މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ފައިސާ ހިފައިގެން ދަތުރުކުރި މިފްކޯގެ ވޭން --- ސަންފޮޓޯ/ މުޒައްޔިން ނާޒިމް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ވޭނަށް ހަމަލާދީ، ކޯރާޑީއަކުން ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ދެ މިލިއަން ރުފިޔާ ފޭރިގަން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ 19 އަހަރުގެ މީހާ ހައްޔަރު ކުރީ އިއްޔެ ކަމަށާއި އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ. އަނެއް މީހާ ހައްޔަރު ކުރީ ރޭ ކަމަށް ފުލުހުން ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޑަރު އިސްމާއިލް ފައުޒީ އެ ސަރަހައްދުގައި ހުންނަވައި، "ސަން" އަށް އެ ދުވަހު ވިދާޅުވީ، ވޭނުގައި ދެ މިލިއަން ރުފިޔާ ހުންނާނެ ކަމަށާއި އޭރު ވޭން ދަތުތު ކުރަމުން ދިޔައީ އެއާޕޯޓް މަގުން އެ ފައިސާތައް ފެލިވަރަށް ފޮނުވުމަށް ކަމަށެވެ.

"އެ ވޭނަކީ މިފްކޯގެ ޑެލިވަރީ ވޭނެއް. ވޭން ދަތުރު ކުރަމުން ދިޔައީ އެއާޕޯޓަށް ދިޔުމަށް. ފޭރިގެންފައި ވަނީ ފެލިވަރަށް ފޮނުވި ދެ މިލިއަން ރުފިޔާ،" ފައުޒީ އެސަރަހައްދުގައި ހުންނަވާ ސަން އަށް ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ، ވޭނުން ފައިސާތައް ފޭރިގެންފައި ވަނީ ވޭންގެ ދޮރުފަތުގެ ބިއްލޫރިގަނޑު "ކޯރާޑިއަކުން" ހަލާކު ކޮށްލައިގެން ކަމަށެވެ.

މަންޒަރު ދުށް މީހަކާ ހަވާލާ ދީ ފައުޒީ ވިދާޅުވީ، ފައިސާތައް ފޭރިގެންފައި ވަނީ ހަތަރު މީހަކު ކަމަށާއި އެ މީހުން ތިބީ މޫނު ނިވާ ކޮށްގެން ކަމަށެވެ.

މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރިގެންފައި ވާއިރު، ކުރީ ހަފްތާގެ އާދިއްތަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) ބޭންކް ކާއިރިން ވަނީ 2.3 މިލިއަން ރުފިޔާ ފޭރިގެންފަ އެވެ. އެ ހާދިސާގައި ހަ މީހަކު ބަންދުގައި ތިބި އިރު، އަދި ވެސް އެ ފައިސާތައް ވަނީ ނުފެނިފަ އެވެ.

comment ކޮމެންޓް