ސީނާގައި މޫސާ ޢަލައިހިއްސަލާމުގެ ސިޔަރަތުގެ އައު މަރުހަލާއެއް ފެށެއެވެ. އެއީ ފިރްޢައުނާއިި އޭނާގެ ސިފައިން ޣަރަޤު ވުމަށް ފަހުގައެވެ. މިއީ އޭޝިޔާ ބައްރާއި އެފްރިކާ ބައްރު އައިސް ގުޅޭ ނުގުތާއެވެ.
މުގައްދަސް ވެގެންވާ ޠުވާގެ ވާދީ އޮންނަނީ މި ސަރަހައްދުގައެވެ.
"މޫސާގެފާނުގެ އަސާކޮޅުން ޖެއްސެވުމުން ނުކުތް ފެން އާރުތަކުގެ އަސަރު މިއަދު ވެސް ފެންނާން އެބަ ހުރި. މީގެ އިތުރުން މަންނައާއި ސަލްވާއިން ވެސް ރިޒުގު ދެއްވި. އެއީ މަތިވެރި ނިޢުމަތެއް. އެކަމަކު އެބައިމީހުންނަކީ ވިސްނުން ކޮށި ބައެއް. އެމީހުން އޭގެ ބަދަލުގައި މުގާއި ފިޔާ ފަދަ ތަކެތި ދެއްވުން އެދި ދެންނެވި." ޑރ. ޒަޣްލޫލު އައްނައްޖާރު ވިދާޅުވިއެވެ.
މޫސާގެފާނުގެ ފެން އާރުތަކުގެގޮތުގައި މަޝްހޫރުވެފައިވާ ވަޅުތަކެއް މިއަދު ވެސް އެ ސަރަހައްދުގައި އެބަ ހުށްޓެވެ. މިހާރު ފެންނާން ހުރީ ބާރަ އާރުގެ ތެރެއިން ހަތް އާރެވެ. ނުވަތަ ހަތް ވަޅެވެ.
މޫސާގެފާނަށް ތައުރާތު ބާވައިލެއްވުނީ ވެސް ސީނާގެ ބިމުގައެވެ. މޫސާގެފާނުގެ ގައުމުގެ މީހުންނަށް ދެއްކެވުނު މޫޖިޒާތްތައް ގިނަގުނަ މެއެވެ. އެހެންނަމަވެސް އެމީހުންގެ ހިތްތަކުގައި އީމާންކަން ހަރެއް ނުލިއެވެ.
ޖަބަލު މޫސާގެ ނަމުން މަޝްހޫރު ފަރުބަދަ ހުންނަނީ ސީނާގެ ދެކުނު ފަޅީގެ މެދުގައެވެ. މި ފަރުބަދައަށް ޖަބަލުލް މުނާޖާތޭ ވެސް އަދި ޠޫރު ސީނާއޭ ވެސް އަދި ޠޫރު ސީނީންއޭ ވެސް ކިޔައެވެ.