އަބޫ ދާބީގެ އެއާލައިން އިތިހާދު އެއާވޭސްއަކީ މީގެ ކުރިން އެހެން އެއާލައިންތައް ބޭންކްރަޕްޓުވާން ދަނިކޮށް އެ އެއާލައިންތައް ސަލާމަތްކޮށްދީ ވައިގެ ތެރޭ އުދުހެވެނެ މަގު ފަހިކޮށްދިން ކުންފުންޏެވެ. ނަމަވެސް ބަނގުރޫޓުވާން ކައިރިވެފައިވާ ކުންފުނިތަކަށް ހަރަދުކޮށް، އިއްތިހާދު އެއާވޭސްއަށް މިއަދު މިވަނީ ހިންދެމިލާން އުނދަގޫވާ ވަރު ވެފައެވެ.
ފާއިތުވި ތިން އަހަރު ތެރޭ 4.7 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ އިއްތިހާދު އެއާވޭސްއިން ވަނީ އެލިޓާލިއާ، އެއާ ބާލިން އަދި ޖެޓް އެއާވޭސްއަށް އިންވެސްޓުކޮށްފައެވެ. މެދުއިރުމަތީގެ އެންމެ ބޮޑު އެއް އެއާލައިނަށް މިއަދު ބޮޑު ދަރަންޏެއް ކުރިމަތިވެފައިވާއިރު، އެ ކުންފުންޏަށް އޮތް އެންމެ ފަސޭހަ ހައްލަކީ އެމިރޭޓްސް އާ މާޖުވެ، ދެ ކުންފުނި އެއް ކުންފުންޏެއްގެ ގޮތުގައި ހިންގުމެވެ. މިއީ މިހާރުވެސް އެކި ފަހަރުމަތިން މަޝްވަރާ ކުރެވިފައިވާ ކަމެކެވެ.
ޔޫއޭއީއަކީ މެދުއިރުމަތީގެ ޓްރެވަލް ހަބްގެ ގޮތުގައި ސިފަކުރެވޭއިރު އެމިރޭޓްސްއާއި އިއްތިހާދަކީ ދުނިޔޭގެ ހުރިހާ ބައްރަކުން ޔޫއޭއީއަށް ދަތުރުވެރިން އުފުލާ ދެ އެއާލައިނެވެ. އެމިރޭޓްސްއަކީ އިއްތިހާދާ ހިލާފަށް ބޮޑު ފައިދާއެއްވާ ކުންފުންޏަކަށް ވެފައި، މި ދެ އެއާލައިނަކީވެސް ޔޫއޭއީގެ ގައުމީ ދެ އެއާލައިނަށް ވުމުން ދެ ކުންފުނި އެއްކޮށް މަސައްކަތް ކުރުމުގައި މާ ބޮޑު އުނދަގުލެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެއެވެ.
އިއްތިހާދަށް ކުރިމަތިވެފައިވާ މާލީ ދަތިކަމާހުރެ، އެމިރޭޓްސް އާ މާޖުވުމުގެ މަޝްވަރާތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މި ދެ އެއާލައިން އެއްކޮށްލައިގެން ހިންގުމަކީ އަވަސް މުސްތަގުބަލެއްގައި ވެދާނެ ކަމެއް ނޫންކަމަށް އެއާލައިން އިންޑަސްޓްރީގެ ކޮންސަލްޓަންޓަކު ވަނީ ބުނެފައެވެ. އެއް ސަބަބަކީ އެއް އަހަރުން އަނެއް އަހަރަށް އިއްތިހާދު އެއާލައިންސްއިން އެމީހުންގެ ލޮސް ކުޑަކުރުމެވެ.
ނަމަވެެސް އެމިރޭޓްސްއާއި އިއްތިހާދަކީ އެއް މާކެޓަކަށް ކޭޓާ ކުރާ ދެ އެއާލައިނަށް ވެފައި، އެ ދެ އެއާލައިން ގުޅިގެން މަސައްކަތްކުރުމަކީ "އެފިޝިއަންޓް" ކަމަކަށް ވާނެ ކަމަށް ދާއިރާގެ ކޮންސަލްޓެންޓް ވަނީ ބުނެފައެވެ. - އެމިރޭޓްސް އަކީ ދުބާއީގެ އެއާލައިިން އެކެވެ. އިއްތިހާދުގެ ހަބަކީ އަބޫދާބީއެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަނުން ލަފާކުރާގޮތުގައި 2037ގެ ނިޔަލަށް ގަލްފް ސަރަހައްދަށް ދަތުރުކުރާ މީހުންގެ އަދަދު މިހާރަށްވުރެ 290 މިލިއަން އިތުރު ވާނެއެވެ.