އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވާހާ ދުވަހަކު ގާނޫނީ ހިދުމަތުގެ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާނޫނީ ހިދުމަތުގެ ބިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓަން އުފައްދާ ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް ބާ އެސޯސިއޭޝަނަށް ދިނުމަށް ސަރުކާރުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.
އެ ބިލު އެކުލަވާލާފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައިވާ މެމްބަރު ލަތީފާ ގާސިމްގެ ދައުރު ހަމަ ނުވަނީސް އޭނާގެ މަގާމު ގެއްލޭ ގޮތަށެވެ. މިއަދު އައްޑޫ ސިޓީގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ލަތީފާގެ މަސްލަހަތު ހިމާޔަތް ކުރަން ގާސިމް އެ ބިލު އެޖެންޑާ ނުކުރައްވައި މަޖިލިސް "ގަޑުބަޑު" ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"ގާނޫނު އަސާސީއާ ހިލާފު ކަމެއް ނުކުރާނަން"
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބައެއް ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ތާއީދު ކުރަން ނިންމާފައިވާކަން އިއުލާނު ކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ، ގާނޫނީ ހިދުމަތުގެ ބިލު އެޖެންޑާ ނުކޮށް އުޅެނީ އެއީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ހިމެނޭ ބިލެއް ކަމުން ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ އެދުމެއް އޮތަސް، އަޅުގަނޑެއް ނުކުރާނަން ގާނޫނު އަސާސީއާ ހިލާފަކަށް. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައި އެބަ އޮވޭ، ޖޭއެސްސީއަށް ހޮވޭ މެމްބަރެއްގެ ދައުރަކީ ފަސް އަހަރު ކަމަށް. އެހެން އެކަން އޮއްވާ، ހަދާ ގާނޫނަކުންނެއް ކިހިނެއްތޯއޭ ގާނޫނު އަސާސީގައި ދީފައި އޮތް މެންޑޭ އުނިކޮށްލާނީ ގާނޫނު އަސާސީ ބަދަލުނުކޮށް، އިސްލާހުނުކޮށް،"
"އެޖެންޑާއެއްވެސް ނުކުރާނަން"
ގާނޫނީ ހިދުމަތުގެ ބިލުގެ 67 ވަނަ މާއްދާގައި ބުނެފައިވަނީ ގަނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށްޓަކައި ބާއްވަން ޖެހޭ އިންތިހާބު ބާ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ ވުޖޫދަށް އަންނަ ދުވަހުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި ބާއްވަން ވާނެ ކަމަށެވެ. ލަތީފާ ގާސިމްގެ ޖޭއެސްސީ މެމްބަރު ކަމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު ނޮވެމްބަރު ހައެއްގައެވެ. ނަމަވެސް އެ ބިލު އޮތް ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ ބާ އެސޯސިއޭޝަނުން ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާ ހިސާބުން ލަތީފާގެ މަގާމު އޮޓަމެޓިކުން ގެއްލޭނެއެވެ.
އެގޮތަށް އެ ބިލު ބާއްވައިގެން އެ ބިލު އެޖެންޑާވެސް ނުކުރައްވާނެ ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ.
"އެ ގާނޫނު ހަދާކަށް އަޅުގަނޑު ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް އިންދާ އެޖެންޑާވެސް ނުކުރާނަން. މި ދެންނެވި އެއްޗެއް އެނގިވަޑައިގެންފިތޯ؟ އެ މާއްދާ އެހެން ބާއްވައިގެން އެޖެންޑާވެސް ނުކުރާނަން. އެއީ ގާނޫނު އަސާސީ ހުއްދަ ނުކުރާތީ. ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާ. 24 ގަޑިއިރު ހުޅުވައިގެން ވެސް ކުރާނަން،" ގާސިމް މިރޭ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ގާނޫނީ ހިދުމަތުގެ ބިލާ ބެހޭގޮތުން ލަތީފާ މަޖިލީހަށް މައްސަލަ ހުށަހެޅުއްވި ކަމަށާއި، އެކަން މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ ބެއްލެވި އިރު އެ ބިލުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.
"ވިދާޅުވެބައްލަވާ، އަޅުގަނޑު ލަތީފާ ގާސިމް ގެންނަަން ވެގެންތޯ ނޫނީ އެހެން ކަމެއް ކުރަންތޯ މިކަން މި ކުރަނީ. އެކަމަނާ [ލަތީފާ] އެ މައްސަލަ [މަޖިލީހަށް] ހުށަހެޅުއްވީމާ، އަޅުގަނޑަށް ނުވެސް އެނގޭ އޭރަކުއެއް އެންމެ ފުރަތަމައިނުއްނެއް. ހުށަހެޅުއްވީމާ [މަޖިލީހުގެ] ކައުންސިލާ ޖެނެރަލް ވިދާޅުވީ، އެހާ ބޮޑު ނުބައެއް ނެތޭ. 'އެހާ ބޮޑު ނުބައެއް ނެތް' ފުރަތަމަ ވިދާޅުވީ އެހެން. ދެން ފަހުން ވިދާޅުވީ ގޯސްތަކެއް އެބަ ހުއްޓޭ. އެހިސާބުން އަޅުގަނޑަށް ޖެހުނީ އަމިއްލައަށް އެ ބިލު ފޮނުވާލަން،" ގާސިމް ވިދާޅުވި އެވެ.
ގާނޫނީ ހިދުމަތުގެ ބިލު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަނޭޅިގެން އުޅެނީ ލަތީފާގެ މަސްލަހަތު ހިމާޔަތް ކުރައްވަން ކަމަށާއި ލަތީފާ އެ މަގާމުގައި ހުންނެވުމުން ގާސިމަށް ފައިދާވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް މިއަދު ކުރީގެ ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.