ރިލްވާން މައްސަލާގައި އުމަރު: "އަޅުގަނޑުމެން ނުފުރޮޅާ ގަލެއް ނޯންނާނެ މި ސަރުކާރު ފުރޮޅާކަށް"

ރިލްވާންއަށް ވީގޮތް ތަހުގީގުކުރުމަށް އެދި ބޭއްވި މުޒާހަރާއެއްގެ ތެރެއިން---

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ކުރީގެ ސަރުކާރުން ނުފުރޮޅާ ގަލެއް މިހާރުގެ ސަރުކާރުން ފުރޮޅަން ނޯންނާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދެހާސް ސާދަވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލްއަށް ވަންނަނިކޮށް ފެނުނު ފަހުން ރިލްވާނުގެ ހަބަރެއް ވެފައެއް ނުވެއެވެ. އޭނާ ގެއްލުނުތާ ފަސް އަހަރު ވާން ކައިރި ވެފައިވާއިރު ރިލްވާން އަށް ވީގޮތް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ގެއްލުވާލެވިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދޭނެކަމުގެ ވައުދާއެކުއެވެ. މި މައްސަލަތައް ބެލުމަށް ހާއްސަ ކޮމެޓީ އެއް އެކުލަވާލާފައިވާއިރު އެ މައްސަލާގައި ދައުވާ ކުރި ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެއެވެ.

ރިލްވާނު ގެއްލުނުއިރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރެވެ. ސަން އޮންލައިންގެ 50 މިނެޓު ޕްރޮގްރާމުގައި އުމަރު ވަނީ ރިލްވާނު ހޯދުމަށް އުމަރު މިނިސްޓަރު ކަމުގައި ހުންނެވި މަސައްކަތް ހިއްސާކުރައްވައިފައެވެ.

"ރިލްވާން ވަގަށް ނެގިކަމަށް އަޅުގަނޑުމެން ބަލަނީ. ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުން ކުރިން އޭނަ ހޯދޭތޯ. ސިފައިންގެ އެހީތެރިކަންވެސް އަޅުގަނޑުމެން ހޯދިން. ޑައިވަރުން ފޮނުވައިގެން ކަންތައްތައް ކުރެވުނު. އޭނަ ވަގަށް ނެގީކަމަށް ތުހުމަތު ކޮށްގެން ބަޔަކު ހައްޔަރުވެސް ކުރިން. ހައްޔަރުކޮށްގެން އެމީހުން ޖަލުގައި ވެސް ގެންގުޅުނިން. އެކަމަކު އެމީހުންގެ މައްޗައް ޝަރުއީ ކޯޓެއްގައި ސާބިތުކުރަން ބޭނުންވާ ވަރަށް ހެކި ނުލިބުނީ،"

އުމަރު ވިދާޅުވީ ސީދާ ރިލްވާން މަރުވިކަމަށް ދަންނަވަން ނުކެރޭނެ ކަމަށާއި މީހަކު މަރުވިކަމަށް ބުނެވޭނެ ޝަތުރުތައް ރިލްވާނުގެ މައްސަލާގައި ފުރިހަމަ ނުވާކަމަށެވެ.

"އޭނާ ވަގަށް ނަގައިފިކަމަށް ތަހުގީގަށް ފެނުނު. އެހެންވީމާ އޭނާ ހޯދުމުގެ މަސައްކަތް ކުރެވެނެ ހުރިހާ ގޮތަކަށް އަޅުގަނޑުމެން ކޮށްފައި އޮތީ،"

"ރިލްވަނުގެ ކޭސްއަކީ އެއްގޮތަކަށްވެސް ސިޔާސީ ކޭސްއެއް ނޫން"ކަމަށް އުމަރު ވިދާޅުވިއެވެ.

"ޔަގީން ކަމާއެކު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ފުރޮޅާނުލާ ގާކޮޅެއް ވަކި ނޯންނާނެޔޭ މި ސަރުކާރު ފުރޮޅާކަށެއް. އަޅުގަނޑު ހައިރާންވާނެ އާ ގާކޮޅެއް ފުރޮޅާލާފިއްޔާ، އެ ގާކޮޅުގެ ދަށުން ޖަވަހިރެއް ފެނިއްޖެއްޔާ،"

އުމަރު ވިދާޅުވީ ރިލްވާނުގެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އެންމެ ކަމެއް ފުރިހަމަ ނުވެ އޮތީ. އެއީ އަދީބާ ސުވާލުކުރުން. އަދީބު ހުރީ ވަޒީރަކަށް. އޭނަ އާ ސުވާލު ކުރަން ބަލާއިރު އަނެއްކާ އެހާ ބަރުދަން ހުރި ހެއްކެއްވެސް ނެތް،" އުމަރު ވިދާޅުވިއެވެ.

އަދީބާ ސުވާލުކުރަން ބޭނުންވީ ރިލްވަން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހުންނާ އަދީބާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭތީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް