ތޫނިސްގެ ހޮސްޕިޓަލެއްގައި 11 ކުދިން މަރުވުމުން، ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ތޫނިސްގެ ރަބްތާ ހޮސްޕިޓަލުގައި 24 ގަޑި އިރު ތެރޭ 11 ތުއްތު ކުދިން ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ތޫނިސް (މާޗް 11): ތޫނިސްގެ ވެރިރަށުގައި ހުންނަ ދައުލަތުގެ ހޮސްޕިޓަލެއްގައި 24 ގަޑި އިރު ތެރޭ 11 ތުއްތު ކުދިން މަރުވުމާ ގުޅިގެން އެގައުމުގެ ހެލްތް މިނިސްޓަރު އަބްދުލް ރައުފް އަލް ޝަރީފް އިސްތިއުފާ ދެއްވައިފި އެވެ.

ތޫނިސްގެ ބޮޑުވަޒީރު ޔޫސުފް ޝާހިދު ވަނީ ޝަރީފްގެ އިސްތިއުފާ ގަބޫލު ކުރައްވާފަ އެވެ. އޭނާ އެމަގާމަށް އައްޔަން ކުރީ މީގެ ހަތަރު މަސް ކުރިންނެވެ. އަދި ރަބްތާ ހޮސްޕިޓަލުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު މަރުވި ކުދިންގެ މައްސަލަ ތަހުގީގު ކުރަން ބޮޑުވަޒީރު ވަނީ އަމުރު ކުރައްވާފަ އެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެކުދިން މަރުވި ކަމަށް ބެލެވެނީ ލޭގެ އިންފެކްޝަނެއް ޖެހިގެންނެވެ.

ތޫނިސްގައި 2011 ވަނަ އަހަރު އޮތް ޒައިނުލްއާބިދީން ބިން އަލީގެ ވެރިކަން ވައްޓާލި ފަހުން އެގައުމަށް ކުރިމަތިވި އިގުތިސާދީ ކާރިސާއިން އަދިވެސް އަރައިގަނެވިފައި ނުވެ އެވެ. އަދި އެގައުމުގެ ރައްޔިތުން ދަނީ ޕަބްލިކް ސެކްޓަރުގައި ކޮރަޕްޝަނުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އޭގެ ސަބަބުން ހިދުމަތްތަކުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް