މަޖިލީހުގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފުވާން ފުރުސަތެއް ނުދޭނަން: ގާސިމް

މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް --

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ގަވައިދުތަކާ ހިލާފުވާން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ގާސިމް ވަނީ ދާދި ފަހުން ޕީޕީއެމް އާ އެކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެއްބަސްވެފަ އެވެ. އެގޮތަށް އެކަން ހިނގާފައި ވަނީ ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ އިން އެއްބަސްނުވުމުންނެވެ.

ގާސިމް ސަން އަށް ވިދާޅުވީ، ތާއީދު ދޭ ބަޔަކާ އެކު މަޖިލީސް އިންތިހާބަށް ނުކުތީ، އެމްޑީޕީ އާއި ޖޭޕީ އާ އެކު ލިއުމުންވި އެއްބަސްވުމަށް އެމްޑީޕީ އިން އަމަލުނުކޮށް "ވައުދާއި އަހުދު އެމްޑީޕީ އިން އުވާލުމުން" ކަމަށެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީ އިން އެއްބަސްވީ މަޖިލީހުގެ 22 ގޮނޑިއަކަށް ގުޅިގެން ވާދަކުރުމަށް ކަމަށެވެ. ނަމަވެސް ވަކީން ނުކުތީ އެތައް ފަހަރަކު ވާހަކަ ދައްކައިގެން ވެސް އެ އެއްބަސްވުމަށް އެމްޑީޕީ އިން އަމަލު ނުކުރުމުން ކަމަށެވެ. އަދި ޕީޕީއެމްއާ އެކު އަނގަބަހުން އެެއްބަސްވެފައި އޮންނާނީ މަޖިލީސް އިންތިހާބަށް އެކަނި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ މަނިކުފާނު މަޖިލީހުގެ ރައީސަކަށް އިންނަވައިގެން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު، ގަވާއިދާ ހިލާފު އެއްވެސް ކަމެއް "ކިތަންމެ ރުޅިގަދަ ވިއަސް، ނުހިންގޭނެ، ނުހިންގާނަން، ނުވެސް ކުރާނެ" ކަމަށެވެ.

ގާސިމް ސުވާލު އުފެއްދެވީ، ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތަށް އައި ވެރިކަމަށް މަސް ދުވަސް ނުވަނީސް އަނިޔާވެރިވީ ކޮންބައެއްތޯ އެވެ. އަދި ވެރިކަމަށް އައުމުގެ ކުރިންވީ ވައުދުތަކާއި އަހުދުތަކަަށް ފާޅުގައި ދެކޮޅު ހަދަނީ ކާކުތޯ ވެސް ގާސިމް ސުވާލު ކުރެއްވި އެވެ.

"މަޖިލިސް އަށް ކުރިމަތިލުމަށާއި އަދި މަޝްވަރާކޮށްގެން ނިންމަން ހުރި ކަންކަން މަޝްވަރާކޮށްގެން ކުރަމުން ގެންދިއުމާއި، އިސްލާމް ދީނުގައި ކަނޑައެޅިގެން ބޮޑު ފާފައިގެ ގޮތުގައި ހިމެނޭ ހަރާމް ކަންކަން ކުރުމަށް ހިތްވަރުލިބޭ ގޮތަށް، ސަލާން ޖަހަން ގެންގުޅު ނާށިގަނޑު މަތިން ހަނދާން ނެތުން،" ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ---

ގާސިމް ވިދާޅުވީ "ބާރާއި އާރު އަދި މަގާމު ލިބުމުން އެކަން ލިބެން މެދުވެރިވި ސަބަބު ހަނދާން ނެތް" ކަމަށެވެ.

ގާނޫނު އަސާސީ އާ ހިލާފަށް ގާނޫނު ހަދައިގެން ބާރު ހޯދަން މި އުޅެވެނީ، ކާކަށް ކޮން ބަޔަކަށްތޯ ގާސިމް ވަނީ ސުވާލުއުފައްދަވައިފަ އެވެ.

"މި ގޮތަށް ގާނޫނުތައް ހަދައިގެން މި އުޅެވެނީ ކޮން ބަޔަކަށް، ކާކަށް އަނިޔާވެރިވާންތޯ. ހުރިހާ ބާރަކާއި އާރެއް [ ގާނޫނު އަސާސީއާ ހިލާފަށް] ބަނޑުދަށު ނުލެވިގެން މި އުޅެނީ ކޮން ބައެއް، ކާކުތޯ. ޗާޓުން ބޭރުން ކަންކޮށްލާނަމޭ ބުނީ ކާކުތޯ،"

ފަނޑިޔާރުން ގާނޫނު އަސާސީ އާއި އަދި ގާނޫނާ ހިލާފަށް އަދި ގަވާއިދާ ހިލާފަށް ހައްޔަރު ކުރީ ކާކުތޯ ވެސް ގާސިމް ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ އެކަންކަން އަނެއްކާ ވެސް ނުކުރެވިގެން މިއުޅެނީ ކޮން ބައެއް، ކާކުތޯ އެވެ.

މަޖިލީހުގެ އިންތިހާބުގައި މުޅި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބެން ޖެހޭނީ އެމްޑީޕީ އަށް ކަމަށް ބުނަމުން ދަނީ ކޮން ބައެއްތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

"ކޮބާތޯވީ އެއްބަސްވުން ހަތަރު ވެރީން، ކޮބާތޯވީ އެއްބަސްވުން 18،19 ކޮމެޓީގައި. ކޮބާތޯ އެމްޑީޕީ އާއި ރިޔާސީ ކެންޑިޑޭޓްވީ އެއްބަސްވުން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ސުވާލު އުފެއްދެވީ ރިޔާސީ ކެންޑިޑޭޓާއި ޖޭޕީއާ އޭރުވީ އެއްބަސްވުން އެމްޑީޕީ އިން ހަނދާން ހުރިތޯ އެވެ.

"އެ އެއްބަސްވުންތަކާއިވީ ވައުދާއި އަހުދާ އެއްގޮތަށްތޯ ހުރިހާ ކަމެއް މިދަނީ. ތިޔަ ގޮވަނީ ގުދޯ ގުދޯ، ގުދު ނެތް މީހާއާ ދިމާލަށް ހަތް ގުދު މީހާ ދެއްތޯ،"

ގާސިމް ފާހަގަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ފަހު އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ސިޔާސީ ލީޑަރުން ކަމަށް ވިދާޅުވެ، އެ ވިދާޅުވުމަށް ވެސް އަމަލުނުކުރައްވާ ކަމެވެ.

އޭރު ރައީސް ސޯލިހު ވިދާޅުވީ ކޮންމެ މަހަކު އެއް ފަހަރު ސިޔާސީ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބާއްވައި އެންމެ މަތީ މަޝްވަރާ ލީޑަރުން އަރުވާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް ހަތަރު މަސް ވީ އިރު އެބައްދަލުވުން ބާއްވާފައި ވަނީ އެންމެ ފަހަރަކު އެވެ.

"ބާރާއި އާރު އަދި މަގާމު ލިބުމުން އެކަންކަން ލިބެން މެދުވެރިވި ސަބަބު ހަނދާން ނެތުމާއި، ގާނޫނު އަސާސީ އާ ހިލާފަށް ގާނޫނު ހަދައިގެން ބާރު ހޯދަން މި އުޅުއްވަނީ ކޮންބައެއްތޯ.؟ މިގޮތަށް ގާނޫނުތައް ހަދައިގެން މި އުޅުއްވަނީ ކޮން ބަޔަކަށް ކާކަށް އަނިޔާވެރިވާންތޯ.؟" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

"އަޅުގަނޑު މަޖިލީހުގެ ރައީސަކަށް ހުއްޓައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި ގަވައިދުތަކާއި އެއްވެސް ކަމެއް ކިތަންމެ ރުޅިގަދަވިޔަސް ނުހިންގޭނެ. ނުހިންގާނަން. ނުވެއް ކުރާނަން." ގާސިމް އިބްރާހިމް

ގާސިމް އެހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ގާސިމް އިބްރާހިމަށް ފާޑު ވިދާޅުވަމުން ދާ ދަނޑިވަޅެއްގަ އެވެ.

މަޖިލީހަށް އެމްޑީޕީ އިން 86 ދާއިރާއަށް ވާދަކުރާ އިރު ޖުމްހޫރީ ޕާޓީން ވާދަކުރަނީ 46 ދާއިރާ އަށެވެ. އެއީ އެ ޕާޓީ އާއި ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން ވާދަކުރާ 14 ދާއިރާއަކާއި ވަކީން ވާދަކުރާ 32 ދާއިރާ އެކެވެ.

އެމްޑީޕީގެ ކެމްޕެއިނުގައި ރައީސް ސޯލިހު އަމަލީ ގޮތުން ދަނީ ބައިވެރިވަޑައިގަންނަވަމުންނެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ވިދާޅުވި ނަމަވެސް ރައީސް ސޯލިހު ވިދާޅުވަނީ އެހެން ޕާޓީތަކަށް ދެރަގޮތެއް ނުހައްދާނެ ކަމަށެވެ.

comment ކޮމެންޓް