ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ފަނޑިޔާރުގެއިން ވަކި ގޮތްތަކަށް ނިންމުންތައް ނިންމާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ފާޑުވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނ. ވެލިދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރުގެ ވައުދުތައް ނުފުއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. އަދި އެންމެ ފަހުން ބޮޑު ބަޣާވާތަކާ ހިސާބަށް ކަންތައްތައް ދާނެކަމަށްވެސް ވިދާޅުވިއެވެ.
މެޖޯރިޓީ ނުލިބިއްޖެނަމަ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހަޅައި، ޖުޑިޝަރީގެ ތެރެއިން ގާޒީންނާއި ފަނޑިޔާރުން ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. ޝައިނީ ވަނީ ނަޝީދު ދެއްކެވި ވާހަކަފުޅުގެ މާނައަކީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރާ އެއްކޮޅަށް ފަނޑިޔާރުގެއިން ހުކުމްތައް ކުރާނެކަންތޯ ސުވާލު އުފައްދައިފައެވެ. އެހެން ކަމަށްވާނަމަ އެ ދެކެވެނީ ޖުޑިޝަރީއަށް ބާރު ފޯރުވުމުގެ ވާހަކަކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ފުރަތަމައިނުން މި ވިދާޅުވެވުނު ވާހަކައަކަށް އެބަ ޖެހޭ ވިސްނަން. އޭގެ މާނައަކީ މިހާރު ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރު ބޭނުންވާ ގޮތަށް ޖުޑިޝަރީއިން ނިންމަނީއޭތޯ؟ އެހެންވެއްޖެއްޔާމުން ޖުޑިޝަރީއަށް ބާރު ފޯރުވައިފި ދެއްތޯ؟" ރޭ ޝައިނީ ވިދާޅުވިއެވެ.
"ވަކި ޕާޓީއެއް މެޖޯރިޓީގައި އޮވެގެން އެއްވެސް ގޮތަކަށް ހުކުމެއް އައިސްގެން ނުވާނެ. އެކަމަކު އެހެން އެ ވިދާޅުވެވެނީ، މިހާރުގެ ސަރުކާރުގެ ބާރު އޮތީމައި އެތާ [ފަނޑިޔާރުގޭގައި] ތިބި މީހުން ވަކާލާތުކުރަނީ ނުވަތަ ކަންކަން ނިންމަނީ ސަރުކާރާ އެއްކޮޅަށޭ،" ޝައިނީ ވިދާޅުވިއެވެ.
މެޖޯރިޓީ ނުލިބިއްޖެނަމަ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން ފާޑުވިދާޅުވަމުން ޝައިނީ ވިދާޅުވީ ވަޒީރަކު ހުވާ ކުރައްވައިގެން ހުރެ މަސްއޫލިއްޔަތު އަދާ ނުކުރައްވައި ގާނޫނާ ހިލާފުވާނަމަ އެ ވަޒީރަކާ މެދު އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ.
ޝައިނީ އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށް ބުނުމަކީ ރައްޔިތުން ބްލެކްމެއިލްކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ސަރުކާރު ކޯލިޝަނުން ނުކުތީ ވައުދުތަކާ އެކު ކަމަށާއި ނަމަވެސް އޭރު އެކަންކޮށްދޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށް ބުނެ ޝަރުތު ނުކުރާ ކަމަށެވެ.
"މިއީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން ބްލެކްމެއިލް ކުރުން. ކުރީގެ ވެރިކަމަށް ވަޑައިގަންނަވަން ވެގެން މެނިފެސްޓޯ ހިފައިގެން ވަޑައިގެންނެވި އިރު ވިދާޅެއް ނުވޭ، ކޮޮންޑިޝަނެއް ނުކުރޭ އަޅުގަނޑުމެންނަށް މަޖިލީސް ލިބުނީމާ ނޫނިއްޔާ އެއްވެސް ކަމެއް ނުކުރެވޭނެއޭ. އެކަމަކު މިހާރު މިބުނަނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރެވޭނީ މަޖިލިސް މެޖޯރިޓީ ދިނިއްޔާއޭ،"
ޝައިނީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އަންނަނީ ވަކި ބަޔަކަށް ނުވަތަ ވަކި ޕާޓީއަކަށް މަސައްކަތްކުރަން ނޫންކަން ކަމަށެވެ. އަދި ސިޔާސީ ޕާޓީތުގެ ގާނޫނާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރަން ޖެހޭނީ ރައްޔިތުން ބައިވެރިކުރުމުގެ ގޮތުން ހުރިހާ އެންމެންނަށް ޕްލެޓްފޯމެއް ހޯދައިދޭން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހާ ބެހޭ ގާނޫނު އަސާސީގެ ތިންވަނަ ޗެޕްޓާގެ މާއްދާތަކުގެ ތެރެއިން 75 ވަނަ ނަމްބަރޭ އަޅުގަނޑު ހަނދާން ވަނީ، އޭގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަަސައްކަތްތައް ބަޔާންކޮށްދީފައި ހުންނަ އިރުވެސް، އެއީ އެއްވެސް މީހަކަށް، އެއްވެސް ބަޔަކަށް، މީހެއްގެ ރައްޓެހި މީހަކަށް، އެ މީހަކާ ގުޅޭ ޖަމާއަތަކަށް، އެ މީހުންނަށް ފަހިވާ ގޮތަށް ގާނޫނު ހެދުމުގެ އެއްވެސް ކަމެއް ކުރުމަކީ ސީދާ މަނާ ކަމެއް ކަމަށް. އަޅުގަނޑުމެން ވަކި ޕާޓީއަކަށް، ނުވަތަ ވަކި ޕާޓީއެއްގެ ފިކުރަކަށް ނުވަތަ ވަކި ޕާޓީއަކުން ބުނާ އެޖެންޑާއަކަށް މަސައްކަތް ކުރާކަށް ނޫން މަޖިލީހަށް އަންނަނީކީ،"
އޭނާ ވިދާޅުވީ، ވަކި ބަޔަކަށް މެޖޯރިޓީ ނުލިބުނު ނަމަވެސް، ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގައި މަޖިލީހަށް އަންނަ އެއްވެސް މެމްބަރަކު ނޫނެކޭ ބުނާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ބިލެއް ފާސް ކުރުމުގެ އެންމެ ކުރީގައި ހުދު އޭނާވެސް ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހަށް އަންނަ އެއްވެސް މެމްބަރަކު، ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގައި، ސަރުކާރުން އަދި އަމިއްލަ މެމްބަރަކު ހުށަހެޅި ނަމަވެސް އެއަށް ނޫނެކޭ ބުނާނެއެކޭ. އަނެއް ފަސް އަހަރު ފަހުން ވެސް އަޅުގަނޑުމެން ވޯޓު ހޯދަން ދާން މި ޖެހެނީ ހަމަ އެ ރައްޔިތުން ކައިރިއަށް،" ޝައިނީ ވިދާޅުވިއެވެ.