ހއ. މާފިނޮޅުން އެ އަތޮޅު ހޯރަފުއްޓަށް ބަދަލުކުރި އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
މީގެ ކުރިން މާފިނޮޅުގައި އެއާޕޯޓް އެޅުމަށް ނިންމައި ނިމިދިޔަ ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެސް އެމްޓީސީސީއަށެވެ.
ނަމަވެސް މާފިނޮޅުގައި އެއާޕޯޓް ނޭޅުމަށް ނިންމީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް މި ސަރުކާރުން ނުހިންގުމަށް ނިންމާފައިވާތީ ކަމަށް ޝާހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މާފިނޮޅު އެއާޕޯޓުގެ މަޝްރޫއު ހިންގަން އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް 2018 ޖުލައި ގައި ފެށި ނަމަވެސް، އެމްޓީސީސީގެ ހެޑް އޮފް ޕްރޮޖެކްޓްސް އަހްމަދު ލަތީފް ވިދާޅުވީ އެ ރަށުގައި އެއްވެސް ވަރަކަށް ބިން ހިއްކާފައިނުވާ ކަމަށެވެ.
އެމްޓީސީސީއިން މިހާރުވެސް ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތެވެ.
"އަޅުގަނޑުގެ އުންމީދަކީ އިރާދަފުޅު ކުރެއްވިއްޔާ ތިން ހަތަރު ދުވަހެއްގެ ތެރޭގައި މި ޕްރޮޖެކްޓްގައި ސޮއިކުރެވިގެން ދިއުމާއި އެކީގައި މި ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު މިރަށަށް ގެނެސް މި ރަށުގައި މޮބިލައިޒް ކުރުން،" ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވި އެވެ.
ތިން ރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ވެސް ކުރަމުން އަންނައިރު ފުނަދޫ އެއާޕޯޓްގައި އެމްޓީސީސީން ކުރަމަށް ހަމަޖެހިފައިވާ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެ ރަށުގައި ހުރި ހުރިހާ މެޝިނަރީސް ހޯރަފުއްޓަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.