ނަބީ ބޭކަލުންގެ ބިންތައް 12 - އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު

ޙިޖްރު އިސްމާޢީލް --

މާތްވެގެންވާ މައްކާގެ ބިމެވެ. މެދު ނުކެނޑި މި މާތް ބިމުގައި މީހުން ދިރިއުޅޭތާ މިހާރު މި ވަނީ ތިން ހާސް ހަތްސަތޭކަ ސާޅީސް އަހަރަށް ވުރެ ގިނަ އަހަރުވެފައެވެ. މައްކާގެ ފަހުގެ ތާރީޚު ފެށިފައިވަނީ ސައްޔިދުނާ އިސްމާޢީލް ޢަލައިހިއްސަލާމާއި، އެކަލޭގެފާނުގެ މަންމާފުޅު ހާޖަރު އެރަށުގައި ވަޒަންވެރިވުމާ ހަމައިންނެވެ. އެއީ އިންސާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެއް ރަށަކަށް އެންމެ ލޯބިވާ ރަށެވެ.

މި މާތްވެގެންވާ ރަށާއި މި ރަށުގެ އެންމެ މުހިންމު އަސަރު ކަމުގައިވާ ކަޢުބަތުﷲ ގެފުޅު ވަނީ ދެ ނަބިއްޔަކާ ވަރަށް ބޮޑަށް ގުޅިފައެވެ. އެ ދެ ނަބިއްޔުންނަކީ ސަލާމާއި ޞަލަވާތްލެއްވި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނެވެ.

އިބްރާހީމް ޢަލައިހިއްސަލާމު، އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި ކިރުފޮދުހިއްޕަވާ ޢުމުރުގެ ދަރިކަލުން އިސްމާޢީލުގެފާނު މި ވާދީގައި ވަޒަންވެރި ކުރެއްވިއެވެ. އޭރު މިވާދީއަކީ ހުސް ވާދީއެކެވެ. ފެނެއް، ދަނޑުވެރިކަމެއް އަދި އިންސާނަކު ވެސް ނެތް ވާދީއެކެވެ. އެކަލޭގެފާނު އެކަން ކުރެއްވީ ޙިކުމަތްތެރިވެގެންވާ މަތިވެރި އިލާހީ އަމުރުފުޅެއްގެ މަތީންނެވެ. ﷲ އިރާދަ ކުރެއްވީ މިވާދީއަކީ މީހުން ދިރިއުޅޭނެ ތަނެއް ކަމުގައި ލެއްވުމަށެވެ. އަދި އެކަމަށް މަގު ފަހި ކުރެއްވުމުގެ ގޮތުން އެ ވާދީގެ ތެރެއިން ޒަމްޒަމް ފެން ނެރުއްވިއެވެ. އޭގެ ފަހުން މީހުން އައިސް މި ރަށުގައި ވަޒަންވެރިވާން ފެށިއެވެ.

"މީހުން ދިރިއުޅޭ ޝަހަރެއްގެ ގޮތުގައި އަލުން އާބާދުވުމަށް ފަހު، މި ރަށް މަޝްހޫރުވެފައިވަނީ މައްކާގެ ނަމުން. މިރަށަށް ބައްކާއޭ ވެސް ކިޔާ. އަދި ހަމައެފަދައިން އުއްމުލްޤުރާ ނުވަތަ ރަށްތަކުގެ މަންމަގެ ނަމުން ވެސް މަޝްހޫރުވެފައިވޭ. މައްކާއަކީ ދަނޑުވެރިކަމެއް އޮތް ތަނެއް ނޫން. މީގެ އެންމެ ބޮޑު ސަބަބަކީ މައްކާއަކީ ފެން ނާދިރު ރަށަކަށް ވާކަން. ވާރޭ ވެހޭ އިރެއްގައި ލިބޭ ފެންފޮދެއް ނޫނީ ނުލިބޭ." ޑރ. މުޙައްމަދު ޢަބްދުހޫ ޔަމާނީ ވިދާޅުވިއެވެ.

އިސްމާޢީލުގެފާނުގެ ވާހަކައަކީ އެކަލޭގެފާނުންގެ ބައްޕާފުޅު އިބްރާހީމްގެފާނުންގެ ވާހަކައިގެ އެއްބައެވެ. ނުބުއްވަތުގެ ތާރީޚުގައި މިދެބޭކަލުން ހިއްސާވެވަޑައިގަންނަވާ ހާދިސާތައް ވަރަށް ގިނައެވެ. މި ގޮތުން މައްކާ އަލުން އާބާދުކުރެއްވުމުގެ ދައުރާއި، ކަޢުބަތުﷲ ގެފުޅު އަލުން ބިނާ ކުރެއްވުން ހިމެނެއެވެ. އެގެފުޅަކީ ދުނިޔޭގެ ބިމުގައި ﷲ އިންސާނުންނަށް ޓަކައި ކުރެވުނު ފުރަތަމަ ބިނާއެވެ. އޭގެ ފަހުން މައްކާ ވެގެން ގޮސްފައި މިވަނީ ނުބުއްވަތުގެ ތާރީޚުގައި ސިއްކަ ޖެއްސެވި މާތް ނަބިއްޔާ އުފަންވެވަޑައިގަތް މަތިވެރި ރަށްކަމުގައެވެ.

"އެ ފެންނަނީ މައްކާގެ ޙަރަމްފުޅު. އެހެރީ ކަޢުބާ. އިބްރާހީމް ޢަލައިހިއްސަލާމު ގެފުޅު ބިނާ ކުރެއްވީ ކުރީން އެކަލޭގެފާނު ވަޑައިގެން ﷲ ގެ އަމުރުފުޅަށް ހާޖަރުއާއި އިސްމާޢީލްގެފާނު ބެއިތިއްބެވި ހިސާބުގައި. އެ ބޭފުޅުން ވަޑައިގަތް އިރު މިވާދީއަކީ ހުސްވާދީއެއް. ފެނެއް ގަހެއް އަދި އިންސާނެއް ވެސް ނެތް ބިމެއް. އިބްރާހީމްގެފާނު އަނބިކަނބަލުންނާއި ދަރިކަލުން މިފަދަ ތަނަކަށް ދޫކޮށްލައްވާފައި ވަޑައިގަންނަވާން ފެށްޓެވީމާ ހާޖަރު ސުވާލު ކުރެއްވި. ތިމަންނަމެން އެކަނި ދޫކުރައްވާފަ ވަޑައިގަންނަވަނީތޯއޭ؟ ދެން އެކަލޭގެފާނު ޖަވާބު ދެއްވި ﷲ ގެ ރިޢާޔަތުގެ ދަށަށޭ ދޫކޮށްލެއްވީ. ދެން އެކަމަނާ ވިދާޅުވި އެހެން ވެއްޖެއްޔާ ހިތާމައެއް ނެތޭ، ﷲ ތިމަންމެން ދޫކޮށެއް ނުލައްވާނެޔޭ. ދެން އިބްރާހީމްގެފާނު ފަރުބަދަތަކުގެ އަނެއް ފަރާތުގައި ހުންނަވައިގެން ދުޢާ ކުރެއްވި. މި ރަށުގެ އަހުލުވެރީންނަށް މޭވާއިން ރިޒުގު ދެއްވުމަށް. އަދި މި ތަނުގައި މީހުން ވަޒަންވެރިވާނޭ ގޮތް މެދުވެރި ކުރެއްވުމަށް އެދިވަޑައިގަތް. އަދި މި ރަށުގެ މީހުންނަކީ ނަމާދު ގާއިމުކުރާ ބައެއްގެ ގޮތުގައި ލެއްވުން އެދިވަޑައިގަތް. މިއަދު ތިޔަ ފެނިވަޑައިގަންނަވަނީ އިބްރާހީމްގެފާނު ކުރެއްވި ދުޢާފުޅުގެ އަސަރު." ޙަސަން ޝާހީން ވިދާޅުވިއެވެ.

"އިބްރާހީމްގެފާނު ﷲއަށް ދުޢާ ކުރެއްވި ހާޖަރުއާއި އިސްމާޢީލުގެފާނަށް ރިޒުގު ދެއްވުމަށާއި، އެބޭފުޅުންނަށް އަވަށްޓެރިކަން ދޭނެ ބަޔަކު އެ ބިމުގައި ލެއްވުމަށް. އެހެނީ ޖަމާޢަތެއްގެ ގޮތުގައި ނޫނީ އިންސާނުންނަކަށް ތަނެއްގައި ވަޒަންވެރިވެގެންނެއް ނޫޅެވޭނެ." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

އިސްމާޢީލުގެފާނުގެ ވާހަކަ އަކީ ބޮޑެތި އެތައް އިމްތިޙާނަކުން ފުރިފައިވާ ހާދިސާތަކެކެވެ. މި ގޮތުން ޅަ ފަތުގައި އޭރުގެ މައްކާ ފަދަ ތަނެއްގައި މަންމާފުޅާ ދެބޭފުޅުން އެކަނި އުޅުއްވާން ޖެހިވަޑައިގަތުމާއި، ގުރުބާން ކުރެވުމަށް ހުށަހެޅިގެން ދިއުމާއި، ބައްޕާފުޅާއި ދެބޭފުޅުން އެކަނި މަސައްކަތް ކުރައްވައިގެން ގެފުޅު ބިނާ ކުރެއްވުން ހިމެނެއެވެ. އެކަލޭގެފާނަށް ކުރިމަތިވި އިމްތިޙާނުތަކުގެ ނަތީޖާ ވަރަށް ފުރިހަމައެވެ. މިކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. ޤުރުއާނުގައި އެކަލޭގެފާނު ސިފަކުރައްވައިފައި ވަނީ ކެތްތެރިއެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި ރުހެވިގެންވާ ބޭކަލެއްގެ ގޮތުގައެވެ.

"އިސްމާޢީލުގެފާނުގެ މަދަރުސާއަކީ ވެސް އެކަލޭގެފާނުގެ މަންމާފުޅު. އަދި މުޖުތަމަޢަކީ ވެސް ހަމައެކަނި މަންމާފުޅު. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ހުރިހާ ކަމަކީ ވެސް މަންމާފުޅު. މި ކަމުން އަޅުގަނޑުމެންނަށް އެނގެނީ މި ރަނގަޅު މަންމާފުޅު، މި ރަނގަޅު، ޞާލިޙް އަންހެން ކަމަނާއަކީ ވަރަށް ޚާއްޞަ ބޭފުޅެއް ކަން." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

ސަޢުޔުކުރާތަން މިއީ ފެން ހޯއްދެވުމަށް ޓަކައި ސައްޔިދާ ހާޖަރު ބާރަށް ހިންގެވި ސަރަޙައްދެވެ. އެކަމަނާ އެ ވަގުތު ގެންދެވީ ދުޢާ ކުރައްވަމުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޒަމްޒަމް ފެން ނެރުއްވީ އެކަމަނާގެ ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނުގެ ފައިތިލަފުޅު ޖެހުނު ހިސާބުގެ ބިންމަތިންނެވެ.

"ޞަފާއަކީ އުފުލިގެންވާ ފަރުބަދައެއް. އަދި މަރުވާއަކީ ވެސް އެފަދަ ފަރުބަދައެއް. ހާޖަރު ޞަފާއަށް އަރައިވަޑައިގަތީމާ ތުއްޕުޅު އިސްމާޢީލުގެފާނު ފެނިވަޑައިގަނޭ. އަދި އެ ގޮތަށް މަރުވާއަށް އަރައިވަޑައިގަތީމާ ވެސް ފެނިވަޑައިގަނޭ. އެކަމަކު މި ދެ ފަރުބަދަ ދޭތެރޭ ވާދީއަށް ފައިބައިވަޑައިގަތުމުން އެކަމަނާގެ ނަޒަރުން ތުއްޕުޅު ދަރިކަލުން ގެއްލޭ. އެހެން ވެގެން ވަރަށް ބާރަށް ވަޑައިގެން އަނެއްކާ ވެސް އަނެއް ފަރުބަދައަށް އަރާވަޑައިގަންނަވަނީ." ޑރ. ޢާދިލް ބާނާޢިމާ ވިދާޅުވިއެވެ.

މީހުން ނެތް ވާދީއެއްގައި އެ ދެ ބޭފުޅުން އުޅުއްވަމުން ގެންދަވަނިކޮށް، ގަބީލާއެއްގެ މީހުން އައިސް އެބޭފުޅުންގެ ހުއްދައާ އެކު އެތަނުގައި ވަޒަންވެރިވިއެވެ. އޭރު ކުޑަކުޑަ އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ދިރިއުޅުއްވަމުން ގެންދެވީ އަލަށް ލިބިވަޑައިގަތް އަވައްޓެރީންނާ އެކުގައެވެ. އިބްރާހީމުގެފާނުންގެ ހިތްޕުޅުގެ މިސްރާބު ވެސް ހުރީ މައްކާއާ ދިމާއަށެވެ. މައްކާގައި ކުރައްވަން ޖެހިވަޑައިގަންނަވާ މުހިންމުކަމެއް ފެށްޓެވުމުގެ ވަގުތު ޖެހުމުގެ އިންތިޒާރުގައެވެ.

"މިހާރު އަޅުގަނޑުމެންނަށް އެ ފެންނަ ދިގު ބިނާއަކީ ސަޢުޔު ކުރާ ތަން. އެއީ ފެންފޮދެއް ފެނިވަޑައިގަންނަވާތޯ ސައްޔިދާ ހާޖަރު ބާރަށް ދެކޮޅަށް ހިންގެވިތަން. އެކަމަނާ މަސައްކަތް ކުރެއްވީ އެ ހިސާބުން ފެނުގެ އެއްވެސް ފެނިވަޑައިގަނޭތޯ. އެވަގުތު އެކަމަނާގެ ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނު އޮންނެވީ މި ތަނުގެ މެދަކާ ދިމާލުން އެ ކޮޅުގަ. އެކަލޭގެފާނު ގެންދެވީ ފެންފޮދަކަށް ބޭނުންފުޅުވެވަޑައިގެން ކީރިތި ކުރައްވަމުން. ދެން ﷲ ގެ އަމުރުފުޅަށް ޖިބްރީލުގެފާނު ވަޑައިގަތް. ދެން ޖިބްރީލުގެފާނު ބިންމަތީގައި ޖެއްސެވި ޖެއްސެވުމަކުން ޒަމްޒަމް ފެން ނުކުތް. އެއީ ޝިފާއެއް. ކާނާއެއް. އަދި ބުއިމެއް. ދެން ހާޖަރު ވަޑައިގެން އެ ފެންގަނޑު ހިފެހެއްޓެވި. އަދި ދަރިކަލުން އިސްމާޢީލުގެފާނަށް ފެންފަރީއްކޮޅު އެރުއްވި. އަދި އެކަމަނާ ވެސް ފެންފޮދު ހިއްޕެވި." ޙަސަން ޝާހީން ވިދާޅުވިއެވެ.

"މި ޝިޢުބަށް ކިޔަނީ ޝިޢުބު ޢަލީ. ޢަލީގެފާނަށް މި ޝިޢުބު ނިސްބަތް ކުރެވުނަސް މި ތަނަކީ މާކުރީގެ ތާރީޚާ ގުޅިފައިވާ ތަނެއް. މިއީ އިސްމާޢީލުގެފާނުގެ ބަދަލުގައި ކަތިލެވުމަށް ފޮނުއްވުނު ކަންބަޅި އެ ފަރުބަދައެއްގެ މައްޗަށް ފޮނުއްވި ފަރުބަދަ ހުރި ސަރަޙައްދު. އެހެންވެ މި ތަނަށް މަޖައްރުލްކަބްޝިއޭ ވެސް ކިޔާ." ޑރ. އުސާމާ ސަޢުދީ ވިދާޅުވިއެވެ.

މިނާގެ ވާދީގައި އިސްމާޢީލުގެފާނު އަދި ތުއްޕުޅު ބޭފުޅެއްގެ ގޮތުގައި ވަނިކޮށް އިމްތިޙާނަކާ ކުރިމަތިވެ ވަޑައިގަތެވެ. މިފަހަރުގެ އިމްތިޙާނަކީ އެކަލޭގެފާނުގެ މާތް ބައްޕާފުޅަށް ފެނިވަޑައިގަތް ހުވަފެންފުޅެވެ. ނަބީބޭކަލުންނަށް ހުވަފެންފުޅުގައި ފެނިވަޑައިގަންނަވާ ކަންކަމަކީ ވެސް އެބޭފުޅުން ތަބާވެވަޑައިގަންނަވާން ޖެހޭ އަމުރުފުޅުތަކެއް ކަމުން، ހުވަފެންފުޅުގައި ފެނިވަޑައިގަންނަވާ ގޮތަށް އިބްރާހީމްގެފާނު އިސްމާޢީލުގެފާނު ޤުރްބާން ކުރެއްވުމަށް ތައްޔާރުވެވަޑައިގެންނެވިއެވެ. އެއީ ޙަގީގަތުގައި ވެސް ވަރަށް ބޮޑު އިމްތިޙާނެކެވެ.

"އިސްމާޢީލުގެފާނު އޭރު ދިޔައީ ތުއްޕުޅު ޢުމުރުފުޅުން ޒުވާން ޢުމުރުފުޅަށް އަޅައިގަތުމަށް ތައްޔާރުވަމުން. ބައްޕައަކަށް ދަރިފުޅުގެ ކިބައިން އެހީ ލިބޭ ޢުމުރުފުޅާ ގާތްވެފަ. ދެން ހުވަފެންފުޅު ފެނިވަޑައިގަތުމުން އިބްރާހީމްގެފާނު ވަޑައިގެން އެވާހަކަ އިސްމާޢީލްގެފާނަށް ވިދާޅުވި. ދެން އެއްސެވި އެކަމާ މެދުގައި ވިދާޅުވަނީ ކީކޭތޯ. މިއީ ވަރަށް އަޖައިބުވަނިވި ކަމެއް. ވަރަށް ޣަރީބު ހާދިސާއެއް. އިންސާނާއާ އޭނަގެ ދިރިހުރުމާ ބެހޭ ގޮތުން ސުވާލު ކުރެވޭތަ؟ އޭނާގެ ކަތިލެވުމާ މެދު އޭނާއާ މަޝްވަރާ ކުރެވޭތަ؟" އަޙްމަދު ހުލައިލް ވިދާޅުވިއެވެ.

"މި ތަނުގައި އެ ހާދިސާ ހިނގީ. ޤުރުބާން ކުރައްވަން ވެގެން ބޭއްވީމާ އިސްމާޢީލުގެފާނުން ބައްޕާފުޅަށް ވިދާޅުވި. ތިމަންކަލޭގެފާނުންގެ މޫނުފުޅު ބިންމައްޗަށް ވާ ގޮތަށް ބާއްވާށޭ. އަދި ރަނގަޅަށް ވަޅި ތޫނު ކުރައްވާށޭ. އަދި ތިމަންކަލޭގެފާނުގެ މޫނުފުޅަށް ނުބައްލަވާށޭ. އެއީ އެހެންނޫނީ އެކަން ނުކުރުމަށް ކަލޭގެފާނުންގެ ހިތްޕުޅަށް ވަސްވާސް ވަދެދާނެތީއޭ. އަދި ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާ ކުރައްވާށޭ." ޙަސަން ޝާހީން ވިދާޅުވިއެވެ.

އިސްމާޢީލުގެފާނުން އެކަލޭގެފާނުގެ ބައްޕާފުޅުގެ ހުވަފެންފުޅު ތަންފީޒު ކުރެއްވުމަށް ރުހިވަޑައިގަތުމުން އެއިމްތިޙާނުން ކާމިޔާބުވެ ވަޑައިގެން އިލާހީ ޙިކުމަތުން އެބޭކަލުންނަށް ދައްކަވަން އޮތް ކަންކަން ފެނިވަޑައިގަތުމުގެ ފުރުޞަތު ތަނަވަސްވީއެވެ.

"މި އިމްތިޙާނުން އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ކާމިޔާބުވިޔަ ނުދިނުމަށް ޓަކައި އިބިލީސް ގޮސް ވަސްވާސް ދިން. ފުރަތަމައަށް ފުރަތަމަ ޖަމްރާ ކައިރިން. އެއީ ﷲ ގެ އަމުރުފުޅަށް އެ ދެ ބޭކަލުން ބޯނުލަންބަވާނެ ގޮތެއް ވޭތޯ. މި ފަހަރު ކާމިޔާބު ނުވުމުން ދެން އަނެއްކާ އަނެއް ފަހަރުވެސް ދިމާކުރި. އަދި އެފަހަރު ކާމިޔާބު ނުވުމުން އަނެއްކާ ވެސް ދިމާކުރި. މި ތިން ތަނަކީ ތިން ޖަމްރާ." ޑރ. ޢަބްދުﷲ އަބޫސައިފް ވިދާޅުވިއެވެ.

އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނު އެއްވެސް ޝައްކެއް ނެތި ﷲ ގެ އަމުރުފުޅު ތަންފީޒު ކުރައްވާނެކަން އެކަން އެވަގުތު ބަލަންހުރި ކޮންމެ މީހަކަށް ކަށަވަރުވާ ހިސާބުން ﷲ އިސްމާޢީލުގެފާނުގެ ފިދާއެއްގެ ގޮތުގައި އަދި އިބްރާހީމްގެފާނުގެ ކިޔަމަންތެރިކަމަށް ދެއްވި ހަދިޔާއެއްގެ ގޮތުން ކަންބަޅިއެއް ފޮނުއްވިއެވެ. އަދި އެ ދެބޭކަލުންނަށް ފަހު މި އުންމަތުގެ މީހުންގެ ސުންނަތެއް ކަމުގައި އެ ކަތިލުން ހިމެނިގެން ދިޔައެވެ.

"ދެން މިއަށް ވުރެ ބޮޑު އެހެން ކިޔަމަންތެރިކަމެއް އޮންނާނެތޯ؟ ދެން ބާކީ އޮންނާނީ ވެސް ކޮން ކަމެއްތޯ؟ ކުޑަކުޑަ ލޭ ފޮދަކާއި، ކުޑަކުޑަ މަސްކޮޅެއް. އެއީ އިސްމާޢީލުގެފާނުގެ ބަދަލުގައި ކަންބަޅި ކަތިލެވުނީ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

"އިބްރާހީމްގެފާނު މި ހާދިސާއަށް ފަހު މައްކާއަށް ވަޑައިގަތުމުން ﷲ އެކަލޭގެފާނަށް އަމުރުކުރެއްވީ ކަޢުބަތުﷲ ގެފުޅު އަލުން ބިނާކުރެއްވުމަށް. އެހެނީ ކުރީން ހުރި ބިނާވަނީ ތާރީޚުގެ އެހިސާބަށް އައިއިރު ފޮރުވިގެން ގޮސްފައި." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުންނަށް މިހާރު އަޅުގަނޑުގެ ފުރަގަހުން ތި ފެނިވަޑައިގަންނަވާ ފަރުބަދައަކީ ޖަބަލުލްކަޢުބާ. މިއީ ކަޢުބާ ބިނާ ކުރެއްވުމަށް އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުން ހިލަ ނެންގެވި ފަރުބަދަ. އެހެންކަމުން ކަޢުބާ ބިނާ ކުރެވިފައިވަނީ މިފަރުބަދައިގެ ހިލައިން." ޙަސަން ޝާހީން ވިދާޅުވިއެވެ.

ކަޢުބާ އަލުން ބިނާ ކުރެއްވުމުގެ އަމުރުފުޅަކީ ވެސް ފަސޭހަ އަމުރުފުޅެއް ނޫނެވެ. އެތައް ބަޔަކު ހިމެނޭ ޖަމާޢަތަކުން ނޫނީ ނުކުރެވޭ ވަރުގެ ކަމެކެވެ. ހިލަ ކެނޑުއްވުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް އެ ދެބޭކަލުން އެ މަސައްކަތްޕުޅު ކުރެއްވީ އެހެން މީހެއްގެ އެހީތެރިކަމާ ނުލައެވެ. ހަމައެކަނި އެހީ ހޯއްދެވީ ދުޢާއިންނެވެ. ދެން އެދިވަޑައިގަންނަވަމުން ދިޔައީ އެބޭކަލުންގެ ފަހުން އަންނަ ޖީލުތައް ތައުޙީދުގެ މަތީގައި ފައިތަލަ ސާބިތު ކުރެއްވުމެވެ.

"އޭގެ ކުރީން ވެސް ކަޢުބާ ހުރި. އެއީ ބިންމަތީގައި ކުރެވުނު ފުރަތަމަ ބިނާ. އެކަމަކު އިބްރާހީމްގެފާނުގެ ޒަމާނަށް އައިއިރު ހުރީ ތަރަހަކޮޅު އެކަނި. އެ ތަރަހަމަތީގައި އިބްރާހީމުގެފާނުން އެބިނާ ކޮޅަށް ނެންގެވީ." ޑރ. ޢަބްދުﷲ އަބޫސައިފް ވިދާޅުވިއެވެ.

އިބްރާހީމްގެފާނު ޙައްޖަށް ގޮވައިލެއްވުމުން މައްކާއަށް ދިރުން އަތުވެއްޖެއެވެ. އަދި އިސްމާޢީލުގެފާނުންގެ ނަސްލު އިތުރުވެގެން ހިނގައްޖެއެވެ. އެހިސާބުން ޢަރަބީންގެ ތާރީޚުގައި މުޅީން އާ ދަރިކޮޅެއް އުފެދިގެން ދިޔައެވެ. ޢިރާޤުގެ ބައްޕައަކާއި މިޞްރުގެ މަންމައަކަށް ފަލަސްޠީނުގެ ބިމުގައި އުފަންވި އިސްމާޢީލުގެފާނާއި އެކަލޭގެފާނުންގެ ޔަމަނުގެ ޢަރަބިވަންހައެއްގެ އަނބިކަނބަލުންގެ ދަރިކޮޅަކީ މުޅީން ތަފާތު ޢަރަބި ދަރިކޮޅެކެވެ. އިސްމާޢީލުގެފާނުންގެ ބައްޕާފުޅު އިބްރާހީމްގެފާނަކީ ޢިރާޤުގެ ކިލްދާނީ ބޭކަލެކެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ މިޞްރުގެ ރަސްދަރިކަނބަލެކެވެ. މިޞްރަށް އިބްރާހީމުގެފާނު ވަޑައިގަތް އިރު އެކަމަނާ އިންނެވީ ހަނގުރާމައިގެ އަސީރާއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ބައެއް މީހުން އެކަމަނާއަކީ އާދައިގެ ޖާރިޔާއެކޭ ބުނާ ބުނުމަކީ ގޯސް ބުނުމެކެވެ. އެއީ އިސްމާޢީލުގެފާނުގެ ދަރިކޮޅު ނިކަމެތިކޮށްލުމަށް ޔަހޫދީން ފަތުރާ ވާހަކަތަކެކެވެ.

"އައްސައްޔިދާ ހާޖަރުގެފާނަކީ ވަރަށް މަތިވެރި އަންހެން ބޭފުޅެއްކަން އަހަރެމެންނަށް އެނގޭ. އެކަމަނާއަކީ މިޞްރުގެ މާތް އަންހެން ސާހިބުންގެ ތެރޭގައި ހިމެނި ވަޑައިގަތް ބޭފުޅެއް. އިސްލާމްދީނުގެ ބައެއް ޢަދުއްވުން ވާހަކަ ފަތުރާހެން އާދައިގެ އަޅު އަންހެނެއް ނޫން. އެކަމަނާ އަސީރާއަކަށް ވީ ހަނގުރާމައެއްގެ ސަބަބުން. އެއީ މިޞްރުގެ އެންމެ މަތީ ފަންތީގެ ޢާއިލާއެއްގެ ބޭކަނބަލެއް." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

މައްކާގައި އުފެދުނު އާ ޢަރަބި ޖީލުގައި ޝާމިލުވާ ތިންވަނަ ބަޔަކީ ޔަމަނުކަރައިގެ ޢަރަބީންނެވެ. ޔަމަނުކަރައަކީ ޢަރަބީންގެ އަޞްލެވެ. އެމީހުންނަށް މައްކާއަށް އާދެވުނީ ޔަމަނުކަރައިގެ ދިރިއުޅުން އެދުވަސްވަރު ދަތިވެގެން، ވަޒަންވެރިވާނެ ތަނެއް ހޯދުމަށް އުތުރަށް ދަތުރުކުރަމުން ދަނިކޮށެވެ. މައްކާއިން ޒަމްޒަމް ފެން ލިބޭން ހުރުމުން އެމީހުން މައްކާގައި ވަޒަންވެރިވިއެވެ. އިސްމާޢީލުގެފާނު ކައިވެނި ބެއްލެވީ އެމީހުންގެ ތެރެއިންނެވެ. ޢިރާޤުގެ ކިލްދާނީ ލެޔާއި، މިޞްރުގެ ލެޔާއި، ޢާރިބާ ޢަރަބީންގެ ލެޔާ ގުޅިގެން އުފެދުނު މި އާ ޢަރަބި ޖީލު ނުވަތަ މުސްތަޢުރިބު ޢަރަބީން ނުވަތަ އިސްމާޢީލީ ޢަރަބީން ވެގެން ދިޔައީ ވަރަށް ތަފާތު ބަޔަކަށެވެ. އެމީހުންގެ ތެރޭގައި ﷲ ގެ ނަބިއްޔާ އިސްމާޢީލުގެފާނު ހުންނެވިއެވެ. އެންމެ ފަހުން ނުބުއްވަތުގެ ސިއްކަ ޖެއްސެވި ސާހިބާ ވެސް ވަޑައިގަތީ މި ދަރިކޮޅުންނެވެ.

"ސައްޔިދުނާ އިސްމާޢީލު ޢަލައިހިއްސަލާމް އަކީ ދަރިކޮޅުގެ ގޮތުން ބަލާއިރު އިބްރާހީމްގެފާނާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވައްސަލަމައާ ދެމެދުގައި ވާ ހަމަ އެކަނި ނަބިއްޔާ." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

ދުވަސްކޮޅެއް ފަހުން، އިސްމާޢީލުގެފާނުންގެ މަންމާފުޅު ހާޖަރު އަވަހާރަވިއެވެ. އެކަމަނާ ފަސްދާނުލެވުނީ ޙިޖްރުގައެވެ. އެއީ ކަޢުބާގެ ބައެއްގެ ގޮތުގައި ވި ތަނެކެވެ. އޭގެ ފަހުން އިސްމާޢީލުގެފާނުވެސް ފަސްދާނުލެވުނީ ހަމަ މި ޙިޖްރުގައެވެ.

ދުނިޔޭގައި ހުންނެވިއިރު އިބްރާހީމްގެފާނާއި އިސްޙާޤުގެފާނު މައްކާއަށް ޒިޔާރަތް ކުރެއްވުމުގައި ދެމި ތިއްބެވި ފަދައިން އިސްމާޢީލުގެފާނު ވެސް އެކަލޭގެފާނުންގެ އަޚާއާ ބައްދަލުވުމަށް ފަލަސްޠީނަށް ޒިޔާރަތްކުރައްވަމުން ގެންދެވިއެވެ.

"އިސްޙާޤުގެފާނު އުފަންވެވަޑައިގަތީ އިސްމާޢީލުގެފާނަށް ވުރެ ފަހުން. އިބްރާހީމްގެފާނުގެ ފުރަތަމަ ދަރިކަލަކީ އިސްމާޢީލުގެފާނު. ސާއްރާގެފާނުގެ އުމުރުފުޅުން އަށްޑިހަ ހައަހަރުފުޅުވީ އިރު ވެސް އެކަމަނާއަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވާ. އިސްޙާޤުގެފާނުން އުފަންވެ ވަޑައިގަތީ އޭގެ ފަހުން." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

މަލާއިކަތުން އިބްރާހީމްގެފާނަށާއި އެކަލޭގެފާނުންގެ އަނބިކަނބަލުން ސާއްރާއަށް ބޭފުޅަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރުދެއްވިއެވެ. އެއީ އިސްޙާޤުގެފާނުން ކަމާއި އެކަލޭގެފާނަށް ޔަޢުޤޫބުގެފާނުން ދެއްވާނެކަން އެންގެވިއެވެ. އެއީ ޚަލީލު ޝަހަރުގައިވާ އިބްރާހީމްގެފާނުގެ ގެކޮޅަށް އެބޭކަލުން ކުރެއްވި ޒިޔާރަތުގައެވެ. އެއީ ﷲ އެބޭފުޅުންނަށް ދެއްކެވި މޫޖިޒާތެކެވެ. މުސްކުޅިފުޅުވެފައިވާ ދެމަފިރިކަނބަލުންނަށް ބޭފުޅަކު ދެއްވުމުގެ މޫޖިޒާތެވެ.

"މި އުފާވެރި ޚަބަރުގައި ތިން ބައެއް ހިމެނޭ. އެއީ އިސްޙާޤުގެފާނުންގެ ވާހަކަ އާއި، އަދި އިސްޙާޤުގެފާނަށް ޔަޢުޤޫބުގެފާނުން ލިބިވަޑައިގަންނަވާނެ ވާހަކަ އާއި އެ ޢުމުރުފުޅުގައި ސާއްރާއަށް އިސްޙާޤުގެފާނު ލިބުމަށް ފަހު އަދި އިސްޙާޤުގެފާނަށް ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވަންދެން ސާއްރާ ދުނިޔޭގައި އިންނަވާނެކަން. އެހެންވީމާ ފުރަތަމައަށް ބޭފުޅަކު ދެއްވާނެކަން، ދެވަނައަށް ޢުމުރުފުޅު ދިގުވާނެކަމުގެ ޚަބަރު، އަދި ތިންވަނައަށް މާމަވިދާޅުވާ ބޭފުޅުން ދެކެވަޑައިގަންނަވާނެކަން. އަދި މާމަ ދަރިކަލުން ނަބިއްޔަކަށް ވާނެކަން. ދަރިކަލުންނަކީ ނަބިއްޔެއް. މާމަދަރިކަލުންނަކީ ނަބިއްޔެއް. މިޔަށް ވުރެ ބޮޑު ނިޢުމަތެއް ކޮބާ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ޤުރުބާންކުރެވުނު ދަރިކަލަކީ އިސްޙާޤުގެފާނުންނެވެ. އެހެންނަމަވެސް އިބްރާހީމުގެފާނުގެ ސީރަތުން ރަނގަޅަށް ފާޅުވާ ޙަޤީޤަތަކީ ޤުރުބާން ކުރެވުނު ދަރިކަލަކީ ދޮށީ ދަރިކަލުން އިސްމާޢީލުގެފާނުކަމެވެ. އެހެނީ ޤުރުބާންކުރެވުނު ދަރިކަލުންނަކީ އޭރު ހުންނެވި ހަމައެކަނި ދަރިކަލުން ކަމަށް އެނގެން އޮންނާތީއެވެ. އެ ދަރިކަލަކީ އިސްމާޢީލުގެފާނެވެ. މި ހާދިސާ ހިނގާފައިވަނީ އިސްޙާޤުގެފާނުން އުފަންވެ ވަޑައިގަތުމުގެ ކުރީންނެވެ.

"ޤުރުބާން ކުރެވުނު ދަރިކަލުންނަކީ އިސްޙާޤުގެފާނު ކަމަށް ބުނަނީ ޔަހޫދީން. އެހެންވީމާ އިސްޙާޤުގެފާނު ކަމަށް ބުނާ ރިވާޔަތްތަކަކީ އިސްރާއީލީ ރިވާޔަތްތައް. ކޮންމެއަކަސް އިސްޙާޤުގެފާނާއި އިސްމާޢީލުގެފާނަކީ ވަރަށް މަތިވެރި ދެ ނަބިއްޔުން." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އިސްމާޢީލުގެފާނުން އެންމެ ފަހުން ޚަލީލު ޝަހަރަށް ކުރެއްވި ޒިޔާރަތުގައި އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމް ޢަލައިހިއްސަލާމް އަވަހާރަވީ ވަގުތާ ދިމާވިއެވެ. އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު އެދެބޭކަލުންގެ ބައްޕާފުޅު ފަސްދާނުލެއްވީ ސާއްރާގެފާނުގެ ޤަބުރުފުޅާ ޖެހިގެންނެވެ. މިއީ ޚަލީލު ޝަހަރުގައިވާ ޙަރަމްއިބްރާހީމީގެ ދަށުގައިވާ ހޮހޮޅަކޮޅުގެ ތެރޭގައެވެ. އިބްރާހީމްގެފާނު އަވަހާރަވުމުގެ ވަގުތުކޮޅެއް ކުރީން އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނަށް ވަޞިއްޔަތް ކުރެއްވިކަން ނައްޞުތަކާއި ވަސީގާތަކުން އެނގެއެވެ.

އިސްމާޢީލުގެފާނުން އެނބުރި ވަޑައިގަތީ މައްކާއަށެވެ. އަވަހާރަވެސް ވީ މައްކާގައެވެ. އިސްޙާޤުގެފާނުން ހުންނެވީ ފަލަސްޠީނުގައެވެ.

ކީރިތި ޤުރުއާނުގައި އިސްޙާޤުގެފާނަކީ ޞާލިޙުންގެ ތެރެއިންވާ ނަބިއްޔެއްކަން ހާމަ ކުރައްވައިފައިވެއެވެ. އަދި އެކަލޭގެފާނަކީ ތެދުވެރިއެއް ކަމާއި ﷲ ގެ ރަޙްމަތް ލެއްވިގެންވާ ބޭފުޅެއްކަން ބަޔާން ކުރައްވައިފައިވެއެވެ. އެކަލޭގެފާނަކީ ވެސް ތައުޙީދަށް ގޮވައިލައްވައި ބާރު އެޅުއްވި ބޭކަލެކެވެ.

"އަޅުގަނޑުމެންނަކަށް އިސްޙާޤުގެފާނުންގެ މޫޖިޒާއަކާ ބެހޭ މަޢުލޫމާތެއް ނުލިބޭ. އެކަލޭގެފާނު އުފަންވާނެކަމުގެ ޚަބަރާއި އަދި އެކަލޭގެފާނަށް ޔައުޤޫބުގެފާނުން ދެއްވާނެ ކަމުގެ ޚަބަރު ފަދަ މަދު ކަމެއް އަހަރެމެންނަށް އެނގެނީ. ދީނަށް ގޮވައިލެއްވުމުގައި މަސައްކަތްކުރެއްވީ ބައްޕާފުޅުގެ އަރިހުގައި. އިބްރާހީމް ޢަލައިހިއްސަލާމް އަވަހާރަވުމަށް ފަހު، އިސްޙާޤުގެފާނުން ތައުޙީދަށް ގޮވައިލުމުގެ މަތީގައި ފަލަސްޠީނުގައި ދެމި ހުންނެވި. އެކަލޭގެފާނާ މެދު އެނގެނީ މިހާކަށް ހައިވަރަށް. އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވުނީ ފަލަސްޠީނުގަ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އިސްޙާޤުގެފާނުން އަވަހާރަވުމުން އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނުން ވަނީ އިބްރާހީމްގެފާނު ފަސްދާނުލެވިފައިވާ ހޮހޮޅަކޮޅުގައި އެކަލޭގެފާނުން ފަސްދާނު ލައްވާފައެވެ. އޭގެ ފަހުން އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުންގެ އަނބިކަނބަލުން ރިފްޤާ ފަސްދާނުލެވުނެވެ. އަދި މި ތާރީޚީ ހޮހޮޅައިގައި ވަނީ އިބްރާހީމްގެފާނުގެ ޢާއިލާގެ ވަރަށް ގިނަ ބޭފުޅުން ފަސްދާނު ލެވިފައެވެ.

މިއީ ނުބުއްވަތުގެ ޝަރަފު ލިބިފައިވާ ދަރިކޮޅެކެވެ. އިސްމާޢީލުގެފާނުންގެ ދަރިކޮޅުން ނަބީކަމުގެ ސިއްކަ ޖެއްސެވި ސާހިބާއެވެ. އިސްޙާޤުގެފާނުންގެ ދަރިކޮޅުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުންގެ ދަރިދަރިކަލުންގެ ދަރިކޮޅުން އެތައް ނަބީ ރަސޫލުންނެއް ﷲ ފޮނުއްވިއެވެ. އިސްޙާޤުގެފާނުގެ ދަރިކޮޅުގެ އެންމެ ފަހު ނަބިއްޔަކީ ޢީސާ ޢަލައިހިއްސަލާމްއެވެ.

comment ކޮމެންޓް