ސަރުކާރުތަކުން، މާލޭ ރައްޔިތުން ވަނީ ލޫޓްވާލާފައި: ޑރ. ރަފިއްޔާ

ރޭގެ ޖަލްސާގައި ރަފިއްޔާ އަދި އެމްޑީއޭގެ ލީޑަރު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ފާއިތުވި ސަރުކާރުތަކުން މާލޭގެ ރައްޔިތުން ލޫޓުވާލައިފައިވާ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ޑރ. ރަފިއްޔާ ދަނީ ވާދަކުރަމުންވެ. ރޭ ބެއްވި އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރަފިއްޔާ ވިދާޅުވީ މިއަދު މާލޭގައި ދިރިއުޅެމުންދަނީ ތިން ވަނަ "ޖެނެރޭޝަން"ގެ މީހުން ކަމަށާއި އެމީހުންނަށް މާލޭގައި ބިންކޮޅެއް ނެތް ކަމަށެވެ.

"ކާފަގެ ގޯތި، މާމަގެ ގޯތި ކުދިކޮށްފައި ލިބޭ ތަންކޮޅުން އަޅުގަނޑުމެންނަށް މިއަދު ނެތޭ ފައި ޖައްސާލާނެ ބިންކޮޅެއް. މިއީތޯ ސިޓީއެއްގައި ހުންނަން ޖެހޭނެ ފެންވަރަކީ. މިއީތޯ ދިވެހި ދައުލަތުން އަޅުގަނޑުމެންނަށް ދޭން ޖެހޭ ސާވިސް އަކީ. މިއީ އަޅުގަނޑުމެން ކުރަން ޖެހޭ ސުވާލެއް." ޑރ. ރަފިއްޔާ ވިދާޅުވި އެވެ.

ޑރ. ރަފިއްޔާ ވިދާޅުވީ ކުރިން 2009 ވަނަ އަހަރު ވެސް ބޯހިޔާވަހިކަމަށް އަމާޒުކޮށް "ވެށިފަހި"ގެ ނަމުގައި ޕްރޮގްރާމެއް ހިންގި ކަމަށާއި އެހެން ނަަމަވެސް އެއީ މީހުން މާލެއިން ބޭރުކުރަން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

"އަޅުގަނޑުމެން އާއިލާތަކުން މާމަ ކާފަ ދެއްވި ތަރިކަ މުދާ އަޅުގަނޑުމެންގެ ގޯތިން 200 އެއްހާ އަކަފޫޓު ލިބުނު މީހުން ގޯތި ދޫކޮށްލާފައި ހުޅުމާލެ އިން ގޯތި، ވިލިމާލެއިން ގޯތި. މިއީތޯ އެކަން އޮންނަން ޖެހޭނެ ގޮތަކީ." ޑރ. ރަފިއްޔާ ވިދާޅުވިއެ ވެ.

އޭނާ ވިދާޅުވީ އަޅުގަނޑުމެންގެ ތަރިކަ މުދަލަކީ އެއްވެސް ދައުލަތަކަށް ނެގެން މަޖުބޫރު ކުރެވޭނެ ތަރިކަ މުދަލެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"ގެ ދަށުން މާލޭގެ ކޮންމެ ރައްޔިތަކަށް ވެސް ބިމެއް ލިބެން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ހުއްޓާލާނީ މިތާ މިތިބަ ހުރިހާ ރައްޔިތަކީ ބިންވެރިންގެ ގޮތުގައި ހަދާފައި." ޑރ. ރަފިއްޔާ ވިދާޅުވި އެވެ.

"ދުއިސައްތަ އަކަފޫޓަކީ އޭރު މާލޭގައި ކިޔަސް ތިން ލައްކަ އާއި ފަސްލައްކައާ ދެމެދު ވެލިއު ކުރެވޭނެ އަގު [އެއީ]. އެ ވަރު ބިން ކޮޅެއް އެއީ 200 އަކަފޫޓު. އަޅުގަނޑުމެންނަށް މިދިނީ 1200 އަކަ ފޫޓު ހުޅުމާލެއިން ހިއްކާފައި. އޭރުގެ ބިމުގެ އަގު ކަމަށް ވެއްޖިއްޔާ އެއީ އެއް ލައްކަ ނުވަތަ 150،000 ރުފިޔާ. ކިހާ މޮޅު ވިޔަފާރިއެއްތޯ މިއީ. ދައުލަތުން އަޅުގަނޑުމެންގެ އަތުން ތިން ލައްކަ ނުވަތަ ފަސްލައްކަ ރުފިޔާ އަތުލާފައި އެއް ލައްކަ ރުފިޔާގެ ވެލިއު ހުރި މުދަލެއް އަޅުގަނޑުމެންނަށް ދިނުމަކީ." ޑރ. ރަފިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފާއިތުވި ސަރުކާރުތަކުން މާލޭގެ ރައްޔިތުން ލޫޓުވާލައިފައިވާ ކަމަށާއި އަދި އަޅުގަނޑުމެންގެ ބިން ކޮޅު ނަގައި އެ ބިން ލިބެނީ ނިކަމެތީންނަށް ނޫން ކަމަށެވެ.

comment ކޮމެންޓް