މި މަހުން ފެށިގެން ކަރަންޓު އަގު ހެޔޮކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސައްކަތުގެ 90 ދުވަސް ފާހަގަކުރަން ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކޮށްފައި ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ކުރު މުއްދަތެއްގެ ތެރޭގައި ކޮށްދެއްވުމަށް މި ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ "މާލެ އާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަގު ނައްތާލުމުގެ ސިޔާސަތުގެ ދަށުން އަދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސިޔާސަތުގެ ދަށުން ސަރުކާރުން ގެނައި ހެޔޮ ބަދަލެއް" ކަމަށެވެ.
ރައީސް ވިދާޅުވީ އެ ބަދަލާ އެކު ކަރަންޓް އަގުކުރުމުގައި ޒަމާއްނުއްސުރެ މާލެ އާ އެހެން ރަށްރަށުގައި ހުރި ފަރަގު ނައްތާލެވި މާލޭގައި ކަރަންޓަށް ނަގާ އަގާ އެހެން ރަށްރަށުގައި ނަގާ އަގު އެއްގޮތް ވެގެންދާނެ ކަމަށެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ރަށްރަށުގެ ގޭބީސީތަކުގެ ކަރަންޓު ބިލްތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިސާލަކަށް ގޭބިސީއަކުން ކަރަންޓު ބިލަށް 2200 ރުފިޔާ ހޭދަކުރާ ނަމަ ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 1700 ރުފިޔާ،"
އެމަނިކުފާނު ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީ އާ އެއްވަރަށް އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީ އެއްވަރުކޮށްފައިވާ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކަރަންޓުގެ އަގު ދަށްކުރުމުގެ ސަބަބުން ވިޔަފާރިތަކުން ހަކަތަ އެއްކުރަން ޖެހޭ ހޭދަ ކުޑަވެ ލިބޭ ފައިދާ އިތުރުވެ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދިނުމަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
"މިސާލަކަށް ރަށްރަށުގެ ކަރަންޓު ބިލުތަކުން 4600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް 3400 ރުފިޔާ. މިއީ ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު 1200 ރުފިޔާ،"
ރައީސް ވިދާޅުވީ ޑީސަލުން ނަގަމުން އަންނަ ފަސް ޕަސެންޓްގެ ޑިއުޓީ ސަރުކާރުން ކަނޑާލުމުން ސަލާމަތްވާނެ މިންވަރު ކަނޑައެޅުމަށް ފަހު އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓު ބިލަކުން ފިއުލް ޑިސްކައުންޓެއްދޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
"މި ހެޔޮ ބަދަލު ކަރަންޓު ބިލުތަކުން ފެންނަން ފަށާނެ. ކަރަންޓު އަގުހެޔޮ ކުރަން ނިންމީ މާލެ އާ އަތޮޅުތަކުގެ ފަރަގު ކުޑަކުރުމަށް. އަޅުގަނޑަށް ވިސްނުނީ މި ކަމަކީ ދައުލަތުން ބުރައެއް އުފުލައިގެން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައ.ި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ކަރަންޓުގެ އަގު ހެޔޮކުރަން ނިންމީ،"
ކަރަންޓުގެ އަގު މިއަދު ކުޑަކުރި ކަމުގައިވީ ނަމަވެސް ދުރު ރާސްތާގައި ރާއްޖޭގައި ހަކަތަ އުފެއްދުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަން ޖެހޭ ކަމަށާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނަމަ މިހާރަށް ވުރެ މާ ހެޔޮ އަގުގައި ވެސް ކަރަންޓުގެ އަގު ފޯރުކޮށްދެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.