ރުއްގަސް ކެނޑުމާއި އުފުލުމުގެ ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ރަށަކުން ރުއްގަސްތަކެއް ނަގައިފައި-- ފޮޓޯ: އީޕީއޭ

އެންވަޔަރަމެންޓް މިނިސްޓްރީ އިން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ގަވައިދަށް ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގަވައިދުގެ ދަށުން އެކުލަވާލި މި ގަވައިދުގައި ބުނެފައި ވަނީ ރަށުގެ ހޭޅިފަށުގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު ފުޅާމިނުގައި ހެދިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަހާއި ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ވަށައިގެން 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް ކެނޑުމާއި އުފުރުން އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް، ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއްގެ ރުއްގަސް ކެނޑުން ވެސް މި ގަވައިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް ފުރަބަންޑާރަ [ސަރުކާރު] ލަކުޑީގެ ގޮތުގައި ކަނޑާ ރުއްގަހާއި ގަސްގަހުގެ އޮށް އަދި ކާށި މުޑުވައް ކޮށްގެން ހައްދާ ރުއްގަސް ނުވަތަ ގަސްގަހުގެ ގޮފީގައި ވެލި ބަނދެގެން ހައްދާ ގަހާއި ރަޖިސްޓްރީ ކޮށްފައިވާ ނާސަރީއެއްގައި ހައްދާ ރުއްގަސް އުފުރުން މި ގަވައިދުގެ ދަށުން އިސްތިސްނާވެ އެވެ.

އަދި މީހުން ދިރިއުޅޭ ގޯތިތަކުގެ ތެރޭގައި އިންދާ ހައްދާފައިވާ ރުއްގަސް ކެނޑުން ވެސް މި ގަވައިދުގެ ދަށުން އިސްތިސްނާވެ އެވެ.

ރުއްގަސް ނަގައިގެން އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި އަމަލު ކުރާނެ އުސޫލާއި، ކަނޑާ، އުފުރާ ކޮނެގެން ނަގާ އަދި އެ ރަށަކުން ގެންދާ ރުއްގަހުގެ ބަދަލުގައި ރުއްގަސް އިންދާނެ އުސޫލު ވެސް ގަވައިދުގައި ވަނީ ބަޔާން ކޮށްފަ އެވެ.

http://www.environment.gov.mv/v2/wp-content/files/2019/comments/20190402-cmt-uprooting-trees-regulation-for_comments.pdf

ރުއްގަސް ކެނޑުމަށް ހުއްދަ ނަގަން ޖެހޭ ހާލަތްތަކާއި އެ ހުއްދައާ ހިލާފަށް ކުރާ ކަމަކުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، އެކަމެއް ކުރިފަރާތެއް، 501 ރުފިޔާ އާއި ސަތޭކަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވައިދު ބުނެ އެވެ.

ރުއްގަސް ކެނޑުމާއި އުފުލުމުގެ ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލިއިރު، ބައެއް ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި، އުފުރައިގެން ރިސޯޓު ތަކަށާއި ފަޅު ހިއްކައިގެން ހަދާ ރަށްރަށަށް ގެންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

comment ކޮމެންޓް