"ކޯލިޝަނެއްގެ ތެރެއަށް ވަންނައިރު ގާސިމް އެންމެ ބޭނުންވަނީ އިތުބާރު"

ސަން އޮންލައިންގެ 50 މިނެޓު ޕްރޮގްރާމުގައި އަލީ ވަހީދު -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ކޯލިޝަނެއްގެ ތެރެއަށް ވަންނަ އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ބޭނުންފުޅު ވަނީ އިތުބާރު ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންގެ "50 މިނެޓު" ޕްރޮގްރާމުގެ މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެން އަލީ ވަހީދު ވަނީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ.

އެންމެ ފުރަތަމަ ކޯލިޝަނުގެ ރަނިން މޭޓަކަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަން ހުށަހެޅުމަށް އުޅޭ ކަމަށް ދެކެވުނު ވާހަކަ އަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވީ ގާސިމްގެ އަނބިކަނބަލުންގެ ނަން ހުށަހެޅުއްވުމަށް އޭރު އުޅުއްވީ، ގާސިމް އަށް އެންމެ އިތުބާރު ކުރެއްވޭނެ ފަރާތަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމަށް ވާތީ ކަމަށެވެ. ނަމަވެސް ފަހުން ޖޭޕީގެ ފަރާތުން ރަނިންމޭޓަކަށް ނެރުއްވި، މިހާރު ނައިބު ރައީސް ފައިސަލް ނަސީމަކީ ވެސް ވަރަށް ހިދުމަތްތެރި ބޭފުޅެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ދެ ހާސް ތޭރަ ވަނަ އަހަރު ގާސިމް އާއި އެމްޑީޕީ އިން ކޯލިޝަން ހެދުނު ނަމަ "ފަސް އަހަރު ނުގެއްލުނީސް" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަގީގަތުގައި ވަރަށް ދެރަވާނެ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ކޯލިޝަން ރޫޅިއްޖެ ނަމަ،" ކޯލިޝަން އަށް ވާނެ ގޮތް މަޖިލިސް އިންތިހާބަށް ފަހު ފެންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވަޒީފާއެއްނޫން [މުހިއްމީ]. އަޅުގަނޑު ޔުއެފާ ބީ އަށް ތައްޔާރުވަމުން މި ދަނީ. އަޅުގަނޑު ހަމަ ހެޕީ [އުފާ] ފުޓްބޯޅަ ޓީމެއްގެ ކޯޗުކަން ކޮށްފައި. އަޅުގަނޑުގެ ޑްރީމެއް [ހުވަފެނެއް] އެއީ ކޮންމެ ވެސް ދުވަހަކުން ރާއްޖެ އިން ބޭރުގެ ކްލަބެއްގެ ކޯޗުކަން ކުރުން. އެއީ އަޅުގަނޑު ދާން ބޭނުންވާ ތަން،" ސިޔާސީ ކަންކަމުގައި މަސައްކަތް ކުރަން ފުރުސަތު ލިބިފައި އޮތް ނަމަ ހިދުމަތް ކުރައްވާނެ ކަމަށާއި ފުރުސަތު ނެތް ނަމަ ކުރައްވާނެ ކަމަކީ އެއީ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ "ޖޭޕީ އަށް ހަރާންކޯރުވެފައި ނުދާނެ" ކަމަށެވެ.

ގާސިމް އާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ގިނަ މީހުން ގާސިމް ދޫކުރައްވާ ދިޔައީ ކަމަށާއި 2008ގައި ރައީސް ނަޝީދުގެ ކޯލިޝަން ސަރުކާރު އަދި 2013ގައި ރައީސް ޔާމީންގެ ކޯލިޝަން ސަރުކާރަށް ވެރިކަމަށް އާދެވުނީ ގާސިމްގެ މަސައްކަތުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

comment ކޮމެންޓް