ހެލްމެޓް އަޅައިގެން ފޭރުނު މީހުން ޕެޕާސްޕްރޭ ޖެހި، ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި

މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ހެލްމެޓް އަޅައިގެން ތިބެ މިދިޔަ އާދީއްތަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނީ ވޭންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު އެވެ. އަދި އެ ދުވަހު ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ 23 އަހަރުގެ ދެ މީހުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު "ސަން"އަށް ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލާފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރު ކުރި 18 އަހަރުން ދަށުގެ ދެ ކުދިންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ބީއެޗްއެމްގެ ފައިސާތައް ފޭރުނީ ހެލްމެޓު އަޅައިގެން މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތޫނު އެއްޗަކުން ބިިރު ދެއްކުމަށް ފަހު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މި ހާދިސާ އާ ގުޅޭގޮތުން ބީއެޗްއެމްގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ފައިސާތައް ފޭރުނީ ބީއެޗްއެމްގެ ފައިސާތައް ހިފައގެން ތިބި މުވައްޒަފުންގެ މޫނަށް "ކޮންމެވެސް އެއްޗެއް ޖެހުމަށްފަހު" ކަމަށެވެ.

"އަޅުގަނޑުމެންގެ ފައިސާ ހިފައިގެން އަބަދުވެސް ދާނެ ތިނެއް ނޫނީ ހަތަރު މުވައްޒަފުން. އެ ދުވަހު ޑްރައިވަރު ވޭނުން ފައިބައިގެން ދޮރު ހުޅުވަން ދިއުމާ ދޭތެރޭ އެމީހުން [ފައިސާ ފޭރިގަތް މީހުން] އައިސް ދޮރު ހުޅުވާފައި، ވޭނުގެ ތެރެއަށް ކޮންމެވެސް އެއްޗެއް ޖެހީ. ބޮޑަށް ބެލެވެނީ ޕެޕާސްޕްރޭ ކަމަށް. ޖަހާފައި ދަބަސް ޖަހައިގަނެގެން ފިލީ،" އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބީއެޗްއެމްގެ 2.37 މިލިއަން ރުފިޔާ ފޭރިގަތް ކަމަށެވެ. ފައިސާ ޖަމާކުރަން ދިޔައީ ސެކިޔުރިޓީ އާއެކު ކަމަށް ވެސް ބީއެޗްއެމްއިން ބުންޏެވެ.

"އަޅުގަނޑުމެން އަބަދުވެސް ފައިސާ ޖަމާކުރަން ދަނީ އަޅުގަނޑުމެންގެ ސެކިއުރިޓީއާއެކު. ޑްރައިވަރާއެކު ތިން މުވައްޒަފުން ދާނެ އަބަދުވެސް،"

މީގެ ކުރިން ހުޅުމާލޭގައިވެސް މީހެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައި، ފައިސާތަކެއް ވަނީ ފޭރިގަނެފައެވެ. އެފަހަރު ފައިސާތައް ފޭރިގަނެފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފައިސާތަކެއް ހުޅުމާލޭގައި ހުންނަ އިސްލާމިކް ބޭންކަށް ޖަމާކުރަން ދަނިކޮށެވެ.

ކުންފުނިތަކުގެ ބޮޑެތި އަދަދުގެ ފައިސާއާއި ޗެކު ތަންތަނަށް ގެންދިއުމަށް ފުލުހުންގެ އިންސްޓަލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުންކުރުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.

comment ކޮމެންޓް