ނިއު ޒިލެންޑުގެ ހުކުރު ހުތުބާ ޖަޒުބާތުން ފުރިފައި

ނޫރު މިސްކިތުގެ އިމާމު މިއަދު ހުކުރު ހުތުބާ ދެއްވަނީ -- ފޮޓޯ: ރޮއިޓާސް

މިމަހުގެ 15 ވަނަ ދުވަހު ނިއު ޒިލެންޑުގެ ދެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަން ތިބި 50 މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލި ފަހުން، އެގައުމުގައި މިއަދު ވަނީ ފުރަތަމަ ހުކުރު ނަމާދުކޮށްފައެވެ.

އެނަމާދުގައި އިމާމުވެ ހުންނެވީ އެހަމަލާއިން ސަލާމަތްވި އިމާމް ޖަމާލް ފައުދާއެވެ. އަދި އިމާމް ފައުދާ ދެއްވި ޖަޒުބާތުން ފުރިގެންވާ ހުތުބާއިން ގިނަ ބަޔަކު ރޮއްވާލިއެވެ.

މިދިޔަ ހުކުރު ދުވަހު ނޫރު މިސްކިތަށް ހަމަލާ ދިން އިރު އެ މިސްކިތުގައި ގާތްގަނޑަށް 200 މީހުން ތިއްބެވެ. އޭގެ ހަފްތާއެއް ފަހުން މިއަދު އެ މިސްކިތް ކުރިމަތީ ހުކުރު ނަމާދު ކުރި އިރު އެސަރަހައްދަށް ގާތްގަނޑަށް 200،000 މީހުން އެއްވެފައި ތިއްބެވެ. އަދި އިމާމް ފައުދާގެ ހުތުބާގައި ވަނީ މި ދެ ދުވަހުގެ ތަފާތުތައް ފާހަގަ ކުރައްވާފައެވެ.

އެގޮތުން "މިދިޔަ ހުކުރު ދުވަހު އެ މިސްކިތުގައި 50 މީހުން ޝަހީދުކޮށް، 42 މީހުން ޒަހަމްކޮށްލި މީހެއްގެ ލޮލުން ނަފުރަތާއި ރުޅިވެރިކަން" ފެނުނު ކަމަށް އިމާމް ވިދާޅުވި އެވެ. ނަމަވެސް މިއަދު ހަމަ އެތަނުން ފެނިގެންދަނީ "ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ އެތައް ހާސް ނިއު ޒީލެންޑުގެ ރައްޔިތުންނާއި ހިތާއި ރޫހުން އެތަނުގައި ތިބި، ދުނިޔޭގެ އެހެން ގައުމުގެ ރައްޔިތުން" ކަމަށް ވިދާޅުވިއެވެ.

ނޫރު މިސްކިތް ކުރިމަތީ ބޭއްވި ހުކުރު ނަމާދުގައި ބައިވެރިވުމަށް އެތައް ހާސް މީހުން ކްރައިސްޓްޗާޗަށް ދިޔަ -- ފޮޓޯ: ގެޓީ

އަދި އިމާމް ފައުދާ ވަނީ ނިއު ޒީލެންޑަކީ ބައިބައިކޮށްލެވޭނެ ގައުމެއް ނޫން ކަމަށާއި އެއީ ލޯތްބާއި އެއްބައިވަންތަކަމުގެ ނަމޫނާއެއްކަން ހަމަލާ ދިން ޓެރަރިސްޓަށް އެގައުމުން ދައްކުވައިދީފި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އިމާމް ފައުދާ ވަނީ ޝަހީދުންނާ ބެހޭ ގޮތުން ގުރުއާނުގައިވާ އާޔަތެއްގެ މާނަ ވިދާޅުވެފައެވެ.

"މާތް ﷲ ވަހީ ކުރެއްވި. "އަދި ﷲ ގެ މަގުގައި ޝަހީދުވާ މީހުންނާ މެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީ އެވެ." އެޝަހީދުވީ އަޅުގަނޑުމެންގެ ތެރެއިން އެންމެ ރަނގަޅު މީހުން، އެންމެ މާތް ދުވަހު، އެންމެ މާތް ތަނުގައި، އެންމެ މާތް އަޅުކަމުގައި ތިއްބާ،" އިމާމް ފައުދާ ވިދާޅުވި އެވެ.

އެހުތުބާގައި އިމާމް ފައުދާ ވަނީ ނިއު ޒިލެންޑުގެ ރައްޔިތުން މުސްލިމުންނަށް ފޯރުކޮށްދިން އެހީއަށާއި، ބޮޑުވަޒީރު ޖަސިންދާ އާޑާން ދެއްކެވި ނަމޫނާ ލީޑާޝިޕަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިއަދު ހުކުރަށް ދިޔަ، ހިތްވަރުގަދަ މުސްލިމުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން އާއި ގިނަ އަދަދެއްގެ އަންހެނުން ހުކުރު ވަގުތު ބޯ ނިވާކޮށްގެން -- ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން އިމާމް ފައުދާ ވަނީ މިދިޔަ ހުކުރު ދުވަހު ދިން ހަމަލާއަކީ ކުއްލިއަކަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ބައެއް ސިޔާސީ ލީޑަރުންނާއި މީޑިއާތަކުން ފަތުރާ، އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅު ވާހަކަތަކުގެ ނަތީޖާއެއް ކަމަށް ވިދާޅުވެފައެވެ. އިސްލާމްދީނާ މެދު ބިރުވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ކުރިއަށްގެންދާ ކެމްޕެއިންތަކާ ދެކޮޅަށް ދުނިޔޭގެ ސަރުކާރުތަކުން ތެދުވުމަށް ގޮވާލައްވާފައެވެ.

މިއަދު ނިއު ޒިލެންޑުގެ ދައުލަތުގެ ޓީވީންނާއި ރޭޑިއޯއިން ވަނީ ހުކުރު ނަމާދުގެ ބަންގި ބްރޯޑްކާސްޓްކޮށްފައެވެ. އަދި މުޅި ގައުމަށް ވަނީ ދެ މިނިޓުގެ ސުކޫތެއް ގެނެސްފައެވެ.

comment ކޮމެންޓް