އަންގާރަ ދުވަހު ނަގާ ވޯޓު ވީޓޯ ކުރާނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ދީފި

އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް. ފޮޓޯ/އަލްޖަޒީރާ

އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އަލްޖީރިޔާއިން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓު ދިނުން އަންގާރަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ނަމަވެސް އެ ވޯޓު ވީޓޯ ކުރާނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ވަނީ ދީފައެވެ.

ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ސަލާމަތީ މަޖިލީހަށް މީގެކުރިން ހުށަހެޅި ދެ ގަރާރުވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

"މި ޑްރާފްޓް ގަރާރަށް އެމެރިކާއިން ތާއީދެއް ނުކުރޭ. މި ގަރާރު މި އޮތް ގޮތަށް ވޯޓަކަށް އަތުވެއްޖެނަމަ، ފާހެއް ނުކުރެވޭނެ." އެމެރިކާއިން އދ އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވިއެވެ.

އަލްޖީރިޔާގެ ފުރަތަމަ ހުށަހެޅި ގަރާރު ހުށަހެޅިތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ ހުށަހެޅުމުގެ ސަބަބުން ހަނގުރާމަ ހުއްޓައިލުމަށް ކުރަމުންދާ މަޝްވަރާތަކަށް އަސަރުކޮށްފާނެ ކަމަށް އެމެރިކާއިން އދ އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ލިންޑާ ތޯމަސް ގްރީންފީލްޑް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން އެގޮތަށް ވާހަކަ ދައްކައިފައި އޮތް ނަމަވެސް އަންގާރަ ދުވަހު އެ ގަރާރަށް ވޯޓަށް އެހުމަށް އަލްޖީރިޔާއިން ވަނީ ސަލާމަތީ މަޖީލީހުގައި އެދިފައެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްކުރަން 15 މެމްބަރުންގެ ތެރެއިން މަދުވެގެން 9 މެމްބަރުންގެ ވޯޓު ބޭނުންވާއިރު، އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ އަދި ރަޝިއާއިން ވީޓޯ ކޮށްގެން ނުވާނެއެވެ. އެ ފަސް ގައުމަކީ ވީޓޯކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމެވެ.

ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ހުށަހެޅި ގަރާރަށް ވޯޓަށް އެހުމަށް ތައްޔާރުވަމުން އަންނައިރު، ހަނގުރާމަ މެދުކަނޑާލައި ރަހީނުން މިނިވަން ކުރަން އެއްބަސްވުމަކަށް އައުމަށް އެމެރިކާ، މިސްރު، އިސްރާއީލު އަދި ގަތަރުގެ މެދުގައި އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. އެ މަޝްވަރާތަކަށް މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އަނެއްކޮޅުން މިލިއަނަކަށްވުރެ ގިނަ ފަލަސްތީނުގެ އާންމުން ތިބި ޣައްޒާގެ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައި ހަމަލާދޭން އިސްރާއީލުން އަންނަނީ ތައްޔާރުވަމުންނެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 29،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަނގުރާމައިގެ ސަބަބުން ސާފު ބޯފެނާއި، ކާނާ އަދި ބޭސް ފަރުވާއިންވެސް ޣައްޒާގެ އާންމުން ވަނީ މަހޫރުމުވެފައެވެ.

comment ކޮމެންޓް