކްޓު، އެމްއައިޓީޑީސީ އުފައްދައި، އެކުންފުންޏަށް ބަދަލު ކުރުމަށްފަހު އެމްއޯޔޫއެއްގެ ދަށުން ކޮންޓްރެކްޗުއަލް އޮބްލިގޭޝަނެއްގެ ގޮތުގައި އެމްއައިޓީޑީސީ އާ ހަވާލުކޮށްފައިވަނީ ޖެނުއަރީ ފަހެއް 2017 ގައި ކަމަށެވެ. އެމްއައިޓީޑީސީ އުފެއްދީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

"ރަސްމީ ސިފައެއްގައި ބަރެސްދޫ ޕްރޮޖެކްޓު އެމްއައިޓީޑީސީ އާ ހަވާލުކޮށްފައިވަނީ 30 އޭޕްރީލް 2018 ގައި. މާނައަކީ އެއް އަހަރު ކުރިންވެސް އެމްއައިޓީޑީސީ އިންވެސް ދިޔައީ މި ޕްރޮޖެކްޓަށް ލާރި ނަގަމުން." ރާއިދު ވިދާޅުވީ އެމްއައިޓީޑީސީ އިން ބަރެސްދޫގެ ބިން ދޫކޮށްފައިވަނީ ކުއްޔަށް ކަމަށެވެ. "ގާނޫނު ހުއްދަކުރޭ މިގޮތަށް ބިން ކުއްޔަށް ދޭން،"

އެމްއައިޓީޑީސީ އިން 19 ފަރާތަކަށް ބިން ކުއްޔަށް ދީފައިވާ ކަމަށާއި ކުލީގެ ގޮތުގައި 21 މިލިއަން ރުފިޔާ ނަގާފައިވާކަމަށް ރާއިދު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ އިން ނެގި 34 މިލިއަން ރުފިޔާގެ ތެރެއިން އެމްއެމްޕީއާރުސީ އިން އެމްއައިޓީޑީސީ އަށް 14 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފައި،" ރާއިދު ވިދާޅުވިއެވެ.

ލ.ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް.

ބަރެސްދޫ ޕްރޮޖެކްޓަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތަފްސީލް

  • އެމްއެމްޕީއާރުސީ އިން 34 މިލިއަން ރުފިޔާ
  • އެމްއައިޓީޑީސީ އިން ބިޑު ވިއްކައިގެން އާމްދަނީގެ ގޮތުގައި ލިބުނު ތިން ލައްކަ ރުފިޔާ
  • އެމްއައިޓީޑީސީ އިން ބިމުގެ ކުލީގެ ގޮތުގައި ނަގާފައިވާ 20 މިލިއަން ރުފިޔާ

ޖުމްލަ 55 މިލިއަން ރުފިޔާ

އެމްއެމްޕީއާރުސީ އިން ބަރެސްދޫ ޕްރޮޖެކްޓު ހިންގި އިރު ކުރި ހަރަދު

  • ކޮންޓްރެކްޓު އުސޫލުން 15 މިލިއަން ހަރަދު ކުރި
  • އެމްއައިޓީޑީސީ އަށް ޕްރޮޖެކްޓު ބަދަލުކުރި އިރު ނުވަ ލައްކަ ރުފިޔާ ހަރަދުކުރި
  • މަހަކަންފުށީގެ ބަނދަރާއި ކޯޒްވޭ ހެދުމަށް 15 މިލިއަން

ކޮންޓްރެކްޓު އުސޫލުގެ ބޭރުން ފަސް މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ރާއިދު ވިދާޅުވިއެވެ.

އެމްއައިޓީޑީސީގެ ފައިސާ އިން ސިޔާސީ ޕާޓީއެއްގެ އޮފީސް ހެދުމަށް ދެ މިލިއަން ރުފިޔާ ހޭދަކުރިކަމަށް އިންޓާނަލް އޮޑިޓުން ވަނީ ފަޅާއަރައިފައެވެ.

https://sun.mv/117019

"އެމްއެމްޕީއާރުސީ އިން ބަރެސްދޫ ޕްރޮޖެކްޓަށް ޖުމްލަ 34 މިލިއަން ރުފިޔާ ނަގާ، އޭގެ 20 މިލިއަން ހަރަދުކޮށް 14 މިލިއަން ރުފިޔާ ވަނީ އެމްއައިޓީޑީސީ އާ ވަނީ ހަވާލުކޮށްފައި،"

ރާއިދު ވިދާޅުވީ އެމްއައިޓީޑީސީ އާ ޕްރޮޖެކްޓު ހަވާލުކުރި އިރު 21 މިލިއަން ރުފިޔާ އަކާއި 14 މިލިއަން ރުފިޔާ އަކާ ހަވާލުވި ކަމަށެވެ. އެމްއައިޓީޑީސީ އިން އެ ފައިސާގެ ތެރެއިން ލީސް ހޯލްޑް ފީގެ ގޮތުގައި މީރާ އަށް 1.5 މިލިއަން ރުފިޔާ ދެއްކި ކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއައިޓީޑީސީ އިން ޖައުޒާ ކޮންސްޓްރަކްޝަން އަށް 15 މިލިއަން ރުފިޔާ ދައްކާފައިވާ ކަން ރާއިދު ފާހަގަ ކުރެއްވިއެވެ.

"މި ފައިސާ އަކީ އެއްވެސް ހާލެއްގައި އެވަރުގެ ބޮޑު އަދަދެއް ކުންފުންޏަށް ދައްކާވަރަށް ޕްރޮޖެކްޓު ކުރިއަށް ގޮސްގެން ދައްކާފައިވާ ފައިސާ ކަމަށް ގަބޫލެއް ނުކުރަން. މި ޕްރޮޖެކްޓުގެ މާސްޓާ ޕްލޭން ފާސްކުރެވިފައެއް ނެތް، އީއައިއޭ ރިޕޯޓު ހެދިފައެއް ނެތް. ޕްރޮޖެކްޓު މެއިން ކޮންޓްރެކްޓަރަކާ ހިސާބަށް ދިޔުމުގެ ކުރިން ކުރަންޖެހޭ ގިނަ ކަންތައް ކޮށްފައެއް ނުވޭ،" ރާއިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖުމްލަ 17 މިލިއަން ރުފިޔާ އެމްއައިޓީޑީސީ އިން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓު ބަޖެޓުގެ ބޭރުން ކުންފުނިން ނުވަ މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.

ކުންފުނި ހިންގުމުގައި އިސްކޮށް އޭރު ތިއްބެވި ތިން ބޭފުޅަކު ބޭރުގެ ދަތުރުތަކަށާއި ފެއާތަކަށް ދިޔުމަށް 2.9 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ވެސް ރާއިދު ވިދާޅުވިއެވެ. މި ހަރަދުތަކުގެ އިތުރުން އިންވެސްޓުމެންޓު ފޯރަމްގެ ނަމުގައި އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ހަރަކާތަކަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

"ޕްރޮޖެކްޓް ޕާމްގެ ނަމުގައި ރާއްޖޭގެ ތިން ހަތަރު ފަޅެއް މާކެޓު ކުރުމަށްވެސް 3.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި. މިއީ ކޮންތަނަކު ކުރިއަށް ގެންދިޔަ ކަމެއްވެސް ނޭނގޭ،" ރާއިދު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުނން ހަރަދުކޮށްގެން ހިންގާ ކުންފުނީގެ ބަޖެޓުގެ އިތުރުން ރިކަރަންޓު ހަރަދުގެ ގޮތުގައިވެސް 1.9 މިލިއަން ރުފިޔާ ބަރެސްދޫ ފައިސާ އިިން ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 10 މިލިއަން ރުފިޔާ ބަރެސްދޫ ޕްރޮޖެކްޓަށް ލިބުނު ފައިސާގެ ތެރެއިން ޕްރިޖެކްޓާ ގުޅުން ނެތްކަންކަމަށް ހަރަދު ކުރިކަމަށް ރާއިދު ވިދާޅުވިއެވެ.

މި ފައިސާ އަކީ ފައިސާ ދެއްކި ފަރާތުން އެދުމުން ދޭގޮތަށް ނަގާފައިވާ ފައިސާ ކަމަށާއި އެއްވެސް އެގްރިމެންޓަކާ ނުލާ ނަގާފައި ހުރި ފައިސާ ކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

"މީގަ އޮތް ނުރައްކަލަކީ، އެ ފަރާތްތަކުން އެދަނީ ރިފަންޑަށް އެދެމުން. ރިފަންޑަށް އެދޭވަރަކަށް އެފައިސާ ދޭން ޖެހޭނީ. މިހާތަނަށް 13 ފަރާތަކަށް 8.6 މިލިއަން ރުފިޔާ ވަނީ ރިޓާން ކޮށްފައި، އޭގެ އިތުރުން 10 މިލިއަން ރުފިޔާގެ ރިފަންޑު ރިކުއެސްޓް އައިސްފައި އޮތީ،" ރާއިދު ވިދާޅުވީ އޭގެ ތެރެއިން ދެ މައްސަލައެއް އޮތީ ސިވިލްކޯޓުގައި ކަމަށެވެ. މަޝްރޫއަށް ލިބިފައި ހުރި ފައިސާ ހުރީ މިސް މެނޭޖުކޮށްފައި ކަމަށާއި، ހުރިހާ ފައިސާއެއް ބޭނުންކޮށް ހުސްކޮށްފައިވާކަމަށް ރާއިދު ވިދާޅުވިއެވެ.

"ކުންފުނި ދަރަނިވެރިކޮށްފައި އޮތީ 25 މިލިއަން ރުފިޔާ އިން،" ރާއިދު ވިދާޅުވީ ޖުމްލަ 35 މިލިއަން އެއްލައްކަ ރުފިޔާ އެމްއައިޓީޑީސީ އަށް ލިބުނު އިރު، 35 މިލިއަން އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. "ބަރެސްދޫގެ އެއްވެސް ލާރިއެއް ކުންފުންޏަކު ނެތް،" ރާއިދު ވިދާޅުވިއެވެ. "މި ސަރުކާރަކުން ބަރެސްދޫގެ ނަމުގައި އެއްވެސް ފައިސާއެއް ނަގާފައެއް ނޯންނާނެ،"

ކ.ކާށިދޫގައި 60 ކޮޓަރީގެ ގެސްޓްހައުސް މަޝްރޫއުގެ ބިންގާ އެޅުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ކާށިދޫ ޓުއަރިސްޓްް ވިލެޖު

އެމްއައިޓީޑީސީ އިން އިއުލާނުކުރި އަނެއް މަޝްރޫއަކީ ކާށިދޫ ގެސްޓްހައުސް މަޝްރޫއެވެ. އެ މަޝްރޫއަކީ ފިނޭންސް މިނިސްޓްރީ އިން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ފައިނޭންސް ކުރި މަޝްރޫއެކެވެ. "އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރި ހަމައެކަނި މަޝްރޫއަކީ މިއީ،" ކާށިދޫގައި އަޅާފައި ހުރީ ދަގަނޑު އިމާރާތްތަކެއް ކަމަށާއި އެ ތަންތަންވެސް ނިންމާފައި ނުވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

"އެއް މިލިއަން ޑޮލަރު މިހާރަކު ނެތް،" މި މަޝްރޫއު ކުރިއަށް ގެންދިޔައީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށާއި އެކަމާ ގުޅުންހުރި މައްސަލައެއް އޭސީސީ އިން ބަލަމުންދާ ކަމަށް އެމްއައިޓީޑީސީގެ އެމްޑީ ވިދާޅުވިއެވެ. ފިނޭންސް އިން ނެގި ލޯނަކީ އަށް ޕަސެންޓް އިންޓްރެސްޓުގައި އެއް އަހަރުން ދައްކާގޮތަށް ނެގި ލޯނެކެވެ.

ލ.ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް.

އެއްވެސް ޕްރޮޖެކްޓެއް ހުއްޓައެއް ނުލާނެ

ރާއިދު ވިދާޅުވީ އެމްއައިޓީޑީސީ އިން އިއުލާނުކޮށްފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށެވެ. ނަމަވެސް ކާށިދޫ ޕްރޮޖެކްތު ހަވާލުކުރި ޗައިނާގެ ކުންފުންޏާއެކު މަޝްރޫއު ކުރިއަށް ގެންދަން ދެން ނުވިސްނާކަމަށް ރާއިދު ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރީ އާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ދަނީ މަސައްކަތްކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕްޝަން..

ކުރިމަގު

އެމްއައިޓީޑީސީ އުވާލުމުގެ ވިސްނުމެއް މިސަރުކާރުން ނުގެންގުޅޭ ކަމަށް ރާއިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއައިޓީޑީސީ ދެން މަސައްކަތް ކުރާނީ ބިންބޮޑެތި ރަށްރަށުގައި މެދުފަންތީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަށް ކަމަށެވެ. އެގޮތުން ވޯޓާ ސްޕޯޓްސް ކުޅޭނެ ސަރަހައްދުތަކާ، ސްޕާ ފަދަ ތަންތަން ތަރައްގީކޮށް އެތަންތަނުގެ ބޭނުން ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކުން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށްރަށުގައި ކޮޓަރި އެބަހުރި. މައްސަލައަކީ ގެސްޓުން ކުރާނެ ކަމެއް ނެތުން،" ބިން ބޮޑެތި ރަށްރަށުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ވަސީލަތްތައް ގާއިމް ކުރުމުން ގެސްޓްހައުސްތަކުން ވިއްކާ ޕެޖޭޖުތައްވެސް ފަތުރުވެރިންނަށް ވިއްކުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއައިޓީޑީސީ އިން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓަ ލުމުގެ ބަދަލުގައި އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ނިންމާފައިވާކަންވެސް މިއަދު އިއުލާނު ކުރެއްވިއެވެ.

comment ކޮމެންޓް