މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ވަސީލަތްތަކުގެ ދަތިކަން އެބަހުރި

މޫސުމީ ބަދަލުތަކާ ބެހޭގޮތުން ނިއުޔޯކްގައި ތިމާވެށީގެ މިނިސްޓަރު --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފައިސާ އާއި ވަސީލަތްތަކުގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ނިއުޔޯކްގައި ހުންނަ އދ.ގެ ހެޑްކުއާޓާޒްގައި ބޭއްވި ހައި-ލެވެލް މީޓިންގ އޮން "ކްލައިމެޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފޮ އޯލް"ގައި ދެއްވި ތަގުރީރުގައި މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވައިފައިވާ ކަމެއް ކަމަށެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާ މެދު އަޑުއުފުލައި އަޅަން ޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަށް އެޅުމަށް ފަސްނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ގައުމީ ފެންވަރުގައި ރާއްޖެ އިން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ގައުމުތަކުން ވެސް ލަސްނުކޮށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފަ އެވެ. އަދި ރާއްޖެ ކަހަލަ ވަސީލަތްތައް މަދު ކުދި ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތައް ކުރުމަށް ފައިސާ އާއި ވަސިލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރިއަށްގެންދިއުމަށް، ދެމެހެއްޓެނިވި ގޮތުގައި ފައިސާ ފޯރުކޮށްދިނުމަށާއި އިންސާނީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެން ޖެހޭ ކަމަށާއި މިހާތަނަށް ތަރައްގީވެފައިވާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާއާއި ޕެރިސް އެގްރީމެންޓްގައި ފޯރުކޮށްދޭން ވައުދުވެފައިވާ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފަ އެވެ.

އަދި ގްރީން ކްލައިމެޓް ފަންޑްގެ ރިޕްލެނިޝްމަންޓްއަށް ތަރައްގީވެފައިވާ ޤައުމުތަކުން ފޯރުކޮށްދޭން ވައުދުވެފައިވާ ފައިސާ ލަސްނުކޮށް ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

comment ކޮމެންޓް