ނަބީ ބޭކަލުންގެ ބިންތައް 23 - ސުލައިމާނުގެފާނު 1

ފަލަސްޠީނު --

ސުލައިމާން ޢަލައިހިއްސަލާމުގެ ނުބުއްވަތުގެ ތާރީޚު ގުޅިފައިވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ނުބުއްވަތުގެ ތާރީޚާއެވެ. ސުލައިމާނުގެފާނުންގެ ވެސް ދައުވަތަކީ ތައުހީދަށް ގޮވައިލެއްވުމާއި އަޅުކަން ކުރެއްވުމުގައި ﷲ އެއްކައުވަންތަ ކުރެއްވުމުގެ ދައުވަތެވެ. އިސްލާމީ އަގީދާއަކީ ވެސް މިއީއެވެ. މި އަގީދާއަށް ތަބާ ވާނީ މުސްލިމުންނެވެ. ނަބީ ބޭކަލުންގެ ބައްޕަ އިބްރާހީމުގެފާނަކީ ވެސް މުސްލިމެކޭ ބުނެވެނީ އެހެން ވެގެންނެވެ. ވީމާ އިސްލާމްދީނަކީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދުގެފާނާ ހަމައިން ފެށޭ ރިސާލަތެއް ކަމަށް ބަލައިގެން ނުވާނެއެވެ.

ސަބާގެ ރާނީއަށް ސުލައިމާނުގެފާނު ފޮނުއްވި ފަތްކޮޅުގައި ވެސް އެންގެވީ އިސްލާމް ވުމަށެވެ. އެކަމަނާއާއި އެ ކަމަނާގެ ގައުމުގެ މީހުން އިސްލާމް ވުމަށެވެ.

ސުލައިމާނުގެފާނުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން ހަނދާން ކޮށްލާން ޖެހެނީ ދުނިޔޭގެ ބިންމަތީގައި އެއްވެސް އެހެން މީހަކަށް ނުދެއްވާ ފަދަ ބާރުގަދަ ރަސްކަމެއް ސުލައިމާނުގެފާނަށް ދެއްވި ކަމެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ފަދައިން ސުލައިމާނުގެފާނަކީ ވެސް ނަބީ ރަސްކަލެކެވެ. ނުބުއްވަތާއި ރަސްކަން އެއް ވަގުތެއްގައި ޖަމާ ކުރެއްވިއެވެ.

ސުލައިމާނުގެފާނުން އުޅުއްވީ ފަލަސްޠީނުގެ ބިމުގައެވެ.

comment ކޮމެންޓް