ގާނޫނީ ހިދުމަތުގެ ބިލް ގާނޫނު އަސާސީއާ ތައާރުޒު ވާ ނަމަ ކޮމެޓީ މަރުހަލާގައި އެކަން ރަނގަޅު ކުރެވޭނެ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރެލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ހިދުމަތުގެ ބިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓަން އުފައްދާ ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް ބާ އެސޯސިއޭޝަނަށް ދިނުމަށް ސަރުކާރުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
ބިލްގެ މައްދާތަކެއް ގާނޫނު އަސާސީ އާ ހިލާފު ކަމަށާއި އެ ބިލް އެގޮތަށް ބާއްވައިގެން އެޖެންޑާ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.
ރޭ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިލުގެ މައްދާއެއް ގާނޫނު އަސާސީއާ ތައާރުޒު ވާނަމަ ކޮމެޓީ މަރުހަލާގައި އެކަން ހައްލު ކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންވާ ކަމަށެވެ.
އަދި ކޮމެޓީން އެކަން ހައްލު ކުރެއްވުމަށް ފަހު ވީހާވެސް އަވަހަކަށް މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Legal Professions Bill gai Qaanoonu Asaasee aa tha’aaruzu vaa maadhdhaa eh oiy nama, committee maruhalaaga ekan hallukureveyne kamah dheken. Ekan hallu koh, veehaa avahah bill majileehuge thalhumah fonuvan jehey. @qasimibrahim @riyaz_rasheed @hsuood @ibriffath @mvpeoplesmajlis
— Ahmed Muizzu (@AhmedMuizzu) March 10, 2019
މުއިއްޒު އެބިލް އަވަސް ކުރުމަށް އެދިވަޑައިގެންފައި ވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އައްޑޫ ސިޓީގައި ބެއްވި ޖަލްސާއެއްގައި ވާހަަކަ ދައްކަވަމުން ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް ބިލް ނުގެންނަވަނީ ގާސިމްގެ މަސްލަަތު ހިމެނޭތީ ކަމަށާއި އެ ބިލް މަޖިލީހަށް ނުފޮނުވައި ގާސިމް މަޖިލިސް ގަޑުބަޑު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ބިލް އަދިވެސް އޮތީ ކޮމެޓީ މަރުހަލާގައެވެ.