ޔާމީނަކަށް މާފެއް ނެތް، ޕީޕީއެމް ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރާނަން: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމަށާއި ޔާމީނުގެ ތާއީދުގައި މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ ޔާމީންގެ ތާއީދުގައި ޕީޕީއެމް ޕީއެންސީއިން ނުކުންނަ 32 ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އަދި ގާސިމް އިބްރާހިމް ވަނީ ޔާމީން ހައްޔަރުން ދޫކޮށްލަންވެސް ގޮވާލާފަ އެވެ.

އެގޮތަށް އެކަން އޮއްވައި މިރޭ ހުޅުމާލޭގައި އަލަށް ހުޅުވި ރިޓްރީޓް ހޮޓެލް ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައިވެސް ވިދާޅުވި ގޮތަށް އޭނާ ދުވަހަކުވެސް ޔާމީނަށް މާފު ނުކުރާނެ ކަމަށެވެ.

"ކެމްޕެއިނުގައި ބުރަ މަސައްކަތްކޮށް ރައްޔިތުން ކިބައިން ސަލާން ޖެހީ ޔާމީންގެ ވެރިކަން ނިންމައި ރައްޔިތުންނަށް އަމާން އޮމާން މިނިވަން މާހައުލެއްގައި ނޭވާލައިގެން ދިރިއުޅޭނެ ވެރިކަމެއް ގާއިމް ކުރަން." ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ ހިދުމަތުގައި ހުރި ރައްޔިތުންގެ ހާދިމެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ވަޒީރެއް ކަމަށެވެ. އަދި "ވައުދާ އެއްގޮތަށް ދެމި ހުންނާނީ ރައީސް ސޯލިހަށް އިހުލާސްތެރިއެއްގެ ގޮތުގައި ވެރިކަން ދެމެހެއްޓުމަށް" ކަމަށް ނަހުލާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޕީޕީއެމް އަދި ޕީއެންސީއަށް ތާއީދު ކުރާކަން އިއުލާނު ކުރުމާއި ގުޅިގެން އެ ޕާޓީން ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި އެހެން ބައެއް މިނިސްޓަރުންވެސް ވަނީ އެ ނިންމުމާ ދެކޮޅަށް ބަސް ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ޕާޓީގެ ނިންމުން ގަބޫލުނުކޮށް ޓްވީޓްކޮށްފައިވާއިރު، އެޕާޓީގެ ނައިބު ލީޑަރު އަދި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުވެސް ވަނީ ޖުމްހޫރީ ޕާޓީގެ އެނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ޑރ. ހުސައިން ރަޝީދު ކުރެއްވި ޓްވީޓެއްގައިި ވިދާޅުވީ، ހަގީގީ ޖުމްހޫރީ ޕާޓީގެ މެމްބަރަކު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓަކަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

comment ކޮމެންޓް