ތިން ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ ޑޮމިނިކަން ރިޕަބްލިކްއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ޑޭވިޑް އިމަނުއެލް ޕުސް ބަޗަލް އާއި ނެދަލެންޑްސްއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ބޮނީ ހާބޯކް އާއި އަލްޖީރިއާ އިން ރާއްޖެއަށް ކަނޑައެޅި ސަފީރު އަބްދުލްރަޙްމާން ބެންގްރާއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ތިން ބޭފުޅުން ވެސް ވަނީ ރައީސާ ބައްދަލުކުރައްވައިފައެެވެ.
އެގޮތުން ޑޮމިނިކަން ރިޕަބްލިކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ ދެގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ ދެމެދު އޮތް ބަދަހިގުޅުމަށް 12 އަހަރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

ޑޮމިނިކަން ރިޕަބްލިކްގެ އާ ސަފީރު އެމަނިކުފާނު ސަފީރު ކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުން --- ފޮޓޯ ރައީސް އޮފީސް
ހަމައެއާއެކު ދެމެހެއްޓެނިވި ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމާއި ތިމާވެށީގެ ދާއިރާއާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ، ދެ ގައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުންއިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ނެދަލެންޑްސްގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ ދިވެހިންނަށް ވިސާގެ ލުއިތައް ދެއްވުމާ ގުޅޭގޮތުން ނެދަލެންޑްސް ސަރުކާރުން ވިސްނަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރެވި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ދިވެހި ކިޔަވާ ކުދިންނަށް އިތުރު ކުރުން ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ސަރަހައްދީ ރައްކާތެރިކަމާއި ޓެރަރިޒަމާއި ވަގުފާރީގެ އިތުރުން ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ނެދަލޭންޑްސްގެ ސަފީރު ވަނީ އެ ގައުމުގެ އަމިއްލަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އަލްޖީރިޔާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަލްޖީރިޔާއާއި ރާއްޖެއަކީ އިސްލާމީ ސަގާފަތާއި އާދަކާދައިގެ ގޮތުން ވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމުކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ އަދި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ.

އަލްޖީރިއާގެ އާ ސަފީރު އެމަނިކުފާނު ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުން --- ފޮޓޯ ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި އަލްޖީރިޔާގެ ސަފީރު ވަނީ ދެގައުމުގެ ދެމެދު އޮންނަ ތާރީޚީ ބަދަހިގުޅުން ފާހަގަކުރައްވައި ދެގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރާއްޖެއާއި އަލްޖީރިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1988 ވަނަ އަހަރުގައެވެ.