އަލްޖަޒާއިރު (އޭޕްރިލް 1): އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒު ބޫތަފްލީގާއާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި އެގައުމުން އާ ސަރުކާރެއް އެކުލަވާލައިފި އެވެ.
އަލްޖީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި ރައީސްގެ ކެބިނެޓުގައި ހިމެނޭ 27 މިނިސްޓަރުންގެ ތެރެއިން 21 މިނިސްޓަރުން ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި އާ ފޮރިން، އެނާޖީ އަދި ފިނޭންސް މިނިސްޓަރުން އައްޔަން ކުރުން ހިމެނެ އެވެ. ނަމަވެސް މަގާމުން ވަކިކުރި މިނިސްޓަރުންގެ ތެރޭގައި ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަހުމަދު ގައިދު ސަލާހް ނުހިމެނެ އެވެ.
މިދިޔަ ހަފްތާގައި ސަލާހް ވަނީ ބޫތަފްލީގާއަށް މަގާމުގެ މަސްއޫލިއްޔަތު ނުއުފުއްލެއްވޭ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ދުރުކުރަން ގޮވާލައްވައިފަ އެވެ.
ބޫތަފްލީގާ ގެންދަވަނީ 1999 ވަނަ އަހަރުން ފެށިގެން އަލްޖީރިއާގެ ރައީސްކަން ކުރައްވަމުންނެވެ. އޭނާގެ ރިޔާސީ ތިން ވަނަ ދައުރުގެ ތެރޭގައި ސްޓްރޯކެއް ޖެހިވަޑައިގެން ބޫތަފްލީގާ އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ފުރޮޅުލީގޮނޑިއެއްގަ އެވެ.
އަދި ވެރިކަމުގެ ފަސް ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން މިދިޔަ ފެބްރުއަރީ މަހު ބޫތަފްލީގާ އިއުލާން ކުރެއްވުމާ އެކު ގައުމުގެ ރައްޔިތުން ވަނީ ސިލްސިލާ މުޒާހަރާތައް ކުރަން ފަށައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ވެރިކަމަށް ދެން ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ނެރުއްވި ބަޔާނެއްގައިވާ ގޮތުން އިތުރު ދައުރަކަށް ވާދަ ނުކުރައްވަން ނިންމެވީ ސިއްހީ ހާލުކޮޅު ތަންނުދިނުމާއި އުމުރުފުޅު މާމައްޗަށް ދިޔުމުގެ ސަބަބުންނެވެ. ނަމަވެސް އެއާ އެކު ބޫތަފްލީގާ ވަނީ އެގައުމުގައި އަންނަ މަހުގެ 18ގައި ބާއްވަން އޮތް ރިޔާސީ އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރައްވައިފަ އެވެ.