ސިޔާސީ ޕާޓީއެއްގެ އޮފީސް ހެދުމަށް އެމްއައިޓީޑީސީގެ ބަޖެޓުން ހަރަދުކުރިކަމުގެ ތުހުމަތު

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އުފެއްދެވި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮމްޕަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ބަޖެޓުން ސިޔާސީ ޕާޓިއެއްގެ އޮފީސް ހެދުމަށް ހަރަދުކޮށްފައިވާކަމަށް ތުހުމަތު ކޮށްފިއެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ އެކުންފުނީގެ 1.998 މިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގިފައި އޮތްކަމަށް އޮޑިޓް ރިޕޯޓުން ފާހަގަވާ ކަމަށެވެ.

އެމްއައިޓީޑީސީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެތަނުގެ މަރާމާތުގެ ގޮތުގައި 1.998 މިލިއަން ރުފިޔަ ޚަރަދު ކުރިކަމަށާއި، ފަހުން އެ ފައިސާ އަކީ ސީއެސްއާރުގެ ގޮތުގައި ހަރަދުކޮށްފައިވާ ފައިސާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ހަރަދާ ގުޅޭ ލިޔެކިޔުންތައް ފެންނަން ނެތުމުގެ ސަބަބުން އެއީ ހަގީގަތުގައިވެސް ސީއެސްއާރަށް ކުރި ހަރަދެއްތޯ ނުވަތަ އެ ހަރަދުން ކުންފުންޏަށް ލިބުނު ނުވަތަ ލިބޭނެކަމަށް ބެލެވުނު ފައިދާއެއް ދެނެގަނެވިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއިދު ވިދާޅުވީ ލިޔެކިޔުންތައް ބެލި ބެލުމުން އެ ފައިސާ އަކީ އޮފީސް މަރާމާތަށް ބޭނުން ކުރި ފައިސާ ނޫންކަން އެނގުނު ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގެ އޮފީހެއް ހެދުމަށް ހަރަދު ކުރަން އެ ފައިސާ ބޭނުންކޮށްފައި ވަނީ،" އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ސިޔާސީ ޕާޓީއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ރާއިދު ވިދާޅުވީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލާގައި ފާހަގަވި ކަންތަކަށްބަލައި ކުންފުނީގެ ބޯޑު މެންބަރަކާއި ޑިރެކްޓަރެއް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ސަސްޕެންޑު ކުރީ އޭސީސީ އިން އެދިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއައިޓީޑީސީ އަކީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް އުފެއްދި ކުންފުންޏެކެވެ.

comment ކޮމެންޓް