މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ތާއީދެއް ނުކުރަން: ރައީސް ނަޝީދު

ރައީސް ނަޝީދު އެމްޑީޕީ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: އޭނާ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމަށް ތާއީދު ނުކުރާ ކަމަށް -- ފޮޓޯ/ އެމްޑީޕީ

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ތާއީދު ނުކުރައްވާ ކަމަށާއި އެފަދަ ވާހަކައެއް ދައްކަވާފައިނުވާނެ ކަމަށް ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫގައި ރޭ ބޭއްވި އެމްޑީޕީ މަޖިލިސް ކެމްޕެއިން ޖަލްސާގައި ނަޝީދު ބަނގުރަލާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަކާ ގުޅިގެން ބައެއް ފަރާތަތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އާންމުންގެ ފާޑު ކިޔުންތަކަށް ރައްދު ދެއްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ހުއްދަ ދިނުމަށް އެމަނިކުފާނަށް ނުފެންނަ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރުމަށް ވިދާޅުނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ހިތާމައަކީ، ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މިވާހަކަ މިގޮތަށް ފަތުރަނީ ރާއްޖޭގެ އެންމެ ގިނައިން ރާ ވިއްކާ ފަރާތްތަކާ ގުޅިގެންކަމުން،" ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްތަކުގައި ޓުއަރިސްޓް ގެސްޓްހައުސް ވިޔަފާރި ކުރުމަށް ހުއްދަ ދިން އިރު، އެއީ އެތައް "މިލިއަން، މިތައް ބިލިއަން" ވިޔަފާރިއެއް ކަމަށް ހިތަށް ނާރާނެ ކަމަށެވެ.

"އެހެން ނަމަވެސް ބައެއް ހަގީގަތްތަކެއް ހުރޭ ދުނިޔޭގައި. އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ވިކޭ އެއްޗަކީ ޗޮކްލެޓް، ރަލާއި ސިނގިރޭޓް. އަޅުގަނޑުމެންނަށް އެނގޭ މި އެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފާއިދާ ބޮޑު ވާކަން. މުއްސަނދި ވާކަން،" ނަޝިދު ވިދާޅުވި އެވެ.

އެގޮތުން ގެސްޓްހައުސް ވިޔަފާރި އަކީ، ރާއްޖޭގައި މާ ރަނގަޅަށް ފާއިދާ ނެގެން އޮތް ވިޔަފާރިއެއް ކަން އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިކުމަށް ތާއީދު ނުކުރާ ކަމަށް ނަޝީދު ޓްވީޓް ކުރެއްވި އިރު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާ ގޮތުން ބަނގުރާ ގެންގުޅޭވެނީ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ޓޫރިސް ރިސޯޓްތަކުގައި އެކަންޏެވެ.

comment ކޮމެންޓް