ޕީއެސްއެމް މަޖިލިސް ބަހުސް ފަށައިފި

ޕީއެސްއެމް އިން ބާއްވާ "މަޖިލިސް ބަހުސް 2019": މަޖިލިސް ބަހުސް މިއަދު ވަނީ ފަށާފައި -- ފޮޓޯ/ ޕީއެސްއެމް

އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްމް) އިން ބާއްވާ "މަޖިލިސް ބަހުސް 2019" މިއަދު ފަށައިފި އެވެ.

ވޭތުވެ ދިޔަ 17 އަދި 18 ވަނަ މަޖިލިސް އިންތިހާބުގައި ވެސް ދައުލަތުގެ މީޑިއާ އިން ވަނީ ދާއިރާތަކަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި މަޖިލިސް ބަހުސް ބާއްވައިފަ އެވެ.

ބަހުސާ ގުޅޭ ގޮތުން މައުލޫމަތު ދެއްވަމުން ޕިއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު މިއަދު "ސަން" އަށް ވިދާޅުވީ، ޕީއެސްއެމްގެ މެންޑޭޓްގައިވާ ފަދައިން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ދިނުމަކީ ޕީއެސްއެމްގެ މަސްއޫލިއްޔަތެއް ކަމާށާއި ޒަމާނުއްސުރެ ދައުލަތުގެ މީޑީއާ އިން ހިންގާ މި ބަހުސްގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އެބޭފުޅުންގެ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓު އެނގިގެން ދިއުން ކަމަށެވެ.

ބަހުސް މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ޕީއެސްއެމް އިން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ބަހުސްގައި އެއްވެސް ތަފާތު ކުރުމެއް ނެތި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުރިހާ ކެންޑީޑޭޓުންނަށް ވެސް ދައުވަތު ދެއްވާފައިވާ ކަމަށެވެ.

އަލީ ވިދާޅުވީ، މިހާތަނަށް އެއްވެސް ކެންޑިޑޭޓަކަށް ދެއްވި ދައުވަތު ބޮލާލައި ޖަހާފައި ނުވާ ކަމަށާއި އެހެން ކަމުން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ބަހުސްގައި ބައިވެރިވުމަށް އެދި ފޮނުވި ދައުވަތު ގަބޫލުކޮށްފައިވާ ކަަމަށެވެ.

ޕީއެސްއެމް އިން މިއަދު މަޖިލިސް ބަހުސް ފަށާފައިވާ އިރު މިއަދު އެންމެ ފުރަތަމަ ބާއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ ބަހުސްއެވެ. ކޮންމެ ދުވަހަކު ވެސް އެއްއަތޮޅުގެ ބަހުސް ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ. އެގޮތުން މިއަދު ހާއްސަކޮށްފައި ވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅަށެވެ.

comment ކޮމެންޓް