މިއަހަރުގެ އާތުއަވާ ފާހަގަކުރުން މާޗް 30 ގައި

އާތުއަވާ ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ގިނަ ހަރަކާތްތަކަކާއެކު މިއަހަރުގެ އާތުއަވާ މިމަހުގެ 30 ވަނަ ދުވަހު ފާހަގަކުރަން ނިންމަފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއާ އާތުއަވާ މޯލްޑިވްސް ގުޅިގެން މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތުއަވާ މޯލްޑިވްސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މައީދު މުހައްމަދު ޒާހިރު ވިދާޅުވީ މިއަހަރުގެ އާތުއަވާ ފާހަގަކުރަން ގިނަ ކަންތައްތަކެއް ރާވަމުން އަންނަ ކަމަށެވެ.

އެގޮތުން ޔޫތް ސެންޓަރުގެ ފާރުގައި އަދި ސްޓެލްކޯ ފާރުގައި މިއުރަލް އާޓްވޯކެއް ކުރެހުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ހުކުރު ދުވަހުގެ ހެނދުނު 6:30 އިން 8:30 އަށް މާލޭ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސާފުކުރުމުގެ ހަރަކާތް ފަށްޓާނީ ސްވިމިންގް ޓްރެކް ސަރަހައްދުގައި މަޖީދިއްޔާ ސްކޫލުގެ ސްކައުޓް ކުދިންނާ އެކުގައެވެ.

މިއަހަރަށް ކަނޑައާޅާފައިވާ ޝިއާރަކީ "ކަނެކްޓު އާތް"އެވެ.

"އުންމީދަކީ ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުން. ކޮންމެ އާންމު މީހަކަށްވެސް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ،"

މައީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅު ގެންގުޅުން ނައްތާލުމަށް ޝޮޕިން ބޭގް ހެދުމުގެ ޕްރޮގްރާމެއް ހުކުރު ދުވަހުގެ ހަވީރު 04:00 އިން 6:00އަށް ސަލްޓަން ޕާކުގައި ކުރިއަށްދާނެ ކަމަށެވެ.

އާތުއަވާ ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެ ހަރަކާތް ކުރިއަށް ގެންދާނީ ވުމެން ސެންޓަރުގެ ފަރާތުން ކަމަށާއި ޝޮޕިން ބޭގް ހެދުމަށް ނީޑްލް ކިޓެއް ހިފައިގެން އެ ސަރަހައްދަށް އައުމުން އެ ބޭގް ހެދުމަށް އެ ސެންޓަރުގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު 04:00 އިން 06:00 އަށް ކްލައިމެޓް މާޗް އެއް ހިރިޔާ ސްކޫލު ކުރިމަތިން ފަށާނެ ކަމަށެވެ. އެ ހިނގާލުން ނިންމާލާނީ ހެންވޭރު ދަނޑާ ހިސާބުންނެވެ.

"ވީހާވެސް ހަރަދު ކުޑަކޮށް ބާއްވާ މިއުޒިކް ޝޯ އެއް ހޮނިހިރު ދުވަހުގެ ރޭ 08:00އިން 10:30އަށް ދުވާ ޓްރެކް ސަރަހައްދުގައި އޮންނާނެ،"

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މިއަހަރުގެ އާތުއަވާ ފާހަގަކުރުމަށް ސްކޫލުތަކުގައި ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އާތް އަވާ އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑަބްލިއުޑަބްލިއުއެފުން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ރާއްޖެއިން ބައިވެރިވާން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

comment ކޮމެންޓް