ޖޭޕީގެ ނިންމުމާ ދެކޮޅަށް ވާހަަކަ ދެއްކެވުމުން މާރިޔާގެ ތައުރީފު ނަހުލާއަށް!

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަދި ޑިފެންސް މިނިސްޓަރު މާރިޔާ --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ނިންމި ނިންމުމާ ދެކޮޅަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބަސް ބުނުމުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ނަހުލާ އަށް ތައުރީފު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީން އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ 32 ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމުން ނަހުލާ ވަނީ އެކަމަށް ފާޑު ވިދާޅުވެ މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން، ނަހުލާއަށް ތައުރީފް ކުރައްވާ މާރިޔާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަހުލާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ މަގްބޫލު އެއް ވަޒީރު ކަމަށާއި ނަހުލާ އަކީ އެކަމަކަމަނާ ގަބޫލުކުރާ އުސޫލުތަކެއްގައި ހިފަހައްޓަވާ މިނިސްޓަރެއް ކަމަށެވެ.

"ނަހުލާ އަބަދުވެސް އޭނާ ގަބޫލު ކުރާ އުސޫލުތައް ހިފަހައްޓަން ވާހަކަ ދައްކާ، އަދި ޕާޓީއިން ހިފަހައްޓަން ޖެހޭ ހަމަތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާ،" މާރިޔާ ނަހުލާ އަށް ތައުރީފު ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދުވަހަކު ވެސް މާފު ނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަމަަށް ނަހުލާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މިދިޔަ ހަފްތާގައި ވަނީ އެޕާޓީގެ ފަރާތުން ވާދަ ނުކުރައްވާ ދާއިރާތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަން އިއުލާން ކޮށްފަ އެވެ. އަދި އެގޮތަށް ނިންމެވީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގައި އެކުގާ ވާދަ ކުރުމަށް އެއްބަސް ވެފައިވާ އެއްބަސް ވުމާ ހިލާފުވުމުން ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީގެ އެ ނިންމުމަށް އެ ޕާޓީގެ ބައެއް އިސްބޭފުޅުންވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

https://sun.mv/116727

comment ކޮމެންޓް