ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް އަމާޒުކޮށްގެން ހޮޓެލިއާ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމް އަންނަަ މަހުގެ ތިން ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ހޮޓެލް ބްރޭންޑުތަކުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށެވެ.
ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދާ މި ފޯރަމްގައި ފަތުރުވެރިކަމާ ގުޅުން ހުރި ކަންތަކާއި މި ދާއިރާ އަށް ދިމާވާގޮންޖެހުންތައް، އަދި އެ ގޮންޖެހުންތައް ހައްލު ކުރާނެ ގޮތްތަކާއި މި ދާއިރާގެ ފުންނާބު އުސް މާހިރުންގެ ތަގުރީރުތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދާނެ އެވެ.
އޭގެ އިތުރުން، ހޮޓެލް ސޭފްޓީ އެންޑް ސެކިއުރިޓީއާއި ދެމެހެއްޓެނިވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ތައުލީމީ ފުރުސަތުތަކާ ގުޅޭ ގޮތުން އެ ފޯރަމުގައި މަޝްވަރާ ކުރާނެ އެވެ. އަދި އެއާޕޯޓުތަކާ އެކު ޓޫރިޒަމް އިންޑަސްޓްރީއަށް އަންނާނެ ކުރިއެރުންތަކާއި، ރީޖަނަލް އެއާޕޯޓްތައް އިތުރުވުމުން ގެސްޓް ޓްރާންސްފާތަކަށް އަންނާނެ ބަދަލުތަކުގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަންހެނުންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން އެ ފޯރަމުގައި މަޝްވަރާ ކުރާނެ އެވެ. އަދި މި ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް ޖީއެމް ފޯރަމްގައި މަޝްވަރާ ކުރަން ވަނީ ނިންމައިފަ އެވެ.
މި އަހަރުގެ ބައްދަލުުވުމުގައި ތަގުރީރު ކުރައްވާނެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަބްދުލް އަޒީޒް އަބްދުލް ހަކީމް (އެންޑީ. އަޒީ) އާއި ޕާލޭ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެގްޒެކެޓިވް ޑިރެކްޓަރު، ޝާހީނާ އަލީ ހިމެނެ އެވެ. އެ ދެ ބޭފުޅުން ވެސް ވާހަކަ ދައްކަވާނީ ތިމާވެއްޓާ ގުޅޭ ގޮތުންނެވެ.
ޖީއެމް ފޯރަމުގެ ބައިވެރިންނަށް؛ ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއި، ކިއުއެންޑްއޭ ސެޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.