ހުޅުމާލޭގައި މީހެއްގެ މޫނަށް ސްޕްރޭ ޖަހައި ފައިސާތަކެއް ފޭރިގަނެފި

ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި މީހެއްގެ މޫނަށް ސްޕްރޭ ޖަހައި ފައިސާތަކެއް ފޭރިގަނެފިއެވެ.

ފުލުހުން ބުނީ ފިއުލް ސަޕްލައި އިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ހިފައިގެން ދިޔަ މީހާގެ މޫނަށް ދެ މީހަކު އައިސް، ސްޕްރޭ ޖަހާ ފޭރިގަތް މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ ފައިސާތަައް ފޭރިގަނެފައިވަނީ ސެންޓްރަލް ޕާކު ސަރަހައްދުން ކަމަށާއި ހާދިސާގެ ރިޕޯޓު ލިބުނީ ހެނދުނު 11:47 ހާއިރު ކަމަށެވެ.

ހުޅުމާލޭ ސެންޓްރޯ މޯލް ތެރޭ ހުންނަ އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް މީގެ ކުރިންވެސް ވަނީ ފޭރިގަނެފައެވެ. ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުން ފައިސާތަކެއް ނަގައިގެން ވޭނަށް އެރުމާ ދޭތެރޭ އެންސިސްގެ ދެ މިލިއަން ރުފިޔާވެސް ވަނީ ފޭރިގަނެފައެވެ.

comment ކޮމެންޓް