މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީ އިން ދޭ ބަހުގެ ހިދުމަތާއި އެމްޕީއެލް އިންދޭ ބަހުގެ ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
މާލެ އާއި ހުޅުމާލެ އާއި ދެމެދު އެމްޕީއެލް އިން ބަހުގެ ހިދުމަތްދެނީ ފަތިހު 5:40 އިން ރޭގަނޑު 23:00 އާ ދެމެދު އެވެ. އެމްޓީސީސީ އިން ފެރީގެ ހިދުމަތްދެނީ 5:30 އިން ފެށިގެން 12:30 އާ ހަމައަށެވެ.
"ސަން" އިން ސުވާލު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފެރީ އާއި ބަހުގެ ހިދުމަތުގެ ވަގުތު އިތުރުކުރުމަށް ރައްޔިތުން އެދޭ ކަމަށާއި އެހިދުމަތްތައްދޭ ކުންފުނިތަކާ އެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ.
ރޭގަނޑު 12:30ގެ ފަހުން ފެރީ ދަތުރުތައް މެދުކަނޑާލުމަކީ ޝިފްޓު ޑިއުޓީ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނަށް ކުރިމަތިވެފައިވާ ދައްޗެކެވެ.
"ކޮންމެ ފަހަރަކު 100 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑު އެއްޗެއް ދީގެން ޓެކްސީގައި ދިޔުމަކީ އުނދަގޫ ކަމެއް،" މާލޭގައި ވަޒީފާ އަދާކުރާ، ހުޅުމާލޭގައި ދިރިއުޅޭ މެދުއުމުގެ އަންހެނަކު ބުންޏެވެ.
ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ އިރު ހެލްމެޓު އެޅުމަށް މަޖުބޫރު ކުރުމާ އެކު ފެރީ ދަތުރުތަކަށް ބާރުބޮޑުވެފައިވާ ކަމަށް އެމްޓީސީސީ އިން މިއަދު ބުންޏެވެ. އެކުންފުނީގެ ޓްރާންސްޕޯޓު ޑިޕާޓްމެންޓުގެ ހެޑް ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހުން މަދުކޮށް، ޕާކިން ޖާގަ ނެތުމުގެ މައްސަލައަށް ހައްލު ހޯދުމަށް ގްރޭޓާ މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތް ހަރުދަނާކުރުން މުހިއްމު ކަމަށެވެ.